ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ފަސް މީހެއްގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ އެ ފަސް މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އަނެއް މީހާއަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލުވެސް ސީރިއަސް ކަމަށެވެ.
މީގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުންދަނީ ކޯވިޑް-19 ހާއްސަކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި އެވެ. އަނެއް ދެމީހުންނަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮޮސްޕިޓަލްގެ ކޯވިޑަށް ހާއްސަ އައިސީޔޫ، ޑީއެޗް11 ގައި އެވެ.
ޑރ. މުރާދު ވިދާޅުވީ ހާލު ސީރިސްވެގެން ފަރުވާ ދެމުންދާ މީހުންގެ އިތުރުން ޑިއެޗް11 ގައި އިތުރު މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އެކަމަކު އެމީހާގެ ހާލު މިހާރު ރަނގަޅު ކަމަށާއި ވަރަށް އަވަހަށް އެމީހާ އައިސޮލޭޝަން ވޯޑަށް ބަދަލު ކުރެވޭނެ ކަމަށެވެ.
ޑިއެޗް11 ގައި ކޯވިޑަށް ފަރުވާދެމުންދިޔަ80 އަހަރުގެ މީހަކު މިދިޔަ ހަފްތާގައި މަރުވެފައިވެ އެވެ. އޭގެ ކުރިން ކޯވިޑް-19 ގައި މަރުވި ދެމީހުންނަކީ އައިސީޔޫގައި ފަރުވާ ދިން ދެމީހުންނެއް ނޫނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް955 މީހަކު ޕޮސިޓިވްވެފައިވާއިރު40 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް