ކޮވިޑް-19: ރާއްޖެއިން ބޭރުވާ އަދި ރަށްރަށަށް އަރާ މީހުން ސްކްރީން ކުރާ ހިސާބަކަށް ނުދޭ

ރާއްޖެއިން ބޭރަށް ދާ މީހުން ކޮރޯނާ ވައިރަހުގެ އަލާމާތެއް ހުރިތޯ ބަލަން ސްކްރީން ކުރާ ހިސާބަށް ރާއްޖޭގެ ހާލަތު ނުދާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. ނުރައްކާތެރި ކޮރޯނާ ވައިރަސްއަކީ ދުނިޔެއަށް ކުރިމަތި...

12 Mar 2020 | 20:00

ރާއްޖެއިން ބޭރަށް ދާ މީހުން ކޮރޯނާ ވައިރަހުގެ އަލާމާތެއް ހުރިތޯ ބަލަން ސްކްރީން ކުރާ ހިސާބަށް ރާއްޖޭގެ ހާލަތު ނުދާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

ނުރައްކާތެރި ކޮރޯނާ ވައިރަސްއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މަލިމަޑު ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅީ ރޭގައި އެވެ. މިއަދު ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ ފާތްމަތު ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރެމުން ނުދާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ވައިރަސްއަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ރާއްޖޭން ބޭރުން ބަލި ޖެހިގެން އައި މީހުން ކަމަށެވެ. އަނެއް ހަތަރު މީހުންނަށް ރާއްޖޭގައި ހުރެފައި ދިޔަ މީހެއްގެ ފުށުން ކޮރޯނާ ވައިރަސް އެރި ނަމަވެސް އިތުރު ބަޔަކު އެ ކޭސްގައި މިހާތަނަށް ޕޮސިޓިވް ވެފައި ނުވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވި އެވެ.

އެހެން ކަމުން ރާއްޖެއިން ބޭރަށް މީހުން ފުރާއިރު ސްކްރީން ކުރަން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު މިއޮތް ހާލަތުގައި އެއްވެސް ރަށަކަށްވެސް ކޮރޯނާ ވައިރަސްގެ ބިރުވެރިކަން އަދި ނެތް ކަމަށެވެ. އެހެން ކަމުން ރަށްރަށް އަރާ ފައިބާ މީހުން ސްކްރީން ކުރުންވެސް އަދި ކުރިޔަށް ގެންދަން ޖެހޭ ފަދަ ހާލަތަކަށް ނުދާ ކަމަށެވެ.

ނަޒްލާ މިހެން ވިދާޅުވި ނަމަވެސް އަބާދީ ބޮޑެތި ބައެއް ރަށްރަށުގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ރަށްރަށަށް އަރާ މީހުން ރޯގާ ހުރިތޯ ސްކްރީން ކުރަމުންނެވެ. އަދި އެމީހުންނާއި ގުޅޭ މައުލޫމާތުތައް ނަގައެވެ.

ހެތްލް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ރާއްޖޭގައި މި ބަލި އިތުރުވެ ކޮންޓްރޯލް ކުރަން އުނދަގޫ ހިސާބަށް ހިނގައިދާނެތީ ނޫންކަމަށެވެ. މިނިސްޓަރު މީގެ ކުރިން ވިދާޅުވާ ފަދައިން މިއަދުވެސް ވިދާޅުވީ ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުެވޭނެނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ކޮރޯނާ ވައިރަސް ޖެހިފައިވާ އަށް މީހަކު ރާއްޖޭގައި އެބަ ތިއްބެވެ އެއީ. ހުސް ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް