އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް އަދި ޑރ. ނަޒްލާ މުސްތަފާ ހިމެނޭހެން އެޗްޕީއޭގެ ހާއްސަ ޓީމެއް ފުވައްމުލައް ސިޓީގައި ހަރަކާތްތެރިވަމުން އެބަދެއެވެ.
އެޗްޕީއޭގެ މި ޓީމްގައި ދެ ނަޒްލާގެ އިތުރުން، ޑރ. އަހްމަދު ޝަހީދު ބައިވެރިވެލައްވައެވެ.
ފުވައްމުލައް ހޮސްޕިޓަލުން ބުނެފައިވާގޮތުގައި އެ ސިޓީގައި ކޮވިޑް-19އިގެ ރޯގާ ފެތުރެން ފަށާފައިވާތީ އެ ހޮސްޕިޓަލާއި އަދި އެ ސިޓީގައި އުފައްދާފައިވާ ކޮވިޑް-19 ޓާސްކް ފޯސްގެ މެންބަރުންނާއި ބައްދަލު ކުރެއްވުމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން އެ ސެންޓަރުގެ ސްޕޯކްސް ޕާސަން ޑރ. ނަޒުލާ ރަފީޤް، ޑރ. އަޙްމަދު ޝަހީދު އަދި ޑރ. ނަޒުލާ މުސްތަފާ، އިއްޔެ ފުވައްމުލަކަށް ވަޑައިގެންފައެވެ.
މި ބޭފުޅުން 12 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ރޭ ޓާސްކް ފޯސްޓީމާ ބައްދަލު ކުރެއްވެވި ކަމަށާއި މިޓީމުން 13 ފެބްރުއަރީ 2021 ވާ ހޮނިހިރު ދުވަހު ހޮސްޕިޓަލުގެ ކްލިނިކަލް ސާރވިސްގެ މުވައްޒަފުންނާ ބައްދަލު ކުރައްވާ ކޮވިޑް-19ގެ ރޯގާ ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން އިރުޝާދުތައް ދެއްވާނެކަމުގައިވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
އެޗްޕީއޭގެ ހާއްސަ ޓީމެއް ފުވައްމުލަކުގައި ހަރަކާތްތެރިވަމުން އަންނައިރު ފުވައްމުލައް ސިޓީއަކީވެސް މިހާރު ކޮވިޑް ފެތުރެމުން އަންނަ ސިޓީއެކެވެ. އެގޮތުން އެ ސިޓީގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އިއްޔެ އެކަނި ތިން މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މިއާއެކު ފުވައްމުލަކު ސިޓީގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދު މިވަނީ 16 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް