އާންމުންނަށް ބޮޑެތި ލުއިތަކެއް ލިބޭ ސައީދުގެ ބިލް އަނެއްކާވެސް ބޭރުކޮށްލައިފި

ކޯވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ލޮކްޑައުން އާއި ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިތަކުން އަރައިގަތުމުގައި އެހީތެރިވުމުގެ ގޮތުން މުހިންމު ކަންތައްތަކެއް ފާހަގަކޮށް މާވަށު ދާއިރާގެ މެނ...

13 May 2020 | 08:56

ކޯވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ލޮކްޑައުން އާއި ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިތަކުން އަރައިގަތުމުގައި އެހީތެރިވުމުގެ ގޮތުން މުހިންމު ކަންތައްތަކެއް ފާހަގަކޮށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ބިލް އަނެއްކާވެސް ބޭރުކޮށްލައިފި އެވެ.

ބިލު ފުރަތަމަ މަޖިލީހުން ބޭރުކޮށްލީ ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި ކަންކަން ހިމަނާފައި ވާތީ ކަމަށްް މިމަހުގެ ފަސް ވަނަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. ބިލު އަލުން އިސްލާހުކޮށް މަޖިލީހަށް ހުށަހެޅުމުން މިއަދު ޖަލްސާގައިވެސް ނަޝީދު ވިދާޅުވީ ބިލު އަދިވެސް އޮތީ ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާ އާއި ގުޅުން ހުރި ކަންކަން ހިމެނޭ ގޮތަށް ކަމަށްވާތީ ބަލައިގަނެވެން ނެތް ކަމަށެވެ.

ބިލާއެކު ސައީދު މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ، ބިލު މިހާރު ހުށަހަޅާފައިވާ ގޮތުން ދައުލަތަށް ލިބެންޖެހޭ އާމްދަނީއަށް އެއްވެސް އުނި އިތުރު ކަމެއް ނާންނާނެ ކަން ފާހަގަ ކުރައްވައިފަ އެވެ. އެހެން ކަމުން މިހާލަތުން އަރައިގަތުމަށް ރައްޔިތުންނަށް އެހީތެރިވުމަޓަކައި ބިލު ބަލައިގަތުމަށް އޭނާ އެދިވަޑައިގެންފައިވެ އެވެ

ސައީދު ހުށަހެޅުއްވި ބިލުގައި ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތް ހެދުމަށާއި އަމިއްލަ ފަރާތްތަކަށް ކުލި ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައި ދޭން އެދިފައިވެ އެވެ. ވިޔަފާރީގެ އެކި ބޭނުންތަކަށާޢި ދަނޑުވެރިކަމަށް ސަރުކާރުން ދޫކޮށްފައިވާ ބިންތަކުގެ ކުއްޔަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދިފައިވެ އެވެ.

މީގެ އިތުރުން ރިސޯޓުތަކުގެ ކުލި ފަސްކޮށްދިނުމަށްވެސް ބިލުގައި އެދިފައިވެ އެވެ.

ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި ކަންކަމުގައި އިސްލާހު ކުރަން ބިލް ހުށަހެޅޭނީ ސަރުކާރަށެވެ. އަދި ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނަށް އެފަދަ ބިލްތައް ހުށަހެޅެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް