އޮޅިގެން ނުވަތަ ނޭގުމުގެ ތެރޭގައި އިރު އޮއްސުމުގެ ކުރިން ރޯދަ ވީއްލައިފި މީހާގެ މައްސަލައިގައި ދެ ޤައުލެއްވެ އެވެ.
ފުރަތަމަ މި ބަލާލަނީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅަށެވެ. ގިނަ ޢިލްމުވެރިން މި މައްސަލައިގައި އިއްތިފާގުވެފައި ވަނީ އެމީހަކު އެ ރޯދަ ޤަޟާކުރުމެވެ. ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ނެރެފައިވާ ފަތުވާއެއްގައިވެ އެވެ. އެ ރޯދަ ދޫކޮށްފައި ވަނީ އިރު އޮއްސުމަށްފަހުގައި ނަމަ އެމީހެއްގެ މައްޗަށް އެ ރޯދަ ޤަޟާ ކުރުމެއް ނުވެ އެވެ. އެހެނަސް އެމީހަކަށް ބޮޑަށް ބުރަވެވެނީ ނުވަތަ ޝައްކުވަނީ ރޯދަ ދޫކުރެވުނީ އިރު އޮއްސުމުގެ ކުރިންނެވެ. ފަހެ، އެހިނދު ތިބާގެ މައްޗަށް އަދި އެކުގައި އެފަދައިން ރޯދަ ދޫކުރި އެންމެންގެ މައްޗަށް އޮތީ އެދުވަހުގެ ރޯދަ ޤަޟާ ކުރުމެވެ. ސަބަބުގެ އަސްލަކީ ދުވާލު ދެމިއޮތުމެވެ. މި އަޞްލުން ބޭރުވާނީ ޝަރުޢީ ގޮތުން ބޭރުވާނެ ސަބަބެއްގެ މައްޗަށެވެ. އެއީ އިރު އޮއްސުމެވެ.”
ދެވަނަ ޤައުލަކީ އެ ދުވަހެއްގެ ރޯދަ ޞައްޙަ ވުމެވެ، އަދި އެ ރޯދަ ޤަޟާކުރަން ނުޖެހުމެވެ. މިފަދައިން އިމާމް أحمد އަދި ތާބިޢީ ބޭކަލުންގެ ތެރެއިން مجاهد އަދި الحسن ވިދާޅުވެފައިވެ އެވެ. އަދި މިފަދައިން ابن خزيمة ދެކެވަޑައިގަންނަވަ އެވެ. އަދި މި ޤައުލަކީ شيخ الإسلام ابن تيمية އިޚްތިޔާރު ކޮށްފައިވާ ޤައުލެވެ. އަދި ފަހުގެ ދުވަސްތަކުގައި ފާޅުވި ފިޤުހު ޢިލްމުވެރިންގެ ތެރެއިން الشيخ ابن عثيمين މިފަދައިން ދެކެވަޑައިގަންނަވަ އެވެ.
އެބޭކަލުން މިފަދައިން ވިދާޅުވުމުގައި ގެންނަވާފައިވާ ދަލީލުތަކުގެ ތެރޭގައި ހިމެނެ އެވެ. އިމާމް البخاري ޞަޙީހުގައި ރިވާކޮށްފައިވެ އެވެ. ޞަޙާބީ أَسْمَاءَ بِنْتِ أَبِي بَكْرٍ الصِّدِّيقِ -رَضِيَ اللَّهُ عَنْهُمَا- ވިދާޅުވެފައިވެ އެވެ. “ތިމަން ޞަޙާބީން ނަބިއްޔާ صلى الله عليه وسلم ގެ ޢަހުދުގައި ނުހަނު ވިލާބޯވެ -އެދުވަހުގައި އިރު އޮއްސިއްޖެ ކަމުގައި ދެކި- ތިމަންމެން ރޯދަ ދޫކުރީމެވެ. އަދި އެއަށްފަހުގައި އިރު ފާޅުވި އެވެ.”
މި ޙަދީޘްގައި އެދުވަހުގެ ރޯދަ ޤަޟާކުރަން ނަބިއްޔާ صلى الله عليه وسلم އަމުރުފުޅު ކުރެއްވިކަން ވިދާޅުވެފައެއް ނުވެ އެވެ.
މި ރިވާޔަތަށް އިޝާރާތް ކުރައްވާ އިމާމް شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. “މި ރިވާޔަތުން ދަލީލު ކުރެވެނީ (އެފަދަ ރޯދައެއް) ޤަޟާކުރުން ވާޖިބުވެގެން ނުވާ ކަމެވެ. ފަހެ، ހަމަކަށަވަރުން އެބޭކަލުންނަށް ނަބިއްޔާ صلى الله عليه وسلم އެ ރޯދަ ޤަޟާ ކުރުމަށް އަމުރުފުޅު ކުރެއްވިނަމަ، އެދުވަހުގައި ރޯދަ ދޫކޮށްލިކަމުގެ ޚަބަރު ފެތުރި ރިވާކޮށްފައިވާ ފަދައިން، އެ ޚަބަރު ފެތުރިފައިވާނެ އެވެ. ފަހެ، އެފަދައިން (ރޯދަ ޤަޟާކުރެއްވިކަން) ބަޔާންވެގެން ނުވުމުން ނަބިއްޔާ صلى الله عليه وسلم އަމުރުފުޅު ނުކުރައްވާކަން އެނގެ އެވެ.”
ދަންނާށެވެ. ރޯދަ ވީއްލުމަށް ފަހުގައި، އަދި އިރު އޮއްސިފައި ނުވާކަން އެނގި ބަޔާންވުމާއެކު، އެ ދުވަހުގައި ބާކީއޮތް ވަޤުތުގައި އެއްވެސް އެއްޗެއް ކައިބޮއި ހަދައިގެން ނުވާނެ އެވެ. އެހެނީ އެހިނދު އެމީހަކަށް އެއީ ދުވާލު ވަޤުތުކަން އެނގިފައި ވާތީއެވެ. އަދި ރޯދަ ވިއްލާ ވަޤުތު ނުވަންނަކަން ބަޔާންވެގެން ވުމެވެ. އެއަށްފަހު ވަޤުތު ވަނުމުން ރޯދަ ވީއްލާނީ އެވެ.
މަސްދަރުތައް: އަބޫއަނަސް، އިމާމް البخاري ޞަޙީހު، ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް