ޕިލިޕިންސްއިން ރާޢްޖެ އައިސް އެރިޔަދޫ ކަރަންޓީނު ފެސިލިޓީގައި ހުއްޓަ ކޯވިޑް-19 އަށް އިއްޔެ ޕޮސިޓިވްވި މީހާ އާއި އެ ގައުމުން އައިސް އެ ރިސޯޓުގެ ކަރަންޓީންގައި ތިބި އެހެން މީހުންނާއި ބައްދަލުކޮށް އެއްކޮށް ވަގުތު ހޭދަކޮށްފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފި އެވެ.
އެމީހާ ބައްޔަށް ޕޮސިޓިވްކަން އެނގުނީ ކަރަންޓީން މުއްދަތު ހަމަވެގެން ކޯވިޑް-19 އަށް ޓެސްޓު ކުރުމުންނެވެ. އެކަމަކު ދެން ފިލިޕިންސް އިން އައި އެކަކުވެސް ޕޮސިޓިވްއެއް ނުވެ އެވެ.
މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) އިން ނިންމާފައިވަނީ ފިލިޕިންސް އާއި އެމީހުންނާއި އެކު އިނގިރޭސިވިލާތުން އެއް ފްލައިޓަކުން ރާއްޖެ އައި އެންމެންގެ ކަރަންޓީން މުއްދަތު އިތުރު ކުރާށެވެ. އެގޮތުން ކަރަންޓީން މުއްދަތު އިތުރުކޮށްފައިވާ17 މީހެއްގެ ސާމްޕަލް އަނެއްކާވެސް ކޯވިޑަށް ޓެސްޓު ކުރަން ނަގާފައިވާ ކަމަށް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ އިތުރަށް ބެލި ބެލުމުން ފިލިޕިންސްއިން އައި މީހުން ވަނީ ކޮޓަރިން ބޭރަށް ނުކުމެ އެކަކު އަނެކަކާއި ކައިރިއަށް އައިސް ބައްދަލުވެ މުއާމަލާތް ކޮށްފައި ކަމަށެވެ. އެއީ ކަރަންޓީންގައި ތިބޭ މީހުން އަމަލު ކުރުން މަނާ ކަމެކެވެ.
މީގެ ކުރިން އުސޫލުތަކާއި ހިލާފުވެގެން އައިލެންޑް ސަފާރީގެ ބައެއްގެ ކަރަންޓީން މއުްދަތުވެސް އިތުރު ކުރި އެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ކަރަންޓީން ފެސިލިޓީތަކަށް ރާއްޖެއިން ބޭރުން ގެންނަ ދިވެހިންގެ އަދަދު އިތުރުވަމުންދާތީ ޕޮސިޓިވް ކޭސްތައް ފެންނަލެއްވެސް ދާނީ އިތުރުވަމުން ކަމަށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް