ކޯވިޑް-19 ގައި މަރުވާ މުސްލިމުން އަންދަން ލަންކާ ސަރުކާރު މަޖުބޫރުކޮށްފި

ކޯވިޑް-19 ޖެހިގެން މަރުވާ މީހުންނާއި ބައްޔަށް ޝައްކު ކުރެވިގެން މަރުވާ މީހުން އަންދާލަން ޖެހޭގޮތަށް ސްރީލަންކާ ސަރުކާރުން ކަނޑައަޅައިފި އެވެ. މިހާތަނަށް ކޯވިޑް-19 ޖެހިގެން ލަންކާގައި ހަތް މީހަކު މަރުވ...

13 Apr 2020 | 07:58

ކޯވިޑް-19 ޖެހިގެން މަރުވާ މީހުންނާއި ބައްޔަށް ޝައްކު ކުރެވިގެން މަރުވާ މީހުން އަންދާލަން ޖެހޭގޮތަށް ސްރީލަންކާ ސަރުކާރުން ކަނޑައަޅައިފި އެވެ.

މިހާތަނަށް ކޯވިޑް-19 ޖެހިގެން ލަންކާގައި ހަތް މީހަކު މަރުވެފައިވާއިރު އޭގެ ތެރެއިން ތިން މީހުންނަކީ މުސްލިމުންނެވެ. މުސްލިމުން ވަޅުލުމުގެ ބަދަލުގައި އަންދާލާފައިވާތީ އެ ގައުމުގެ ބައި މަދު މުސްލިމުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

މިކަމާ ގުޅިގެން އެމްނެސްޓީ އިންޓަނޭޝަނަލުންވެސް ވަނީ ލަންކާ ސަރުކާރަށް ފާޑުކިޔާފައި އެވެ. އެ ޖަމިއްޔާއިން ބުނީ ވައިރަސްގައި މަރުވާ މީހުންނާއި މެދު އަމަލު ކުރެވެންވާނީ އެބަޔަކު ތަބާވާ ދީނެއްގައި އޮންނަ ގޮތަށް އިހުތިރާމާއި އެކު ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދޭގޮތަށް ކަންތައްތައް ކޮށްގެން ނުވާނެ ކަމަށެވެ.

ބައިނަލް އަގުވާމީ ޖަމިއްޔާތަކާއި ލަންކާ މުސްލިމުން ނުރުހުން ފާޅު ކުރަމުންދަނިކޮށް އިއްޔެ ލަންކާގެ ހެލްތް މިނިސްޓަރު ޕަވިތްރަ ވަނިއަރަޗީ ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން މަރުވާ އެންމެން ޖެހޭނީ އަންދަން ކަމަށެވެ. އަދި ކޯވިޑް-19 ގައި މަރުވާ މީހުންގެ ކަންކަން ހަމަޖައްސާނީ ވަކި ގްރޫޕަކުން ކަމަށް ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯއިން މީގެ ކުރިން ބުނެފައިވަނީ ކޯވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމަކީ މައްސަލައެއް ނޫންކަމަށެވެ.

މިދިޔަ އަހަރު ލަންކާގައި ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތުން ޖާނުންފިދާވެގެން ދިން ހަމަލާތަކާއި ގުޅިގެން އެގައުމުގެ މެޖޯރިޓީ ސިންހަޅައިންނާއި ބައިމަދު މުސްލިމުންނާއި ދެމެދުގައި ވަނީ ހިތްހަމަ ނުޖެހުން އުފެދިފައި އެވެ. އެހެންވެ މުސްލިމުން އެދޭގޮތަށް އެގައުމުގެ ސަރުކާރުގެ މުސްލިމުން ވަޅުލުމުގެ ހުއްދަ ނުދޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި މިއީ ބަދަލު ހިފުމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސްރީލަންކާއިން މިހާތަނަށް210 މީހަކު ވައިރަހަށް ޕޮސިޓިވްވެފައިވެ އެވެ. އެގައުމުގައި ވައިރަސް ކޮންޓްރޯލް ކުރުމަށް މުއްދަތެއް ނެތް ގޮތަށް އޮތީ ކާފިއު ހިންގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް