ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެކްސްކާޝަން އަށް ޓޫރިސްޓުން މާލެ އާއި އަތޮޅު ތެރޭގެ އެއްވެސް ރަށަކަށް އެރުމަކީ މަނާކަމެއްކަމަށް ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅައިފި އެވެ.
ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ކުރިޔަށް އޮތް ދިހަ ދުވަހަށް މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރާއްޖޭގެ އެއްވެސް ރަށަކަށް ޓޫރިސްޓުން އެކްސްކާޝަންއަށް އައުމާއި ދިއުމަކީ މަނާކަމެއްކަމަށެވެ.
މިގޮތަށް ކަނޑައެޅީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ34 ވަނަ މާއްދާގެ ރ ގެ ދަށުން ދައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި އެންގުމަށް އަމަލު ކުރަން ޖެހެނީ ކަމާ ބެހޭ ހުރިހާ އިދާރާތަކާއި ރިސޯޓުތައް އަދި ގެސްޓުހައުސްތަކެވެ.ެ މީގެ އިތުރުން ސަފާރީތައް ހިންގާ ފަރާތްތަކާއި އެކްސްކާޝަންތައް ހިންގާ ފަރާތްތަކުންވެސް މި އެންގުމަށް އަމަލު ކުރަން ޖެހޭނެ އެވެ.
އެކްސްކާޝަން އަކީ ރަށްތަކަށް ޓޫރިސްޓުން ގެންގޮސް އެ ތަންތަނާއި ގުޅޭ މައުލޫމާތު ދީ ތަންތަނަށް ޒިޔާރަތް ކުރުމަށް ކުރާ ކުރު ދަތުރުތަކެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ30 ދުވަހުގެ މުއްދަތަށެވެ. އެއީ ކޮރޯނާ ވައިރަސް އަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައެޅުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް