ކުޑަކުދިންގެ ހިޔާގައި ހިދުމަތް ދިނުމުގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން، ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ "ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބަލާ ކޮމިޝަން" އިން ފާހަގަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ކޮމިޝަންގެ ރައީސާ ޢާފިޔާ އަލީ ސޮއި ކުރައްވައި ނެރެފައިވާ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގެ ތެރެއިން ހަތަރު ތަނަކަށް އެ ކޮމިޝަނުން ޒިޔާރަތްކޮށް، އެތަންތަނުގެ ހާލަތު ވަޒަންކުރުމަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ.
"ކުޑަކުދިންގެ ހިޔާއަށް ކުރި ޒިޔާރަތުގައި އެތަނުގެ އާންމު ސާފުތާހިރުކަމާ، ތަނުގެ ސެކިއުރިޓީއާއި، ތަނުގެ ހިންގުމާއި، އަދި ކުދިންނަށް ލިބޭ ހިދުމަތްތަކާ ގުޅިގެން އެ މަރުކަޒުގައި މިހާރުން މިހާރަށް ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައި" އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެހެންކަމުން އެކަންކަން އިސްލާހުކުރުމަކީ ކުޑަކުދިންގެ ހިޔާގައި މިހާރު ތިބި ކުދިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމުގައިވާތީ، އެކަންކަން ކަމބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ކުޑަކުދިންގެ ހިޔާއާގުޅޭ ރިޕޯޓެއް އެ ކޮމިޝަނުން އެކުލަވާލާފައިވާނެ ކަމަށެވެ.
އަދި އެކަންކަން އިސްލާހުކޮށް ވަގުތުން ފިޔަވަޅުއަޅަންޖެހޭކަމަށް އެކޮމިޝަނަށް ފެންނަ 34 ކަމެއް ބަޔާންކޮށްފައިވާނެ ކަމަށާއި އެކަންކަން ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކޮށްފައިވާއިރު ސަރުކާރު ފަރާތުން އެކަންކަން ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާކަމުގައިވެސް ކޮމިޝަނުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ކުޑަކުދިން ސާމިލުވާ މައްސަލަތަކުގައި ކަމާބެހޭ އދާރާތަކުން އަމަލުކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި، ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖަރތައް ރިވިއުކުރުމާއި، ކުޑަކުދިންގެ ހައްގުތަކަށް އިހުމާލުވެފައިވާ ވަކި ވަކި މައްސަލަތައް ބަލައި ދިރާސާ ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް