ގުޅީފަޅުގައި މީހުން އާބާދު ކުރުމާއި ގުޅޭގޮތުން ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތައް އަލުން ދެނެގަންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ މިސަރުކާރުން ގުޅީފަޅުގައި ވިޔަފާރި ބަނދަރު އެޅުމުގެ އިތުރުން މީހުން އާބާދު ކުރުމަށް ހައުސިން ޕްރޮޖެކްޓެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގުޅީފަޅުގައި ފްލެޓު އަޅައި އެ ފްލެޓުތައް މީހުންނަށް ވިއްކައި އެތަންތަން ހަވާލުވެސް ކުރި ކަމަށެވެ.
އެހެން ކަމުން ގުޅީފަޅުގައި މީހުން އާބާދު ނުކޮށް ސިނާއީ ރަށަކަށް ހަދަން އުޅެނީ މި ސަރުކާރުންތޯ ނުވަތަ މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންތޯ ބަލާލަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ގުޅީފަޅުން ފްލެޓު ލިބުނު މީހުން ތަނުން ބޭރު ކުރީ ޔާމީން ވެރިކަމުގައި ފުލުހުން ފޮނުވައިގެން ކަމަށެވެ.
އަދި ހުޅުމާލޭގެ އެކި ޕްރޮޖެކްޓުތަކުން އެމީހުންނަށް ފްލެޓު ލިބޭގޮތް ހަމަޖައްސައިދެމުން ދިޔަނަމަވެސް އަދިވެސް އޭގެ ތެރެއިން ފްލެޓު ނުލިބޭ މީހުން އެބަތިބި ކަމަށެވެ. މީގެ އިތުރުން އެމީހުން ގުޅީފަޅުން ގަތް ފްލެޓުތަކަށް ދެއްކި ފައިސާވެސް ހަމައަށް އަދިވެސް ދެވިފައިނުވާކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕެއިން ތެރޭގައި ޑރ. މުއިއްޒު ވަނީ ސަރުކާރުން ގުޅީފަޅު ހިއްކައިގެން އެއްބައިގަ ވިޔަފާރި ބަނދަރު އަޅަން އުޅޭތީ ފާޑު ވިދާޅުވެފައިއެވެ. ޑރ. މުއިއްޒު ވިދާޅުވެފައިވަނީ މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ނުކޮށް މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް އެ ރަށުގައި މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދޫކުރެވޭނެ ގޮތްހަދަން ޖެހޭ ކަމަށެވެ.
މި ސަރުކާރުން ވަނީ ގުޅީފަޅުން 700 އަކަފޫޓުގެ 1،200 ގޯތި މާލޭ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. އެގޯތިތައް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންގެ ތެރެއިން 600 އަކަފޫޓަށްވުރެ ކުދި ބިން ކޮޅު ސަރުކާރަށް ދޭގޮތަށް އެއްބަސްވާ ފަރާތްތަކަށެވެ.
މިފަދަ ޕްރޮގްރާމެއް ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ހިންގި އެވެ. އެފަހަރު ގޯތި ދީފައިވަނީ ހުޅުމާލެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް