ޕެންޝަން ފަންޑުގައި ހުރި ފައިސާގައި އަތްލަން ނުޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކޯވިޑް-19 ގެ ހާއްސަ ބިލްގެ ގޮތުގައި މާވަށު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސައީދު ވަނީ ޕެންޝަން ފަންޑުގައި ހުރި ފައިސާ އޭގެ ހައްގުވެރިންނަށް ނެގޭނެ އުސޫލެއް ހިމަނައި ބިލެއް ހުށަހަޅުއްވާފައި އެވެ. އެކަމަކު މި ބިލްގައި ހިމެނޭ ސަރުކާރުގެ ހަރަދާއި އާމްދަނީއާއި ގުޅޭ ކަންކަމާއި ގުޅިގެން ބިލު ވަނީ ދެ ފަހަރު ހުށަހެޅުއްވުމުންވެސް މަޖިލީހުން ބޭރުކޮށްލާފައި އެވެ.
މި ބިލާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާ ނުނަގައި ހަރަދު ކުރާނެ ފައިސާ ދައުލަތުގައި އެބަ ހުރި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޕެންޝަން ފަންޑުގައި އަތްލާން ނުޖެހޭ ކަމަށާއި އެ ފަންޑުގައި އަތްލުމުން ގައުމެއްގެ މާޒީ އެކީގައި ދިޔައީ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ނަގަން އެއްބަސްވުމަކީ ވަރަށް ދަތިކަމެއް ކަމަށެވެ. އަދި ވިދާޅުވީ ޕެންޝަން ފަންޑުން ފައިސާ ނަގައި ކުރަން އެދެމުންދާ ހުރިހާ ކަންތަކެއް ކުރުމަށް ދައުލަތުގެ ފައިސާ އެބަހުރި ކަމަށެވެ.
އެކަން ބިލް ހުށަހެޅުއްވި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މަޖިލީސް މެންބަރު ސައީދަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި ގޮތް ހުސްވެފައިވާއިރު ގިނަ ބަޔަކު ދަނީ އެމީހުންގެ ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް އެދެމުންނެވެ. އެކަމަކު ނަޝީދެކޭ އެއްގޮތަށް ސަރުކާރުންވެސް ބުނެފައިވަނީ ކިރިޔާވެސް ގޮތެއް އޮތް ނަމަ ޕެންޝަން ފަންޑުގައި ހުރި ފައިސާގައި އަތް ނުލާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް