ފިލިޕިންސްއިން ރާއްޖެ އައިސް ކަރަންޓީން ފެލިސިލިޓީއެއްގައި ހުއްޓަ ކޯވިޑް-19 އަށް އިއްޔެ ޕޮސިޓިވްވި ދިވެހި މީހާ އަށް ބަލި ޖެހިފައިވަނީ ރާއްޖެއިންތޯ ބެލުމުގެ މަސައްކަތް ފަށައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ ރާއްޖެ އައިތާ14 ދުވަސް ވެފައިވާ އެމީހާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. އޭނާ ޓެސްޓު ކުރީ ކަރަންޓީނުން ދޫކޮށްލަންވެގެން އަމަލު ކުރަމުންދާ ގަވައިދުގެ ދަށުންނެވެ.
ޑރ. މުރާދު ވިދާޅުވީ އޭނާ އާއި ގުޅުންހުރި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފްލައިޓުން އެއްކޮށް އައި މީހުންނާއި އެއާޕޯޓުން ހިދުމަތް ދިން މީހުންގެ އިތުރުން ކަރަންޓީން ފެސިލިޓީގައި މުއާމަލާތް ކުރި މީހުން ދެނެގަތުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
އޭނާއަށް ބަލި ޖެހިފައިވަނީ ރާއްޖެއިންތޯ ބަލަނީ އެއްކޮށް އެ ގައުމުން އައި މީހުންގެ ތެރެއިން އެއްވެސް މީހަކު ބައްޔަށް ޕޮސިޓިވްވެފައި ނުވާތީ އެވެ. ރާއްޖެ އަކީ ބަލި ފެނިފައިވާ ގައުމަކަށް ވުމުން އޭނާއަށް ބަލި ޖެހިފައިވަނީ ރާއްޖެ އައި ފަހުންކަމަށް ބެލުމުފެ ފުރުސަތުވެސް އެބައޮތް ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.
އެރިޔަދޫ ކަރަންޓީން ފެސިލިޓީގައި ހުރި އެމީހާ މިހާރު ވަނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ފަރުވާ ދިނުމަށް ބަދަލުކޮށްފައި އެވެ.
މިހާތަނަށް ރާއްޖެއިން20 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާއިރު ބަލި ޖެހުނު މީހުންގެ ތެރެއިން ރާއްޖޭގައި ފަރުވާ ދެމުންދަނީ ހަތަރު ދިވެހިންނަށެވެ. ޖުމްލަ ފަސް ދިވެއްސަކު ބައްޔަށް ޕޮސިޓިވްވި އެވެ.
އަނެއް13 ބިދޭސީންނާއި އެއް ދިވެއްސަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. އަނެއް ދެމީހުން ޕޮސިޓިވްކަން އެނގިފައިވަނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް