މިނިސްޓަރުގެ ޝުކުރާއި ތައުރީފު ސިއްހީ ދާއިރާގެ ހިދުމަތްތެރިންނަށް!

ނުރައްކާތެރި ކޮރޯނާ ވައިރަސްއިން ރާއްޖެ ރައްކާތެރި ކުރުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއި ކުރަމުންދާ ބުރަ މަސައްކަތަށް ހުރިހާ ރައްޔިތުން ތައުރީފާއި ޝުކުރު އަދާ ކުރަމުންދަނީ ސިއްހީ ދާއިރާގެ ހިދުމަ...

13 Mar 2020 | 09:42

ނުރައްކާތެރި ކޮރޯނާ ވައިރަސްއިން ރާއްޖެ ރައްކާތެރި ކުރުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއި ކުރަމުންދާ ބުރަ މަސައްކަތަށް ހުރިހާ ރައްޔިތުން ތައުރީފާއި ޝުކުރު އަދާ ކުރަމުންދަނީ ސިއްހީ ދާއިރާގެ ހިދުމަތްތެރިންނަށެވެ.

24 ގަޑިއިރު ހަމަ ނިންޖާއި ގަޑިން ގަޑިއަށް ކެއުން ދޫކޮށް ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް އެ ހިދުމަތްތެރިން ކުރަމުންދާ މަސައްކަތް ރައްޔިތުން ބަލައިގެންނަނީ ލޯތްބާއި އެކުއެވެ. ހަމަ އެއާއި އެކު ހެލްތް މިނިސްޓަރު އަބްދުﷲ އަމީންވެސް ވަނީ އެ ހިދުމަތްތެރިންގެ އަގު އިހްލާސްތެރިކަމާއި އެކު ވަޒަން ކުރައްވާކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މި އުނދަގޫ ދަނޑިވަޅުގައި ހެލްތް މިނިސްޓްރީގެ މުވައްޒަފުންނާއި އެޗްޕީއޭގެ މުވައްޒަފުން އަދި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެންމެހާ ސިއްހީ ހިދުމަތްތެރިންގެ މަސައްކަތަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ދައްކަމުންދާ ނަމޫނާއަށް ސާބަސް ދެންނެވި އެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ކޮރޯނާ ވައިރަސްއިން ގައުމު މިންޖު ކުރުމުގެ މުހިންމު މަސައްކަތުގެ ބައިވެރިންނަކީ އެއީ ކަމަށެވެ.

https://twitter.com/ameenex/status/1238140224925888512

ރާއްޖެއިން މިހާތަނަށް އަށް މީހުން ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވެފައި ވާއިރު އެއީ ހުސް ބިދޭސިންނެވެ. ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ މުޅި ރާއްޖެއަށް ވައިރަސް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އަދިވެސް އެބަ އޮތް ކަމަށެވެ.

ވައިރަސް ފެތުރު ނުދިނުމަށް ފަރުދީ ޒިންމާ އަދާ ކުރުމަށް ހިތްވަރުދީ ރައްކާތެރިކަމުގެ ގޮތުން އަޅަންވީ ފިޔަވަޅުތަކާއި، ވައިރަހުގެ އަލާމާތެއް ފެނިއްޖެ ނަމަ އަމަލު ކުރަންވީ ގޮތްތައް ކެނޑިނޭޅި އެޗްޕީއޭއިން ދަނީ އާންމުންނަށް ބުނެދެމުންނެވެ. އެގޮތުން ފޯނަށް އެސްއެމްއެސް ފޮނުވައިިގެންނާއި، ޓީވީ ޗެނަލްތަކާއި ރޭޑިއޯ މެދުވެރިކޮށް އަދި ރަށްރަށުގެ ސިއްހީ މަރުކަޒުތައް މެދުވެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން މީހުން ދިރިއުޅޭ ރަށަކަށް މި ބަލި އެރުމުގެ ފުރުސަތު ނުދިނުމަށް އެކްސްކާޝަންތަކަށް ރަށްރަށަށް ގެސްޓުން ދިއުމާއި ރަށްރަށުން ފޭބުން ވަނީ މަނާ ކޮށްފައި އެވެ. އަދި ރިސޯތުތަކުގައި އުޅޭ މުވައްޒަފުން އެމީހުންގެ ރަށަށް ގޮސްފި ނަމަ ސިއްހީ މަރުކަޒުތަކުން އެމީހުންގެ ސިއްހީ ހާލަތު ދެނެގަތުމަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.

މިވަގުތު ރާއްޖޭގައި އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި އެވެ. އެއީ30 ދުވަހުގެ މުއްދަތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް