ހުއްޓިފައިވާ ރާއްޖޭގެ ޓޫރިޒަމަށް ދުނިޔޭގެ އެކި ހިސާބުން އުފާވެރި ހަބަރުތަކެއް!

ރާއްޖޭގެ މުޅި އިގްތިސާދު ބިނާވަނީ ޓޫރިޒަމް އިންޑަސްޓްރީއަށޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ކޯވިޑް-19 އާއި ގުޅިގެން މުޅި އިންޑަސްޓްރީ ހުއްޓި އިގްތިސޯދަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާއިރު ވީހާވެސް އަވަ...

13 Jun 2020 | 08:50

ރާއްޖޭގެ މުޅި އިގްތިސާދު ބިނާވަނީ ޓޫރިޒަމް އިންޑަސްޓްރީއަށޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން މުޅި އިންޑަސްޓްރީ ހުއްޓި އިގްތިސޯދަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާއިރު ވީހާވެސް އަވަހަކަށް އިންޑަސްޓްރީ ހުޅުވާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއި އިތުރު ފީތަކަކާއި އެކު ޓޫރިޒަމް ފަށައިގެންނަން ނިންމުމަށް ފަހު މިހާރު ވަނީ އެ ނިންމުންތައް ބަދަލު ކޮށްފައި އެވެ.

އެގޮތަށް ނިންމީ ވީހާވެސް ގިނަ ޓޫރިސްޓުންނެއް ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެ ގެނެވޭގޮތް ހެދުމަށެވެ. ވީހާވެސް ލުއި ފަސޭހަ ގޮތަކަށް މަރުހަބާ ކިޔައިގެން ނޫނީ އަލުން ފަށައި ގެންނަ އިރު ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނާނެ ކަމަށް ގަބޫލް ނުކުރެވޭތީ އެވެ.

ރާއްޖޭގެ ޓޫރިޒަމް އަންނަ މަހުގެ ތެރޭގައި އަލުން ފަށައި ގެންނަ އިރު ދާއިރާގެ ބޮޑެތި ކުންފުނިތަކުން ވަނީ އެމީހުންގެ ރިސޯޓުތައް ޕްރޮމޯޓު ކުރަން ފަށާފައި އެވެ. އަދި ޓްރެވަލް އެޖެންސީތަކުން ވެސް ދަނީ ހާއްސަ ޕްރޮމޯޝަންތައް ކުރިޔަށް ގެންދަމުންނެވެ.

މީގެ ތެރެއިން ހާއްސަކޮށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޓްރެވަލް އެޖެންސީތަކުގެ ސާވޭތައް ދައްކާގޮތުން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އެންމެ މަޝްހޫރީ ރާއްޖެ އެވެ. ކޯވިޑްގެ ބަލި މަޑުކަމަށް ފަހު ގައުމުތައް ހުޅުވާލުމުން ޗުއްޓީ ހޭދަ ކުރުމަށް އެންމެ ގިނަ މީހުން ދާން ބޭނުންވަނީ ރާއްޖެއަށެވެ.

މިފަހުން ދުނިޔޭގެ އެކި ހިސާބުތަކުގައި ހެދި ދިރާސާތަކުގެ ތެރެއިން އެމެރިކާގައި ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ އެ ގައުމުގެ މީހުން ކޯވިޑުގެ ހާލަތުން އަރައިގަނެ ދަތުރުތަކަށް ހުޅުވާލުމުން އެންމެ ދާން ބޭނުންވާ 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. މި ދިރާސާ ކޮށްފައިވަނީ ގޫގުލް މެދުވެރިކޮށް ޓޫރިޒަމާއި ގުޅޭ މައުލޫމާތު ހޯދާފައިވާ ގޮތަށް ބަލައިގެންނެވެ.

ސިންގަޕޫރާއި އިންޑިއާގައި ހެދި ދިރާސާއެއްގައި ބުނެފައިވަނީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ދަތުރު ކުރަން ބޭނުންވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނޭ ކަމަށެވެ. ރާއްޖޭގެ އިތުރުން ދެން އެ ގައުމުތަކުގެ މީހުން ދަތުރު ކުރަން ބޭނުންވަނީ ތައިލެންޑް، ދެކުނު ކޮރެއާ އަދި އިންޑޮނީޝިއާ އަށެވެ.

މެދުއިރު މަތީގެ ގައުމުތަކުގެ 9- އަށްވުރެ ގިނަ ޓްރެވަލް އެޖެންސީތައް ބައިވެރިކޮށްގެން ހެދި ދިރާސާއެއްގައި ބުނެފައިވަނީ އަރަބި ގައުމުތަކުގެ މީހުން ޗުއްޓީއަށް ދާން ބޭނުންވާ ގައުމުތަކުގެ ކުރީގައި އޮތީ ރާއްޖެ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް ރާއްޖެ އަންނަން ބުކިން ހައްދާފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ޓްރެވަލް އެޖެންސީ ކޯނީން ބުނެފައިވާގޮތުގައި އެ އެޖެންސީ މެދުވެރިކޮށް އަންނަ އަހަރަށް ބުކިން ހައްދާފައިވާ މީހުންގެ ތެރެއިން 56 ޕަސެންޓު މީހުން ޗުއްޓީ ހޭދަ ކުރަން ދާން ބުކިން ހައްދާފައިވަނީ ރާއްޖެއަށެވެ. އެ އެޖެންސީން ބުނީ ރާއްޖެ ފިޔަވާ ދެން އެންމެ ގިނަ މީހުން ދާން ބުކިން ހައްދާފައިވަނީ ތައިލެންޑު، އިންޑިއާ އަދި ސްޕެއިންއަށް ކަމަށެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާގެ ޓޫރިސްޓުންވެސް ރާއްޖެއާއި މެދު ދެކޭގޮތް ވަރަށް ރަނގަޅެވެ. ޗައިނާގެ ޓޫރިސްޓުންގެ މެދުގައި ނެގި ހިޔާލު ހޯދުމުގެ ވޯޓެއްގައި ބުނެފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައުމަކީ ރައްކާތެރި ކަމެއް ކަމަށެވެ. އެކަމަށް ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 67 ޕަސެންޓު މީހުން ބުނެފައިވެ އެވެ.

ވޯޓުގައި ބައިވެރިވި 90 ޕަސެންޓު މީހުން ރާއްޖެ އަންނަން ބޭނުންވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ޓޫރިޒަމް މާކެޓްތަކުގެ ތެރޭގައި ހިމެނޭ އިޓަލީގައިވެސް ރާއްޖޭގެ މަގުބަޫލުކަން ކުޑައެއް ނޫނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިންގެ ހިޔާލު ރާއްޖެއާއި މެދު ހުރީ އުންމީދުން ފުރިގެންވާގޮތަށެވެ. އަންނަ މަހު ޓޫރިޒަމް ފަށައިގެންނަ ސީދާ ތާރީހު އަދި އިއުލާނުކޮށްފައި ނުވިޔަސް އޯގަސްޓު އަދި ސެޕްޓެމްބަރު މަހަށްވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ދަނީ ރާއްޖެ އަންނަން ބުކިން ހައްދަމުންނެވެ.

ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ގޮތުން ރާއްޖެ އަންނަ ޓޫރިސްޓުން އަތުން އިތުރު ފީއެއް ނުނަގާނެ އެވެ. އަދި ކޯވިޑަށް ޓެސްޓެއްވެސް ނުކުރާނެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ހުޅުވަން ވާއިރަށް ރިސޯޓުތަކުގައި ދަނީ ރައްކާތެރިކަމުގެ ރަނގަޅު އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ތައްޔާރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް