ކޮރޯނާ ވައިރަސް އާއި ގުޅިގެން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޝަކުވާތައް އެންޓީ ކޮރަޕްޝަން ކޮމިޝަނުން ބަލަން ފަށައިފި އެވެ.
އެ ކޮމިޝަނުން ބުނީ އެ ޝަކުވާތައް ބަލަނީ އޭސީސީގެ އަމިއްލަ އިސްނެގުމަށް ކަމަށެވެ.
އޭސީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދައުލަަތުގެ އިދާރާތަކުން ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން އެކި ސަބަބުތަކާއި ހެދި އާންމުންގެ މެދުގައި ކަންބޮޑުވުން ހުރިކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންވެ ދައުލަތުގެ އިދާރާތަކުން ކޯވިޑް-19 އާއި ގުޅިގެން ކުރަމުންދާ ކަންކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމާއި ގުޅޭގޮތުން ކަމާ ބެހޭ އިދާރާތަކާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އަދި މަސައްކަތްތަކުގައި ކޮރަޕްޝަން ހިމެނޭވަރު ކުޑަކުރުމަށް އަމަލު ކުރާނެ ގޮތުގެ އިރުޝާދު ދެމުންދާ ކަމަށެވެ. އިތުރަށް ބުނީ އާންމުންގެ ސިއްހަތާއި ފުރާނަ ސަލާމަތްކޮށް ރައްކާތެރި ކުރުމުގެ މި ހައްސާސް ދަނޑިވަޅުގައި ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމުގެ އުސޫލުތައް އެންމެ މަތީ ދަރަޖައިގަ ހިފެހެއްޓުމަށް މިކަމުގައި ޝަމިލްވާ ފަރާތްތަކަށް ގޮވާލާ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ކޯވިޑް-19 އާއި ގުޅިގެން އަމަލު ކުރަމުންދާ ގޮތާއި މެދު އާންމުންގެ މެދުގައި ޝައްކު އުފެދޭނަމަ މައްސަލަ ހުށަހަޅާއިރު ހެއްގާ ގަރީނާ ހުށަހަޅަންވާނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަަތަކާއި ގުޅޭގޮތުން ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.
އެކަމަކު އެމްޑީޕީއަށް ސަޕޯޓު ކުރާ ފަރާތްތަކުން ދަނީ ވެންޓިލޭޓަރު ގަތުމަށް ކުންފުނިތަކާއި ހަވާލު ކުރުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލު ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ދަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތާށިވެފަ ތިބި މީހުން ގެންނަން މޯލްޑިވިއަންއިން ބާއްވަމުންދާ ޗާޓާޑް ފްލައިޓުތަކުގައި އިސްކަން ދެނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އާއިލާތަކަށް ކަމަށް ބުނަމުންންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް