ސިލްސިލާ ވާހަކަ: ޒާރާ - އައްޑިހަ ނުވަވަނަބައި

''އެހާވަރު ކަމެއް ނޫނޭ....... އެއީ ހަމަ ފެމިލީ މީހެއްނު........ ބޭބެއެއްފަދަ ހަމަ........... ބުރުގާ އަޅާލާ..... އޯކޭވާނެ............ '' ޒާރާގެ އަތަށް ބުރުގާ ދިއްކޮއްލަމުން އިމްރާން ބުންޏެވެ. މަޑުމަޑުނ...

13 Apr 2021 | 18:21

''އެހާވަރު ކަމެއް ނޫނޭ....... އެއީ ހަމަ ފެމިލީ މީހެއްނު........ ބޭބެއެއްފަދަ ހަމަ........... ބުރުގާ އަޅާލާ..... އޯކޭވާނެ............ '' ޒާރާގެ އަތަށް ބުރުގާ ދިއްކޮއްލަމުން އިމްރާން ބުންޏެވެ. މަޑުމަޑުންނެވެ. ހަމައެކަނި ޒާރާއަށް އިވޭވަރަށެވެ. ޒާރާއަށް އެވީގޮތަކީ ބުރުގާ ނާޅާ އިންދާ ފަހުދު ވަނުމުން ވީގޮތެއް ކަމުގައި އިމްރާނަށް ގަބޫލުކުރެވުނީއެވެ.

'' މާ ނުގަޑިއެއްގަ ދޯ މި ވަދެވުނީ.............. އިންމައާ ދައްކާލަންވެފަ އޮތް ވާހަކައެއް އޮތީމަ އެވަރަކުން މި އައީ............... އެނގޭ މީ އުނދަގޫ ގަޑިއަކަށް ވާނެކަންވެސް...........ހިނގާ ކޮފީއަކަށް ނިކުމެލަމާ........... ހުންނާނެ ވަރަށް މީރު ކޮފީއެއް ހަދާފަ............'' ފަހުދު އެނބުރި ނިކުންނަން ހިނގައިގަތެވެ. އިމްރާނުގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތިއެވެ.

''އެބަ ނިކުންނަން.............'' އިމްރާން ބުނި އެއްޗެއް ފަހުދަށް އަޑުއިވުނު ހެނެއް ހިޔެއް ނުވެއެވެ. ނޫނީ ގަސްދުގައި އަޑު ނީވޭކަމަށް ހެދީއެވެ.

''މަގޭ ލޯބި ލޯބި ޒާރާ ގާތުގަ ހުރެފަ ނުވޭ އެއްވެސްތާކަށް ދާހިތެއް............'' ޒާރާގެ މޫނަށް ބަލާލަމުން އިމްރާން ބުނެލިއެވެ. ނުހަނު ލޯބިންނެވެ.

ދޮރުން ބޭރުގައި މަޑުކޮއްގެން ގުރި ފަހުދަށް އިމްރާން ބުނި އެއްޗެއް ނުހަނު ސާފުކޮށް އިވުނެވެ. ފަހުދުގެ މޫނުމައްޗަށް ނުތަނަވަސް ކަން ވެރިވިއެވެ. ޒާރާގެ ބޭނުން އޭނާ ނޫން މީހަކު ހިފަން ފުރުސަތު ދިނުމަކީ ފަހުދު ބޭނުންވާ ގޮތެއް ނޫނެވެ. ޒާރާ ދެކެ އޭނާ ވެސް ލޯބިވެއެވެ. ފަހުދު ގަބޫލު ކުރާގޮތުގައި ޒާރާގެ ކިބައިން އަރާމާ އުފާވެރިކަން އޭނާއަށް ވެސް ލިބެން ޖެހޭނެއެވެ. އިމްރާނުގެ އަތްންބަކަށް ޒާރާ ވުން އެއީ އެކަމަށް އޮތް ހުރަހެއް ކަމަކަށް ފަހުދަކަށް ގަބޫލެއް ނުކުރެއެވެ.

''އިންމަ............ ކޮބާ ............. މިހާރު ކޮފީތަށި ހިހޫވަނީ........... ދެން އާދޭ............ ފަހުންވެސް ފަހަރި ގާތުގަ އޮވެވިދާނޭ.................'' ފަހުދަށް ކެތް ނުވެގެން އެންމެފަހުން ދެވަނަ ފަހަރަށް ވެސް ކޮޓަރި ދޮރު ހުޅުވާލިއެވެ. އޭރު އިމްރާން ޒާރާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން އިނެވެ. ޒާރާގެ މޫނަށް އިމްރާން ނަޒަރު ހުއްޓާލައިގެން އިންތަން ފެނުމުން އެތެރެއިން ފަހުދު އަނދައިގަތެވެ. ހިތުގައި އުފެދިފައިވާ ހަސަދަ އާއި ރުޅިވެރިކަން އިތުރަށް ބޮޑުވެގެން ދިޔައެވެ.

ފަހުދުގެ އަޑު އިވުމުންވެސް އިމްރާން އެ އިންގޮތަށް އިނީއެވެ. ޒާރާގެ މޫނަށް ބަލާށެވެ. ނުހަނު ލޯބިން ފުރިފައިވާ ބެލުމަކުންނެވެ.

'އޯކޭ................'އިންމަ........ ނުދަންޏާ މަމިދަނީ ތިރިއަށް..............'' ފަހުދު ހިނގައިގަތީ ދޮރާ ދިމާއަށެވެ.

އިމްރާން ވަގުތުން ތެދުވިއެވެ. އޮގޮތަށް ފަހުދު ހިތްހަމަ ނުޖެހިގެން ދާން އޭނާ ބޭނުން ނުވާތީއެވެ.

''ފަހުދު ......... މަޑުކޮއްބަލަ............ މި ނިކުންނަނީ .......... ޖައްސާލާ ޓެރަސްގަ.........'' އިމްރާން އަޑު އިވުމުން ފަހުދުގެ މޫނަށް ވެރިވީ ތަފާތު އަސަރު ތަކެކެވެ. ތުންފަތް މައްޗަށް ވިހަ ހިނިތުން ވުމެއް ވެރިވީ ސަބަބެއް ނެތިއެއް ނޫނެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ކެހިވެރި ރޭވުން އެނގޭމީހަކީ ހަމައެކަނި ފަހުދެވެ.

''ޒާރާ....... އެބަ އަންނަން އިނގޭ ........... މާ ގިނައިރެއް ނުކުރާނަން.............. ފަހުދު މިހާރު އެހުރީ ކޮފީވެސް ރެޑިކޮއްގެން................ މިއަންނަނީ...............'' ކަބަޑުމަތީގައި އޮތް އޭނާގެ ފޯނު ޖީބަށް ލުމަށްފަހު އިމްރާން ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ.

ޖަވާބުގައި ޒާރާ އެއްވެސް އެއްޗެއް ނުބުނެއެވެ. އިމްރާން ނިކުތުމުން ޒާރާ ވިސްނާލިއެވެ. މިރޭ މިގަޑީގައި އިމްރާނާ ފަހުދު ދައްކަން އެއުޅެނީ ކޮން ވާހަކައެއް ހެއްޔެވެ. އެހާ ވަރުން އިމްރާން ނެރެން އެއުޅެނީ ކޮންމެވެސް އެހެން މަގުސަދެއްގައޭ ޒާރާގެ ހިތް ބުނަމުން ދިޔައެވެ. ފަހުދުގެ މަގުސަދަކީ ކޮބައި ކަމެއް ޒާރާއަކަށް ނުވިސްނުނެވެ.

''އަހަރެންނަށް ޒާރާގެ ބޭނުން ނުކުރެވި، އިމްރާނަށް ވަކި ޒާރާގެ ބޭނުން ކުރެވިގެން ނުވާނެ............. އެއީ އިންސާފެއް ނޫން................ އިމްރާން އަޔަސް އަހަރެން އެ ފުރުސަތު އިމްރާނަށް ލިބުނަކަ ނުދޭނަން.......... ކޮންމެ ގޮތަކުންވެސް އެކަން އަހަރެން ކުރާނަން........ ޒާރާއަށް ހީކޮއްލަންވެސް ނޭނގޭނެ އަހަރެންމީ ކިހާ 'ކުޅަދާނަ' މީހެއްކަމެއް............. ޒާރާގެ ތި ލޯބި ހަށިގަނޑުން އުފާ ލިބުނު ރޭވެސް .......... އަހަރެން ހެދި ޖާދޫގައި އެންމެން ޖެހުނު.................ދެންވެސް ޖެހޭނެ........'' ކުއްލިއަކަށް ޒާރާގެ ހަނދާނަށް އައީ ފަހުދު އޭނާއާ ދިމާއަށް ބުނެފައިވާ ބަސްތަކެވެ. ދީފައިވާ އިންޒާރުތަކެވެ.  ސިކުނޑިއަށް ވިސްނުނީ ފަހުދު ދޭން އެއުޅޭ ކޮފީގައި ކޮންމެވެސް ގޯހެއް އެކުލެވިފައިވެދާނެކަމެވެ.

ވަގުތުން ޒާރާ ތައްޔާރުވެލިއެވެ. އަވަސް އަވަހާ ހެދުން ބަދަލު ކޮއްލުމަށްފަހު ބުރުގާއެއް ބޮލުން ވައްޓާލަމުން ބޭރަށް ނިކުތެވެ. ޓެރަސް އަށް ނިކުތްއިރު ދެމީހުން ތިބީ ކޮފީ ޓޭބަލްކައިރީގައެވެ. އިމްރާން އިނީ ފަހުދުގެ ކުރިމަތީގައެވެ. ޓެރަސްއިން ނިކުމެވެން ހުރި ދޮރަށް ފުރަގަސްވާގޮތަށެވެ. އެހެންކަމުން ދޮރުން ނިކުމެ ހުރި ޒާރާ އިމްރާނަކަށް ނުފެނުނަސް އިމްރާނުގެ ކުރިމަތީގައި ހުރި ގޮނޑީގައި އިން ފަހުދުގެ ލޮލުގައި ޒާރާ އަޅައިގަތެވެ.

އެއް ބުމަ ހިއްލާލަމުން ކީއްކުރަންހޭ އަހާ ކަހަލަ ނަޒަރަކުން ޒާރާއާ ދިމާއަށް ފަހުދު ނިތް އަރުވާލިއެވެ. ޒާރާ އެއްވެސް ޖަވާބެއް ނުދެއެވެ. ޖަވާބެއް ދޭކަށް އޭނާ ބޭނުމެއްވެސް ނޫނެވެ. އަދި ކީއްހެއްޔެވެ. ފަހުދުގެ ސިފަވެސް ދެކޭކަށް ޒާރާ ބޭނުމެއް ނޫނެވެ.

''އިމްރާން..........'' އިމްރާނުގެ ފުރަގަހުގައި ހުއްޓުމަށްފަހު ޒާރާ ގޮވާލިއެވެ. އާދައިގެ ރާގެއްގައެވެ. އެހެން ނަމަވެސް އެ އަޑުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ހުރިހެން އިމްރާނަށް ހީވިއެވެ. ހަމަ ގައިމުވެސް އެ މޫނުގައިވާ ނުތަނަވަސް ކަން ފަހުދަކަށް ސިއްރެއް ނުވިއެވެ.

''އައްދެ ފަހަރީ....... އާދޭ އާދޭ.......... ޖައްސާލާ ކޮފީއެއް ބޯލަން........... އެބަ އަންނަން އިނގޭ ފަހަރިއަށް ހިފައިގެން.......... '' ފަހުދު އިންތަނުން ތެދުވިއެވެ. އަތުގައި އޮތް ސިނގިރޭޓްބުރި އަޅިކެނޑިއަށްލާ ފިއްތާލުމަށްފަހު އަނގަ ފުރެންދެންހުރި ދުންތައް މުޅިތަނަށް ބުރުވާލިއެވެ.

ޒާރާއަށް ބޭއިޚްތިޔާރުގައި ބުރުގާއިން ނޭފަތް މަތި ނިވާކޮއްލެވުނެވެ. އެމަންޒަރު އިމްރާނަށް ފެނުމުން ފަހުދުގެ އެ ހަރަކާތާމެދު ހިތްހަމައެއް ނުޖެހުނެވެ. އެހެނަސް އެއީ ފަހުދުގެ ތަބީއަތާ މިޒާޖުކަން އެނގޭތީ މާބޮޑަށް އެކަމާ އަޅައެއް ނުލައެވެ.

'' ފަހުދު މަޑުކުރޭ....... އަހަރެން އަންނާނަން ހަދައިގެން...........ފަހަރިއަށް ކަމުދާގޮތަށް ކޮފީ ހަދަން އެނގޭނީ ހަމައެކަނި މަށަށް......... ފަހުދަކަށް ނޭނގޭނެ.........ކީކޭ ޒާރާ ބުނަނީ ............ ދޮގެއްތަ މީ............'' އިމްރާން ގޮނޑިން ތެދުވެ ހިންދެމިލުމަށްފަހު ޒާރާގެ ކޮލުގައި ކޮއްޓާލަމުން ހިނިތުންވެލިއެވެ.

''ތެދެއް ............ މަށަކަށް ނޭނގޭތަ........... ފަހަރިއަށް އެނގޭނެ މިހާރު މަށަށް އެނގޭކަން.......... ފަހަރި ޖެހޭނީ އެއްބަސްވާން އިންމައަށް ވުރެ އަހަރެން މޮޅުކަމަށް............ކީކޭ ޒާރާ.............. ސޮރީ ފަހަރީ...........'' ފަހުދުގެ އެ ޖުމްލަތައް އިވިފައި އިމްރާން ކިތަންމެ ހިނިއައިސް މަޖާވި ނަމަވެސް ޒާރާ ގާތަކަށް ހިންޏެއް ނާދެއެވެ. ވާނީވެސް އެހެންނެވެ.  ފަހުދު އެ ބުނަނީ ކޮން ކަމަކާ ގުޅުވާފަކަން އެނގެނީ ހަމައެކަނި ޒާރާއަށެވެ.

އިމްރާނު އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ފަހަތުން ދާން ޒާރާ ހިނަގައިގަތް ނަމަވެސް ފަހުދުގެ ބާރުގަދަ އަތުން ޒާރާގެ އަތުގައި ހިފަހައްޓާލިއެވެ. ޒާރާއަށް މަޖުބޫރުވީ ހުއްޓޭށެވެ. ގަދަ ހަދައިފި ނަމަ އިމްރާނަށް ފެނިދާނެތީ އޭނާ ޖެހިލުންވިއެވެ.

''މިރޭ ނުކެރޭނެ އިންމައާއެކު އެއްކަމެއްވެސް ކުރާކަށް........... އަހަރެން މިހެން ތެޅިތެޅި ހުއްޓަ ލާހިކެއް ނޫން ތި ދެމީހުނަށް އެއްވެސް އުފަލެއް ލިބޭކަށް........... އިންމަ ހިތްހަމަ ޖައްސައިދޭން ބޭނުމިއްޔާ ފުރަތަމަ މަށަށް ފުރުސަތު ދީ......... އެހެން ނޫނީ............. އެނގެއެއްނު ވާނެގޮތް............ '' ފަހުދު ހަރުކަށި ކަމާއެކު ޒާރާގެ ކަންފަތާ އަނގަ ކައިރިކޮއްލަމުން ބުނެލިއެވެ.

ޒާރާ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ އިޚްތިޔާރުކުރީ ހަމަހިމޭން ކަމެވެ. އޭނާގެ ސިނކުޑީގައި އެތައް ކަމެއް އެނބުރެމުންދަނީއެވެ. ފަހުދުގެ ކިބައިން ސަލާމަތް ވާންވެސް އޭނާ ބޭނުމެވެ. އަނެއްކޮޅުން އޭނާގެ ލޯބިވާ ފިރިމީހާއަށް ފަހުދާ އޭނާއާ ދެމެދު ހިނގާދިޔަ އެއްވެސް ކަމެއް އެނގޭކަށްވެސް ހިތެއް ނޭދެއެވެ.

''ކީއްވެ އެއްޗެކޭ ނުބުނީ............. މަށަށް މިރޭ............. އޭނާއަށް މާދަމާ ރޭ....... އޯކޭ އެއްނު....... ހަމަހަމަ އެއްނު......... އެވަރުވެސް މަށަށް އޯކޭއޭ........... '' ފަހުދު އަމިއްލަ މޭގައި އަތް ޖައްސާމުން ފަހުރުވެރިކަމާއެކު ބުނެލިއެވެ.

''ތިހާ ކަންބޮޑު ނުވެބަލަ ފަހަރީ....... ބީ ކޫލް............ މީ އެއްވެސް ކަމެއް ނޫނޭ.......... އަހަރެން މިހިރީ ކުރިޔާލާ ހުރިހާ ކަމެއް ސެޓްކޮއްފަ.......... މި ކޮފީތަށި އިންމަ ބޮއެ ނިމޭތަނުން މީގެ އަސަރު އޭނާއަށް ކުރާނެ............ ވަރަށް ގަދަޔަށް ނިދި އަންނާނެ........... ނުނިދަން ހުއްޓަސް ނިދޭނެ...........ނިދުނީމަ ފަހަރި އަންނަންވީ އަހަރެންގެ ރޫމަށް .......... އޭނާ ހޭލަންވާއިރަށް ފަހަރި އަށް ރޫމަށް އާދެވޭނެ ........... އެހާ ސިމްޕަލް ކަމެއް އެއީ............'' ކަންތައްކުރަންވީގޮތް ޒާރާއަށް ފަހުދު އޮޅުންފިލުވައިދިނެވެ. އުންމީދާއެކުގައެވެ. އެވަގުތު ޒާރާގެ ލޮލުގައި އަޅައިގަތީ މޭޒުމަތީގައި އޮތް ފަހުދުގެ ފޯނެވެ.

ގޮނޑީގައި އިށީންނަންކަމަށް ހަދާފައި ކޮއްލި ހަރަކާތަކާއެކު މޭޒުމަތީގައި އޮތް ފޯނުގައި ޒާރާގެ އަތުން ޖެހި ވިއްސައިގެން ދިޔައެވެ. އެއީ ޒާރާ ގަސްދުގައި ކުރި ހަރަކާތެއް ނަމަވެސް ފަހުދަށް އެކަން އެނގޭނީ ކިހިނެއް ހެއްޔެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ފަހުދު ގުދުވީ ފޯނު ނަގާށެވެ.

ފުރުސަތުގެ ބޭނުން ހިފާ ޒާރާ މޭޒުމަތީގައި ހުރި ދެތަށި ކޮފީ ބަދަލު ކޮއްލިއެވެ. މޭޒަށް އެރި ލޮޅުމުގައި ކޮންމެވެސް ވަރަކަށް ދެ ތަށިންވެސް ބޭރަށް އެޅިފައި ހުއްޓެވެ. ފަހުދު ފޯނު ނަގައިގެން ހިންދެމިލި ވަގުތު އިމްރާން އައިސް ހުއްޓުނެވެ. އަތުގައިވާ ހޫނު ކޮފީތަށި ޒާރާގެ ކުރިމަތީގައި ބަހައްލުމަށްފަހު އިށީނދެ ކޮފީ ތަށިން އެތިފޮދެއް ބޯލިއެވެ. ފަހުދު ވެސް ފޯނު މޭޒުމަތީގައި ބޭއްވުމަށްފަހު ގޮނޑީގައި ހަމަޖެހިލިއެވެ. އަދި ސިނގިރެޓެއް ރޯކުރުމަށްފަހު ކޮފީ ތަށިން ކޯވަރެއް ބޯލިއެވެ. ޒާރާގެ ތުންފަތުގައި އެވަގުތު ދުވެލީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ.

ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 15 އޭޕްރީލް ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް