ކޮރޯނާ ވައިރަސްއަށް ޕޮސިޓީވްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހާގެ ހާލު މިހާރު ރަނގަޅު ނޫންކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ކޮރޯނާ ވައިރަހަށް ހާއްސަ އައިސީޔޫގައި ފަރުވާ ދެމުންދަނީ70 އަހަރުގެ ފިރިހެނަކަށެވެ. އޭނާ އަކީ ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުން ވައިރަހަށް ޕޮސިޓިވްވި ޓޫރިސްޓެކެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ އެމީހާގެ ހަށިގަނޑުގައި އޮކްސިޖަން މިހާރު ހިފަހައްޓަނީ އޮކްސިޖަން ގުޅައިގެން ކަމަށެވެ. އެކަމަކު އޭނާގެ ގައިގަ ހުމާއި ރޯގާގެ އެއްވެސް އަލާމާތެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު އޮތް ހާލަތުން، ހާލު ރަނގަޅުވުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އެހެންކަމުން އޭނާގެ ހާލު ސީރިއަސް ކަމަށް އަދި ބުނެވެން ނެތް ކަމަށެވެ. މީހެއްގެ ހާލު ސީރިއަސް ކަމަށް ބުނެވޭނީ ވެންޓިލޭޓަރަށް ލާ ހިސާބުން ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.
އޮކްސިޖަން ނުހިފެހެއްޓި ނަމަވެސް އޭނާ ގައިގަ ވައިރަހުގެ އަލާމާތެއް ނެތުމަކީވެސް ބަލިން ފަސޭހަ ވެދާނެ ކަމުގެ ނިޝާނެއް ކަމަށް ވިދާޅުވި އެވެ. ޑރ. މުރާދު ވިދާޅުވީ މިހާތަނަށް މި ބަލިން ސަލާމަތް ކުރަން ދެވޭނެ ވަކިފަރުވާއެއް ހޯދިފައި ނުވާތީ މިވަގުތު އެމީހާގެ ހާލަތާއި ގުޅޭގޮތުން ދެއްކޭނެ އިތުރު ވާހަކައެއް ނެތް ކަމަށެވެ.
ދަރުމަވަންތައިގަ ފަރުވާދެމުންދާ މީހާގެ އަނބިމީހާވެސް އެ ހޮސްޕިޓަލްގެ އައިސޮލޭޝަންގައި އެބަ އޮތެވެ. އެމީހާ އެތަނަށް ބަދަލު ކުރީ ހާލު ސީރިއަސްވެ ނުވަތަ ބައްޔަށް ޕޮސިޓިވް ވެގެންނެތް ނޫނެވެ. އޭނާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރީ ފިރިމީހާ އާއި ވީހާވެސް ކައިރީގައި ގެންގުޅުމުމަށް ކަމަށް މީގެ ކުރިން ހެލްތް މިނިސްޓްރީން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް