ރިސޯޓުތަކާ ސަފާރީތައް އަދި ކަރަންޓީނުން 10،000 އަށްވުުރެ ގިނަ މީހުން ދޫކޮށްލައިފި

ކޯވިޑް-19 އާއި ގުޅިގެން ކަރަންޓީންގައި ރިސޯޓުތަކާއި ސަފާރީތަކުގައި ތިބި މުވައްޒަފުންނާއި ކަރަންޓީން ފެސިލިޓީތަކުގައި ތިބި 10،000 އަށްވުރެ ގިނަ މީހުން ދޫކޮށްލާފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަ...

13 Apr 2020 | 09:06

ކޯވިޑް-19 އާއި ގުޅިގެން ކަރަންޓީންގައި ރިސޯޓުތަކާއި ސަފާރީތަކުގައި ތިބި މުވައްޒަފުންނާއި ކަރަންޓީން ފެސިލިޓީތަކުގައި ތިބި 10،000 އަށްވުރެ ގިނަ މީހުން ދޫކޮށްލާފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރިސޯޓްތަކާއި ސަފާރީތަކުން އިއްޔެ އާއި ހަމައަށް 9،660 މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ރާއްޖެ އިން ބޭރުން އަންނަ ގިނަ ބަޔަކު ކަރަންޓީންކުރާ ފެސިލިޓީތަކުގައި 14 ދުވަސް ހަމަވުމުން 800 އަށް ވުރެ ގިނަ މީހުން ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.

ކޯވިޑް-19 އާންމުންގެ ތެރެއަށް ފެތުރުނަ ނުދިނުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެންމެ ފަހު ޓޫރިސްޓު ފުރައިގެންދާތާ14 ދުވަސް ވަންދެން ރިސޯޓާއި ސަފާރީތަކުގައި މުވައްޒަފުން ތިބެންޖެހުން ހިމެނެ އެވެ.

މަބްރޫކް ވިދާޅުވީ މި މީހުން ދޫކޮށްލެވިފައިވަނީ ބަލި ނެތްކަން ޔަގީން ކުރުމަށް ފުރިހަމަ ކުރަން ޖެހޭ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށް ފަހު އެވެ. އެހެންކަމުން އެމީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި އެމީހުން މުޖުތަމައުއުން އެކަހެރި ނުކުރުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.

އެކަމަކު އެދެވިގެންވަނީ އެހެން މީހުންނެކޭ އެއްގޮތަށް ދޫކޮށްލެވޭ މީހުންވެސް ގޭގައި ތިބުން ކަމަށެވެ. އަދި އާއިލާ އާއި ރައްޓެހިންނާއި އެނޫންވެސް ބޮޑެތި ހަރަކާތްތަކުގައި ބައިވެރި ނުވުމަށް މަބްރޫކް އިލްތިމާސް ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް