ވަޒީފާއަށް ބަދަލު އައި މީހުންނަށް އެލަވަންސްދޭ އުސޫލު އާންމުކޮށްފި

ކޯވިޑް-19 އާއި ގުޅިގެން ވަޒިފާއަށް އަސަރު ކުރި މީހުންނަށް ސަރުކާރުން ދޭން ނިންމާފައިވާ އެލަވަންސް ދޭނީ ވަކި ޝަރުތުތަކަކަށް އެއްބަސްވާނަމަ ކަމަށް ސަރުކާރުން ކަނޑައަޅައިފި އެވެ. އިންކަމް ސަޕޯޓް އެލަވަން...

13 May 2020 | 08:19

ކޯވިޑް-19 އާއި ގުޅިގެން ވަޒިފާއަށް އަސަރު ކުރި މީހުންނަށް ސަރުކާރުން ދޭން ނިންމާފައިވާ އެލަވަންސް ދޭނީ ވަކި ޝަރުތުތަކަކަށް އެއްބަސްވާނަމަ ކަމަށް ސަރުކާރުން ކަނޑައަޅައިފި އެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ނަމުގައި ވަޒީފާއަށް ބަދަލު އައި މީހުންނަށް ދޭން ނިންމާފައިވަނީ5،000 ރުފިޔާ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ އެލަވަންސް ދޭން ނިންމާފައިވާ ގޮތުގެ އުސޫލު ގެޒެޓުކޮށްފައި އެވެ.

މި އުސޫލުގައިވާގޮތުން އިންކަމް ސަޕޯޓު އެލަވަންސް ދޭނީ ވަޒީފާއަށް އަސަރު ކުރި ދިވެހިންނަށެވެ.

މި އުސޫލުގައި ބުނެފައިވަނީ އެލަވަންސް ދޭނީ މިދިޔަ މާޗް އެއް ވަނަ ދުވަހުގެ ފަހުން، ކޯވިޑް-19 ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ފަރާތްތަކަށާއި މުސާރަ ނުލިބޭގޮތަށް ނޯޕޭ ލީވް އަށް ފޮނުވާލާފައިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ ފަރާތްތަކަށެވެ. މީގެ ތެރެއިން މުސާރައިން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް އެލަވަންސް ދިނުމަށް ނިންމާފައިވަނީ އުނިކުރުމުން މުސާރައިގެ ގޮތުގައި5،000 ރުފިޔާ ނުލިބޭނަމަ އެ އަދަދު ހަމަކުރަން މަދުވާ ފައިސާ އެވެ.

އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެ ފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5،000 ރުފިޔާ އިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ދޭނެ ކަމަށް އުސޫލުގައި ވެއެވެ. އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5،000 ރުފިޔާ އަށްވުރެ ބޮޑު އަދަދެއްނަމަ އެ މީހަކަށް އެލަވެންސް ނުލިބޭނެ ކަމަށްވެސް އުސޫލު ބުނެ އެވެ.

މި އެލަވަންސް ދޭން ނިންމާފައިވަނީ ވަކި ޝަރުތުތަކަކަށް އެއްބަސްވާނަމަ އެވެ. އެގޮތުން އެލަވެންސް ހޯދުމަށް އެދޭ ފަރާތަކީ ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައި ވާންޖެހެ އެވެ. އަދި އެމީހަކީ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުގުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ ފަރާތަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް އެއްބަސްވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މިއެލަވެންސް ގެ ކަންތައް ކުރިއަށްދާނީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ނެވެ. އެލަވެންސް ދޫކުރާނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެމްއެމްއޭ ނުވަތަ އެންސްޕާ އިން ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

މިއީ ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުގެ އާމްދަނީ އަށް ކޯވިޑް-19ގެ ސަބަބުން އައިސްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން އެ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ސަރުކާރުން ދޭ އެލަވެންސެކެވެ. މި އެލަވެންސް ދޭނީ އޭޕްރީލް، މެއި އަދި ޖޫން މަހު އެވެ.

ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން އެލަވެންސް ދޭނެ ކަމަށާއި ތިން މަސް ހަމަވުމުގެ ކުރިން ވަޒީފާ އާންމު ހާލަތަށް ރުޖޫއަވާ ފަރާތްތަކަށް އެލަވެންސް ދިނުން ހުއްޓާލާނެ ކަމަށް ބުނެފައިވެ އެވެ. އަދި ވަޒީފާ އާންމު ހާލަތަށް އަަންނަކަން ޖޮބްސެންޓަރާ ހިއްސާ ކުރަންވާނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ.

މި އުސޫލުގައި ބުނާ އެލަވެންސް ހޯދުމަށް ދޮގު މައުލޫމާތު ދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ އެވެ. އުސޫލަށް ޢަމަލުކުރަން ފަށާނީ، ގެޒެޓުގައި އުސޫލު ޝާއިއުކުރާ ތާރީހުން ފެށިގެން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކަމާބެހޭ ގާނޫނަކަށް އަމަލުކުރަން ފަށަންދެން ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް