ފެސިލިޓީތައް ހުރީ ކޯވިޑް-19ގެ އެންމެ ނުރައްކާތެރި ހާލަތުގަ ފަރުވާ ދެވޭގޮތަށް: އެޗްއާރުސީއެމް

ހުޅުލޭ އައިލެންޑް ހޮޓެލް އާއި ފަރުކޮޅުފުށީގައި ކޯވިޑް-19 އާއި ގުޅިގެން ތައްޔާރުކޮށްފައިވާ އައިސޮލޭޝަން އަދި ކަރަންޓީން ފެސިލިޓީތަކުގައި ބައްޔަށް ފަރުވާ ދިނުމުގެ ކަންކަން ތައްުޔާރު ކުރެވިފައި ވަނީ ވަރަ...

13 Apr 2020 | 03:17

ހުޅުލޭ އައިލެންޑް ހޮޓެލް އާއި ފަރުކޮޅުފުށީގައި ކޯވިޑް-19 އާއި ގުޅިގެން ތައްޔާރުކޮށްފައިވާ އައިސޮލޭޝަން އަދި ކަރަންޓީން ފެސިލިޓީތަކުގައި ބައްޔަށް ފަރުވާ ދިނުމުގެ ކަންކަން ތައްުޔާރު ކުރެވިފައި ވަނީ ވަރަށް ފުރިހަމައަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެޗްއާރުސީއެމްގެ މެންބަރުން އިއްޔެ ވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ އެހީތެރިކަމާއި އެކު އެ ދެ ފެސިލިޓިއަށް ޒިޔާރަތްކޮށް އެތަންތަނަށް މީހުން ގެންދިއުމުގެ ކުރިން ތަނުގެ ހާލަތު ދެނެގަނެފައި އެވެ. މި ޒިޔާރަތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ޒިޔާރަތަށް ފަހު އެޗްއާރުސީއެމްއިންް ބުނީ ކޯވިޑް-19 ގެ އެންމެ ނުރައްކާތެރި ހާލަތުގައި ބަލި މީހުންނަށް ފަރުވާދެވޭނެ އިންތިޒާމްތައް އެ ތަންތަނުގައި ތައްޔާރީ ހާލަތުގައި އެބަ ހުރިކަމަށެވެ. އަދި ބަލި މީހުންނަށް ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާ ސާމާނާއި ޒަރޫރީ ބޭނުންތަކާއި ބަލި މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާނެ ހުރިހާ ސާމާނެއް އެބަ ހުރި ކަމަށެވެ.

މީގެ އިތުރުން ފެސިލިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ރައްކާތެރިކަމަށް ބޭނުންވާނެ ސާމާނާއި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެދެވޭ އިންތިޒާމްތަކެއް އެބަ ހުރި ކަމަށް އެޗްއާރުސީއެމްއިން ބުނެ އެވެ.

އެ ކޮމިޝަނުން ބުނީ ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރާ ރިސޯޓުތަކަށް ޒިޔާރަތް ކުރަން ވެސް ބޭނުންވާ ކަމަށެވެ. އެކަމަކު އެކަމަށް ގޮންޖެހުންތަކެއް ހުރުމުން ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން އެތަންތަނުގެ ހާލަތު މޮނިޓާ ކުރަމުންދާނެ ކަމަށް ބުނެފައިވެ އެވެ.

އެޗްޕީއޭއިން ކުރިން ބުނެފައިވަނީ ކަރަންޓީންގައި ތިބޭ މީހުންނާއި ބައްދަލުކޮށް ހެދުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

އެޗްއާރުސީއެމްއިން ދަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން ބައެއް ހައްގުތައް ގެއްލެމުންދާ ކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާތަކެއްވެސް ބަލަމުންނެވެ. އެގޮތުން މުވައްޒަފުންގެ މުސާރައަށް ގެންނަމުންދާ ބަދަލާއި ވަޒިފާއިން ކަނޑާލާ މައްސަލަ އާއި، ޖަލުގައި އެޅި ފިޔަވަޅުތަކުގެ ވަރުގަދަ ކަމުން ގައިދީންނަށް ދިމާވަމުންދާ މައްސަލަތައް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް