ރަށްރަށަށް އަރާއިރު ނުވަތަ މާލެއަށް އެތެރެވާ މީހުން ހެލްތް ސްކްރީން ކުރާ ހިސާބަށް ރާއްޖޭގައި ކޯވިޑް-19 ގެ ހާލަތު ނުދާކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެ އަކީ އާންމުންގެ މެދުގައި ބަލި ފެތުރެމުންދާ ގައުމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ބަލި ފެތުރެމުން ނުދާނަމަ ނުވަތަ ބަލި ފެތުރޭކަމުގެ ނިޝާނެއް ނުފެންނަ ނަމަ އަރާ ފައިބާ މީހުން ސްކްރީން ކުރުމަކީ ބޭނުން ކަމެއް ނޫންކަމަށެވެ.
ކޯވިޑް-19 ފެތުރެން ފެށުމާއި އެކު އަތޮޅު އަދި ރަށު ފެންވަރުގައި ރައްކާތެރިކަމާއި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ވަނީ އެޗްޕީއޭގެ އިރުޝާދާއި އެކު ޓާސްކް ފޯސްތަކެއް އުފައްދާފައި އެވެ. ގިނަ ރަށްރަށުގައި ޓާސްކް ފޯސްތަކުން ދަނީ އެ ރަށްރަށަށް އަރާ މީހުންގެ ގައިގަ ބަލީގެ އަލާމާތްތައް ފެނޭތޯ ބަލައި ރޯގާ ނުވަތަ ހުމުގެ އަސަރު ހުރި ނަަމަ ގޭގައި މަޑު ކުރުމަށް އަންގަމުންނެވެ.
ޑރ. ނަޒްލީ ވިދާޅުވީ އެގޮތަށް ރަށްރަށުގައި އަމަލު ކުރަމުންދަނީ ސީދާ އެގޮތަށް އެޗްޕީއޭއިން އިރުޝާދު ދީގެން ނޫނަމަށެވެ. އެއީ ރައްކާތެރިކަމަށް އެ ޓާސްކް ފޯސްތަކުން އަމިއްލައަށް އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށެވެ.
އެކަމަކު އެއީ މުހިންމު ކަމެއް ނޫންކަން ފާހަގަކޮށް ޑރ. ނަޒްލާ ވިދާޅުވީ މާލެ ސަރަހައްދުގައި ސްކްރީން ކުރަން ފަށާނީބަލި ފެތުރޭކަމުގެ އަލާމާތެއް ފެނިއްޖެ ނަމަ އެކަނި ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ބަލި ފެތުރިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި އެކަންޏެވެ. އެއީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ޓޫރިސްޓެއްގެ ފަރާތުން ފަސް ބިދޭސީ މުވައްޒަފުންނަށް ބަލި ޖެހިފައިވާތީ އެވެ.
މިހާތަނަށް ރާއްޖެއިން20 މީހަކު ބައްޔަށް ޕޮސިޓިވް ވެފައިވާއިރު14 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް