ކޯވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރިޔަށް އޮތް ފިތުރު އީދާއި ދިމާކޮށް މުޅި ގައުމު ލޮކްޑައުންކޮށް ކާފިއު ހިންގަން ސައުދީ އަބަރިއްޔާ ސަރުކާރުން ނިންމައިފި އެވެ.
ގައުމު އެއްކޮށް ލޮކް ޑައުން ކުރަން ނިންމާފައިވަނީ މިމަހުގެ23 މެއި އިން27 މެއި އަށެވެ. ސައުދީ ސަރުކާރުން ބުނީމި ފިޔަވަޅު އެޅީ އިޖްތިމާއީ ގައިދުރުކަމަށް ބާރު އަޅައި، ގިނަ މީހުން އެއްވުން ކޮންޓްރޯލް ކުރުމަށެވެ. އެ މުއްދަތުގައި24 ގަޑިއިރު ކާފިއު ހިންގާނެ އެވެ.
އެހެންކަމުން ފިތުރު އީދު ނަމާދު ޖަމާއަތުގައި ކުރުން ނޯންނާނެ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ކަނޑައަޅާފައި އެވެ.
ވައިރަސް ކޮންޓްރޯލް ކުރުމަށް ހަރުކަށި ވަރުގަދަ ފިޔަވަޅުތަކެއް މާޗް މަހުން ފެށިގެން އެޅުމަށް ފަހު މި ފަހަކުން ވަނީ ކޮންމެސް ވަރަކަށް ފިޔަވަޅުތަކަށް ލުއި ދީފަ އެވެ.
މިހާރު ލޮކްޑައުންގައި ދީފައިވާ ލުއިތަކުގެ ތެރޭގައި މައްކާ ސިޓީ ފިޔަފާ އެހެން ސިޓީތަކުގައި ހެނދުނު9:00 ން ހަވީރު5:00 އަށް އާންމުންނަށް މަގުމައްޗަށް ނުކުމެވެ އުޅެވެ އެވެ. އެކަމަކު އެއީ ފަސް މީހުންނަށްވެސް ގްރޫޕު ގިނަ ނުވާގޮތަށެވެ. އަދި އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެން މަގުމަތީގައި އުޅޭ ގޮތަށެވެ.
ސައުދީ ސަރުކާރުން ބުނީ މިހާރުވެސް އަމަލު ކުރަމުންދާ ގޮތަށް މައްކާ ސިޓީއަށް ވަދެ ނުކުމެވުމާއި އެ ސިޓީގެ ކައިރީގައިވާ އަވަށްތަކަށް ވަދެ ނުކުމެވުމަކީ މަނާ ކަމެކެވެ. މައްކާ އަކީ އެންމެ ގިނައިން ވައިރަސްއަށް މީހުން ޕޮސިޓިވްވާ ސައުދީގެ ތިން ސިޓީގެ ތެރޭގައި ސިޓީ އެކެވެ.
ސައުދީން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް އުމްރާވުމާއި ފަރުޟު ފަސް ނަމާދު ޖަމާއަތުގައި ކުރުމާއި، ހުކުރު ނަމާދާއި ރޯދަމަހު ތަރާވީހް ނަމާދު ޖަމާއަތުގައި ނުކުރަން ނިންމާފައި އެވެ. އަދި އެއްގަމު މަގާއި ވައިގެ މަގުން އެ ގައުމަށް މީހުން އެތެރެވުން އޮތީ މާޗް މަހުން ފެށިގެން މަނާކޮށްފައި އެވެ.
އެ ގައުމުން ބުނެފައިވަނީ މިގޮތަށް ހާލަތު އޮންނަ ނަމަ މިއަހަރުގެ ހައްޖުގެ އަޅުކަންވެސް ކެންސަލް ކުރަން ޖެހިދާނެ ކަމަށެވެ.
މިހާތަނަށް ސައުދީ އަރަބިއްޔާއިން42،925 މީހުންނަށް ވައިރަސް ޖެހިފައިވާއިރު264 މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް