ﷲ ތަޢާލާ ގިނަގުނަވެގެންވާ ބޮޑެތި ނިޢުމަތްތަކެއް އައްޔޫބު ޢަލައިހިއްސަލާމަށް ރިޒްޤުކޮށް ދެއްވިއެވެ. ދަނޑުތަކާއި، އެތައް މުދަލާކާއި މޭވާ އާއި ބޮޑުވެގެންވާ މުއްސަދިކަމެއް އެކަލޭގެފާނަށް ﷲ ތަޢާލާ ދެއްވިއެވެ.
އެކަލޭގެފާނުވީ މުއްސަދި ބޭކަލެއްކަމުގައެވެ. އަދި ﷲ ތަޢާލާ އެކަލޭގެފާނަށް ޞާލިޙު ތަޤުވާވެރި އަނބިކަނބަލެއް ދެއްވިއެވެ. މީގެ އިތުރުންވެސް އެކަލޭގެފާނަށް ޚިދުމަތް ކުރާނޭ އެތައް ޚާދިމުންނެއް އެކަލޭގެފާނަށް ލިބިވަޑައިގަންނަވާފައިވެއެވެ. ނަބީކަމާއި އެކު ބޮޑު މުއްސަނދިކަމެއް ﷲ ތަޢާލާ އެކަލޭގެފާނަށް މިންވަރުކޮށް ދެއްވިއެވެ. އަދި އެކަލޭގެފާނަށް ގިނަ ދަރިންތަކެއް ދެއްވިއެވެ. އެގޮތުން ﷲ ތަޢާލާ އެކަލޭގެފާނަށް ސާދަ ދަރިން ދެއްވިއެވެ. އޭގެތެރޭގައި އަންހެން ދަރިންނާއި ފިރިހެން ދަރިން ހިމެނެއެވެ.
އެއަށްފަހު އައްޔޫބު ގެފާނަށް ﷲ ތަޢާލާގެ ހަޟްރަތުން ބޮޑެތި އިމްތިޙާންތަކާއި ކުރިމަތިވާން ފެށިއެވެ.
މި އިމްތިޙާންތަކުގެ ފެށުމަކަށްވީ، އެކަލޭގެފާނުގެ ހަށިގަނޑަށް ބައްޔެއް ޖެހުމެވެ. އަދި ބަލީގެ ސަބަބުން އެކަލޭގެފާނު އެނދުކޮޅުގައި ނުތެދުވެވި އޮންނަން ޖެހިވަޑައިގަތެވެ. އެއަށްފަހު އެކަލޭގެފާނުގެ ދަރިދަރިކަލުންގެ ތެރެއިން ދަރިކަލަކަށްފަހު ދަރިކަލެއް ދުނިޔެއާއި އަލްވަދާޢު ކިޔަން ފެށިއެވެ. ހަމައެއާއި އެކު، އެކަލޭގެފާނުގެ މުދާ ނެތި ގެއްލި ހުސްވާން ފެށިއެވެ. ދަނޑުތަކާއި މޭވާތަކަކާއި މުދާތައް ހަލާކުވެ ގެއްލި ނެތި ދިޔައެވެ. އެކައްޗަށްފަހު އަނެކައްޗެކެވެ. ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ.
އެކަލޭގެފާނު މިޙާލުކޮޅުގައި ބަލިއެނދުކޮޅުގައި އޮވެވަޑައިންނަވާން ޖެހުނީ ކިތައް އަހަރު ކަމެއް އެނގޭތޯއެވެ. އަށާރަ އަހަރު އެ ހާލުކޮޅުގައި އެކަލޭގެފާނު އޮވެވަޑައިގެންނެވިއެވެ.
އެއްދުވަހެއްގައި، އައްޔޫބު ގެފާނުގެ އަނބިކަމަނާ އައްޔޫބު ޢަލައިހިއްސަލާމަށް ކާތަކެތި ހޯއްދެއްވުމަށްޓަކައި ގޭގެއަށް އުޖޫރައަށް މަސައްކަތް ކޮށްދެއްވަން ވަޑައިގެންފިއެވެ. ނަމަވެސް އެއްވެސް ގެއަކުން އެކަމަނާ ބަލައެއް ނުގަތެވެ.
އެކަމަނާ އެހެން ގޮތެއް ނެތުމުން އިސްތަށިގަނޑު ބުރިކޮށްލުމަށްފަހު މަދު ދިރުހަމުކޮޅަކަށް އިސްތަށިގަނޑު ވިއްކަވާލެއްވިއެވެ.
އައްޔޫބު ޢަލައިހިއްސަލާމް ﷲ އަށް މިކަން އެނގުމުން ވަރަށް ބޮޑަށް މޮޅިފުޅުވެ، ދުޢާ ދެންނެވިއެވެ.
(وَأَيُّوبَ إِذْ نَادَى رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ ) سورة الأنبياء 83
މާނަ: ( އަދި އައްޔޫބުގެފާނު އެކަލޭގެފާނުގެ ވެރި ރައްބަށް ދުޢާ ދެންނެވި ހިނދު ހަނދުމަކުރާށެވެ. ހަމަކަށަވަރުން މިއަޅާއަށް ދަތިކަމެއް ޖެހިއްޖެއެވެ. އަދި އިބައިލާހުއީ އެއްމެ ބޮޑަށް ރަޙުމުކުރައްވާ ރަޙުމާންވަންތަ އިލާހެވެ. )
ﷲ ގެ އިރާދަފުޅާއި އެކު އެކަލޭގެފާނުގެ ބަލިން ސަލާމާތްވާންވީ ވަގުތު ޖެހުނެވެ. އަދި އެއްދުވަހަކު އެކަލޭގެފާނު އެނދުގައި އޮއްވައި، ﷲ ތަޢާލާ އެކަލޭގެފާނަށް ވަޙީ އިއްވެވިއެވެ. ކަލޭގެފާނުގެ ފައިންޕުޅު ހަރަކާތް ކޮށްލައްވާށެވެ. ދެން އެކަލޭގެފާނު ފައިންޕުޅުން ބިންމަތީގައި ޖައްސަވަން ފެއްޓެވިއެވެ. ދެން އެކަލޭގެފާނުގެ ފައިންޕުޅު ދަށުން ފެން އަރަން ފެއްޓެވިއެވެ.
(ارْكُضْ بِرِجْلِكَ هَٰذَا مُغْتَسَلٌ بَارِدٌ وَشَرَابٌ ) سورة ص42
މާނަ: (އެކަލޭގެފާނަށް އެންގެވިއެވެ.ކަލޭގެފާނު ފައިންޕުޅުން ބިންމަތީގައި ޖައްސަވާށެވެ. ( ދެން އެތަނުން ފެން އާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނޭފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި ފެނެކެވެ.)
ދެން އެކަލޭގެފާނު އެފެނުން ފެންވަރަން ފެއްޓެވެމުން ބަލިރަނގަޅުވަމުންގޮސް އެއްކޮށް ރަނގަޅުވެއްޖެއެވެ. ދެން އެކަލޭގެފާނު ފެން ބައްލައިގެންނެވުމުން އެތެރެހަށިކޮޅުވެސް އެއްކޮށް ރަނގަޅުވެއްޖެއެވެ. އަށާރަ އަހަރުވަންދެން އެކަލޭގެފާނު ތަޙައްމަލު ކުރަމުން ގެންދެވި ބަލި ހިނދުކޮޅެއްގެ ތެރޭގައި ފަސޭހަވިއެވެ.
ކެއްތެރިކަމާއި ވަކީލު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ، ޒުވާންކަމާއި ސިއްޙަތާއި އަނބިކަނބަލުންނާއި، ކުރީގައި އެކަލޭގެފާނަށް ދެއްވި ދަރިންފަދަ ދަރިން ހަމަ އެ އަދަދަށް ދެއްވިއެވެ. ޚާދިމުންނާއި މުދަލާ މުއްސަނދިކަން އަލުން ދެއްވިއެވެ. އަދި އެވަރުންވެސް ނުނިމެއެވެ. އުޑުން އެކަލޭގެފާނަށްޓަކައި ﷲ ތަޢާލާ ރަން ބާވައިލެއްވިއެވެ.
މަސްދަރު: ދިސަލަފިއްޔާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް