ބެންކޮކްގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަން އިން ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ކުރާ ކާގޯ ދަތުރުގައި އެ ގައުމުގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ. ފޮރިން މިނިސްޓްރީން ބުނީ ކޮ...

13 Apr 2020 | 03:36

މޯލްޑިވިއަން އިން ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ކުރާ ކާގޯ ދަތުރުގައި އެ ގައުމުގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮންމެ ފަަރާތަކަށް15 ކިލޯގްރާމަށް ވުރެ ބަރު ނުވާވަރަށް ތަކެތި ހިލޭ ފޮނުވޭނެ ކަމަށެވެ. މި ކާގޯ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކުން ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައިވާ ފޯމެއް ފުރުމުން ކޮންފޮމޭޝަން ސްލިޕެއް ހުށަހެޅި މީހާގެ އީމެއިލްއަށް ފޮނުވާނެ އެވެ. ތަކެތި ހަވާލު ކުރަން ދާން ޖެހެނީ އަންނަ ބުދަ ދުވަހުގެ ހެނދުނު8:00 ން މެންދުރު ފަހު3:00 އާއި ދެމެދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލްގެ ކައުންޓަރުތަކަށެވެ.

އެހީގެ ގޮތުގައި ފޮނުވޭ ތަކެތި:

- މަސް ދަޅު

- ނޫޑުލްސް

- ރިހާކުރު

- ހިކިމަސް، މުގުރިމަސް، ވެކިއުމް ޕެކްޑް ވަޅޯމަސް

- މަސް ޕެކެޓް، ފަތް ޕެކެޓް، ސަމްބޮލް

- ޗިލީ ޕޭސްޓް، މަސްމިރުސް

ނުފޮނުވޭ ތަކެތީގެ ތެރޭގައި ކާޑުގެ ބާވަތްތައް، ދުންފަތުގެ ބާވަތްތައް، ތަރުކާރީ މޭވާ ހިމެނެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ތަކެތި ފޮނުވަން ގެންދާއިރު ފޮށިގަނޑު ބަންދުކޮށްގެން ނުވާނެ ކަމަށާއި ބަންދު ކުރާނެ ސާމާނު ގެންދަން ޖެހޭނެ ކަމަށެވެ. ފޮށިގަނޑު ބަންދު ކުރާނީ ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީން ފޮނުވާ ތަކެތި ބަލާ ފާސްކުރުމަށް ފަހު ހުއްދަ ދިނުމުން ކަމަށް ބުނެފައިވެ އެވެ.

މެލޭޝިއާ އާއި ޓްރިވެންޑްރަމް އާއި ކޮޗިން އަދި ސްރީ ލަންކާގައި އުޅޭ ދިވެހިންނަށް، އެހީ ފޮނުވުމުގެ ފުރުސަތު ފޮރިން މިނިސްޓްރީން މީގެ ކުރިން ވަނީ ހުޅުވާލައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް