ރަމަޟާން މަހަކީ ހެޔޮކަން އިތުރުކުރަން ޖެހޭ މައްސަރެވެ. ހުރިހާ ވައްތަރެއްގެ ހެޔޮކަމެވެ. ގިނަގިނައިން ނަމާދު ކުރަންވީއެވެ. ގުރުއާން ކިޔަވަން ވީއެވެ. ހަމަ އެއާއެކު މި ދުވަސްވަރަށް ވިސްނާލާއިރު ގިނަ ބަޔަކު މިވަނީ އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވެފައެވެ. ގިނަބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. ބައެއް މީހުންގެ މުސާރަ ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. ބައެއް މީހުންނަށް ވަނީ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ އަށް ފޮނުވާފައެވެ. ޝައްކެތް ވެސް ނެތެވެ. މީ މިޖީލަށް ކުރިމަތިވި އެންމެ ދަތި ދުވަސްވަރެވެ.
އެހެންކަމުން ތިމާއަށް ވެވެނު މިންވަރަކުން އަނެކާ އަށް އެހީވުމަކީ ވަރަށް މުހިއްމުކަމެކެވެ. އެކި މީހުންގެ މާލީ ފޯރުންތެރިކަން ހުންނާނީ އެކިވަރަށެވެ. އަޅަމެންގެ ވެރި އިލާހު އެކަން މޮޅަށް ދެނެވޮޑިގެންވެއެވެ.
ސަދަގާތް ކުރުމުގެ ފައިދާ އާއި ސަވާބު
މާތް ﷲ ކީރިތި ގުރުއާނުގެ ބަގަރާ ސޫރތުގެ 261 ވަނަ އާޔަތުގައި އަންގަވާފަވެއެވެ.
" اللَّه ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثال އެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. "
މި އާޔަތުގެ މާނައިން ސަދަގާތް ކުރުމުގެ ސަވާބައި ދަރުމަ ވަރަށް ރަނގަޅަށް ސާފުވެއެވެ. އަޅުގަނޑުމެންގެ ތެރެއިން އެމީހަކު ކުރާ އަޅުކަމުގެ ސަވާބާއި ދަރުމަ އެތައް ސަތޭކަ ގުނައެއް އިތުރުވެގެން ދިއުމަށް ނޭދޭނީ ފަހެ ކާކު ހެއްޔެވެ. ވިސްނާލާށެވެ. ސަދަގާތް ކުރުމުން އޭގެ ސަވާބު އެތައް ގުނައެއް ކުރައްވާނެކަން މި އާޔަތުން އެނގޭއިރު ދެން ނިކަން ވިސްނާލާށެވެ. އެރެއެއްގައި ކުރާ އަޅުކަންތަކުގެ ސަވާބު އެއްހާސް މައްސަރަށް ވުރެ ހެޔޮވެގެންވާ ރޭގައި ސަދަގާތްކުރެވިއްޖެނަމަ ތިބާއަށް ލިބޭނެ ސަވާބާއި ދަރުމަ ވިސްނާލާށެވެ. އަޅަމެންގެ މާތް ރަސޫލާ(ސ.އ.ވ) އަކީ މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ ސާހިބާއެވެ.
އިބްނު އައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. "ނަބިއްޔާ صلى الله عليه وسلم އަކީ މީސްތަކުންގެ ތެރެއިން އެންމެ ދީލަތި ފަރާތެވެ. އަދި އެކަލޭގެފާނުގެ ދީލަތިކަން އެންމެ އިތުރު ވަނީ ރޯދަ މަހުގަ އެވެ.
އޭ ﷲ ދެކެ ލޯބިވާ އަދި އެކަލާގެ ރަސޫލާ (ސ.އ.ވ) ދެކެ ލޯބިވާ އަޅުތަކުންނޭވެ. އަވަސްވެގަންނާށެވެ. އަންނަ އަހަރުގެ ރޯދަ އާއި ހަމައަށް ދުނިޔޭގެ ހުންނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އެބައޮތް ހެއްޔެވެ. ނެތް ނަމަ ލިބިފައިވާ މި ފަހި ފުރުސަތުގެ ބޭނުންކުރާށެވެ.
އަޅުގަނޑުގެ އިލްތިމާސް
ފަހު ދިހައެއްގެ ރޭ ތަކުންގެ ތެރެއިން ކޮންމެ ރެއަކު 100 ރ ސަދަގާތްކުރައްވާ
ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންނަށް މިއަށްވުރެ ގިނައިން ސަދަގާތްކުރެވިދާނެއެވެ. އަދި ބައެއް ބޭފުޅުންނަށް އެ ވަރަށް ނުކުރެވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެމީހަކަށް ކުރެވުނު މިންވަރަކުން ހޭދަކުރާނީއެވެ. އެހެނަސް އަޅުގަނޑުގެ ޚިޔާލަކީ މިރެއިން ފެށިގެން ރޯދަ ނިމެންދެން ކޮންމެ ރެއަކު މަދުވެގެން 100 ރ ތިމާ ދަންނަ ބޭނުންޖެހިފައިވާ މީހަކަށް ޓްރާންސްފަރ ކޮށްލުމެވެ. އޭރުން ލައިލަތުލް ގަދުރިވިލޭރޭގައި ސަދަގާތް ކުރެވުނުކަން ގާތްގަނޑަކަން ޔަގީނެވެ. އެއީ ގިނަ އިލްމުވެރިން ބުރަވަނީ ލައިލަތުލް ގަދުރިވިލޭ ރޭ އޮންނަނީ ފަހުދިހައެއްގައި ކަމަށް ވާތީއެވެ. އެތާގެ ދަށުން ފެންކޯރުތައް ދެމިދެމި ހުންނަ ތަނަވަސްވެގެންވާ ސުވަރުގެ ލިބުމަށް އެދޭ އަޚާއެވެ. އުޚުތާއެވެ. ﷲ ރަހުމަތަށް ތިބާ ވާސިލްވުމުގައި ދުނިޔެވީ އެދުމާއި ފައިސާ އާއި މުދަލަށް އޮންނަ ލޯބި ހުރަހަކަށް ވުމަށް ފުރުސަތު ނުދޭށެވެ. މާދަމާ ﷲ ގެ ދަރުބާރުގައި ހުއްޓި ހުންނަ ދުވަހު އެކަމަކަށްޓަކައި ފަޚުރުވެރިވާނެ ކަންކަން ކުރުމަށް އަވަސްވެގެންނާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް