ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި ބޭއްވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.
މިހެން ކަނޑައަޅާފައިވާކަން އީސީން އިއުލާނު ކޮށްފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އިންތިހާބުގެ ކަންކަން ހިނގަނީ ބިރުވެރިކަމެއް ނެތް މާހައުލެއްގައި ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރު ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް ކަމަށާއި އަދި ކޮމިޝަނުގެ މެމްބަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ގައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބައާއި މަންފާ އަބަދުމެ ކުރިއަށް ނެރެން އިސްކަންދޭންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.
"މިނިސްޓްރީ އޮފް ހެލްތުގެ ގަރާރާ ގުޅިގެން އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތަތީ، ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ބޭއްވެން ނެތްކަމަށް ކަނޑައަޅައި އެކަން އާންމުކޮށް އިއުލާނު ކުރަމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމި އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމުވުމާއެކު ނުވަތަ މިކަމުގައި އަމަލުކުރާނެ ގާނޫނީ ހައްލެއް ލިބުމާއެކު 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ކޮމިޝަނުން އިތުރަށް ކަނޑައަޅާ ގޮތެއް އިއުލާނުކުރާނެކަމަށެވެ.
މި މަހުގެ ހަވަނަ ދުވަހު އިންތިހާބު ބާއްވަން ކުރިން އޮތް ނަމަވެސް، ކޯވިޑް-19 އާއި ގުޅިގެން އިންތިހާބު މި މަހުގެ 18 އަށް ބަދަލުކުރިއެވެ. އެ ތާރީހަކީ ގާނޫނުގައި ބުނާގޮތުން ފަސްކުރެވޭނެ އެންމެ ފަހުގެ މުއްދަތު ކަމަށްވެސް އީސީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް