ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން އަވައްޓެރި ގައުމުތަކަށް ދާން ޖެހޭ މީހުންނަށް އެ އިންތިޒާމް ހަމަޖެހެން ނެތް ކަމަށް ނެޝަނަލް އެމަޖެންސީ ސެންޓަރުން ބުނެފި އެވެ.
ބޮޑެތި ބަލިތައް ކަމަށްވާ ކިޑްނީ ބަދަލު ކުރުމާއި، ކެންސަރާއި ފުއްޕާ މޭ އަދި ހިތުގެ ބައެއް ބަލިތަކަށް ފަރުވާ ހޯދުމަށް އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް މީހުން ފޮނުވަ އެވެ. އިންޑިއާ އާއި ސްރީލަންކާ އަކީ އާސަންދައިގެ ދަށުން މި ފަރުވާތަކަށް އެންމެ ގިނައިން ދިވެހިން ފޮނުވާ ގައުމުތަކެވެ.
ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ރާއްޖެއިން ބޭރަށް ދާންޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ދެއްވާ އާސަންދައަށް އެދެމުންދާ ކަމަށެވެ. އެކަމަކު އެ އިންތިޒާމް މިވަގުތު ހަމަޖައްސައި ދެވެން ނެތް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭސް ފަރުވާއަށް އާސަންދައިގެ ދަށުން ދާން ބޭނުންވާ މީހުން އަވައްޓެރި ސްރީލަންކާ އާއި އިންޑިއާއަށް އެތެރެވެވޭނެ އުސޫލަކާއި ގުޅޭގޮތުން ދެ ގައުމާއި ދިވެހި ސަރުކާރުން މަޝްވަރާ ކުރަން ފަށާފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް އެ ދައުމުން ބޯޑަރު ހުޅުވައިދޭން އެއްބަސް ވެފައި ނުވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ މިކަމަށް ހައްލެއް ގެނައުމަށް މި ވަގުތަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ މާލެއިން ދެވެން ހުރި އެންމެ ރަނގަޅު ފަރުވާއެއް ދިނުން ކަމަށެވެ. އެގޮތުން ރަށްރަށުގައި ތިބި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންވެސް މާލެ ގެނެސް ފަރުވާގެ ކަންކަން ހަމަޖައްސަމުންދާ ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ގައުމުތައް ލޮކްޑައުންކޮށް ވައިގެ ދަތުރުފަތުރު ހުއްޓާލުމާއި ގުޅިގެން އިންޑިއާ އާއި ލަންކާގައި ދިގު މުއްދަތަކަށް ބޭސް ކުރަން ގޮސް ތިބި ބަޔަކުވެސް ވަނީ ރާއްޖެ އަންނަން ބޭނުންވެގެން އެދިފަ އެވެ. އޭގެ ތެރެއިން އެންމެން ކަހަލަ ގޮތަކަށް ރާއްޖެ ގެނެސްފައިވާއިރު އޭރުވެސް ސަރުކާރުން ބުނަމުން ދިޔައީ ގައުމުން ބޭރުގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ރާއްޖެ އައުން ރަނގަޅު ނޫން ކަމަށެވެ.
އެއީ އެ ފަރާތްތަކަށް އަނބުރާ ބޭސް ފަރުވާއަށް ދެވޭނެ ގޮތެއް ހަމަ ޖެހޭނެ ދުވަހެއް ނޭނގޭތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް