ރަމަޟާންމަހުގެ ރޯދައަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން 4 ވަނަ ރުކުނެވެ. ޢަބްދުﷲ ބިން ޢުމަރު رضي الله عنهما ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
"އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ ﷲ ފިޔަވައި ޙައްގުގޮތުގައި އަޅުކަންވެވޭ އިލާހެއް ނުވާކަމަށް ހެކިވުމާއި، މުޙައްމަދު صلى الله عليه وسلم އީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި ނަމާދު ޤާއިމު ކުރުމާއި ޒަކާތް ދިނުމާއި ރަމަޟާންމަހުގެ ރޯދަ ހިފުމާއ ޙައްޖުވުމެވެ."
ދަންނާށެވެ. ޝަރުޢީ ޢުޒުރެއް ނެތި ބާލިޣުވެ ބުއްދި ސަލާމަތުން ހުރި މުސްލިމަކު ރޯދަ ދޫކޮށްލުން ހުއްދަވެގެން ނުވެއެވެ. ފަހެ ޢުޒުރަކާ ނުލައި ރަމަޟާންމަހުގެ ރޯދަ ދޫކޮށްފި މީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ. އަދި އޭނާގެ ނަފްސު ﷲގެ ކޯފާއާއި ޢަޛާބަށް ހުށައަޅައިފިއެވެ. އަދި ފާފައަށް ތައުބާވެ ﷲގެ މަގަށް ރުޖޫޢަވެ، ދޫކޮށްލި ރޯދަ ޤަޟާކުރުން އޭނާގެ މައްޗަށް ލާޒިމުވެގެން ވެއެވެ. ޝަރުޢީ ޢުޛުރެއް ނެތި ރަމަޟާން މަހުން ރޯދައެއް ދޫކޮށްފި މީހާ ފަހެ ހަމަކަށަވަރުން ބޮޑުވެގެންވާ މުންކަރާތަކައިގެން އަތުވެއްޖެއެވެ. އަދި އޭނާ ތައުބާ ވެއްޖެނަމަ ﷲ ތައުބާ ލައްވަތެވެ. ފަހެ އޭނާގެ މައްޗަށް ވަނީ ތެދުވެރިކަމާއެކު ތައުބާވުމެވެ. އަދި އޭނާއަށް ކުރެވުނު ޢަމަލުގެ މައްޗަށް ހިތާމަކުރުމެވެ. އަދި އެޢަމަލު ނުކުރުމަށް ޢަޒުމް ކަނޑައެޅުމެވެ. އަދި ގިނަގިނައިން އިސްތިޣްފާރު ކުރުމެވެ. އަދި އޭނާގެ މައްޗަށް ވަނީ ދޫކޮށްލެވުނު ރޯދަ ޤަޟާކުރުމަށް އަވަސްވެގަތުމެވެ.
ޢުޛުރަކާ ނުލައި ރަމަޟާންމަހުގެ ރޯދަ ދޫކޮށްލުމަކީ އާާޚިރަތުގައި އެމީހަކަށް ވޭންދެނިވި ޢަޛާބު ލިބެނިވި ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް