ގާޒާ ކަރަންޓަށް ޖެހިފައި  - ކަރަންޓް ދެނީ އެއްމެ ހަތަރު ގަޑިއިރު

ފަލަސްތީނުގެ ގާޒާގެ މުސްލިމް އަހުންނާއި އުހުތުންނަށް އަނެއްކާވެސް މިވަނީ ހިތްދަތި ދުވަސްތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ. ކަރަންޓުގެ ދަތި ކަމާ ކުރިމަތިލާން ޖެހިފައިވާ ގާޒާގެ ރައްޔިތުންނަށް ދުވާލެއްގެ...

13 Jan 2017 | 03:28

ފަލަސްތީނުގެ ގާޒާގެ މުސްލިމް އަހުންނާއި އުހުތުންނަށް އަނެއްކާވެސް މިވަނީ ހިތްދަތި ދުވަސްތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ. ކަރަންޓުގެ ދަތި ކަމާ ކުރިމަތިލާން ޖެހިފައިވާ ގާޒާގެ ރައްޔިތުންނަށް ދުވާލެއްގެ 24 ގަޑިއިރުގެ ތެރެއިން ކަރަންޓް ލިބެނީ ގާތްގަނޑަކަށް ހަތަރު ގަޑިއިރު އެވެ. މިކަން މިހެން ހިނގާތާ އެތައް ހަފްތާއެއް މި ވަނީ ފާއިރުވެފަ އެވެ.

މި މައްސަލަ ޖެހުމުގެ ކުރީން އާއްމުގޮތެއްގައި ގާޒާގައި ކަރަންޓް ދެމުން ދިޔައީ އަށް ގަޑިއިރު އަށް ގަޑިއިރުން ބަހާލައިގެންނެވެ. ނަމަވެސް ނިމުނު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ހާލަތު މުޅިން މިވަނީ ބަދަލުވެފަ އެވެ.

ގާޒާގެ ރައްޔިތުން ރޭގަނޑު ވަގުތު އަލިކަން ހޯދުމަށް މިހާރު ބޭނުންކުރަމުން އަންނަނީ އުއް ބައްތި އާއި އެފަދަ އެހެން އާލާތްތަކެވެ. ރޭގަނޑުގެ ފިނިން ސަލާމަތްވުމަށް ގޭތެރޭގައި އަލިފާންގަނޑު ރޯކުރެތެވެ. ކަރަންޓް ލިބެނީ ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ކަމަށްވާއިރު އެ ހަތަރު ގަޑިއިރުވެސް ކަނޑައެޅިގެން އެނގެނީކީ ނޫނެވެ. ދަންވަރު ވަގުތުގައިވެސް ބައެއް ފަހަރު ކަރަންޓް ލިބެ އެވެ. ޒަރޫރީ ބައެއް ބޭނުން ކަމުގައިވާ ފެންވެރުމާއި އަންނައުނު ދޮވެ އިސްތިރި ކުރުން ފަދަ ކަންކަން ހަމަ ކޮއްމެ ވަގުތަކުވެސް ކަރަންޓްކޮޅެއް ލިބޭއިރަށް ގާޒާގެ ރައްޔިތުން އަންނަނީ ކުރަމުންނެވެ.

"އަހަރެމެން މިހާރު ދިރި މި އުޅެނީ މީދާ ތަކެއްހެން" ގާޒާގެ ރައްޔިތުންގެ މިވަގުތު ހާލަތު ބަޔާން ކުރަމުން ގާޒާގެ ރައްޔިތަކު ކަމުގައިވާ މާޒިން އަބޫ ރެޔާލާ ބުނެފައި ވެ އެވެ.

ކަރަންޓްގެ މައްސަލައަށް ހައްލެއް ލިބުމަށް އެދި ގާޒާގައި މުޒާހަރާތަކެއްވެސް ވަނީ ކުރަން ފަށާފައެވެ. ނަމަވެސް މިކަމަށް ހައްލެއް ލިބޭނެ އަލިމަގެއް އަދި ފެންނާކަށް ނެތެވެ. ބައެއް ދުވަސް ދުވަހު ގާޒާގެ ފިނިހޫނުމިން ފަސް ޑިގްރީ ސެންޓިގްރޭޑަށް ދަށަށް ދާކަން ފާހަގަކޮށްލެވެ އެވެ.

ކަރަންޓްގެ މައްސަލައިގާ ގާޒާގައި ހިޔާލު ތަފާތުވުންތަކެއްވެސް ވަނީ އުފެދިފަ އެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި ކަރަންޓްގެ ހާލަތުގެ ޒިންމާ އުފުލަން ޖެހޭނީ ހަމާސް ޖަމާއަތުންނެވެ. އަނެއް ބަޔަކު ތުހުމަތުގެ އިނގިލި ދިއްކުރަނީ ފަލަސްތީނުގެ ސަރުކާރަށެވެ. އަދި އަނެއް ބަޔަކު ތުހުމަތުގެ އިނގިލި ދިއް ކުރަނީ އިޒްރޭލަށެވެ.

24 ގަޑިއިރު ގާޒާއަށް ކަރަންޓް ފޯރުކޮށްދިނުމަށް 450 އާއި 500 މެގަވޯޓާއި ދެމެދުގެ އަދަދަކަށް ކަރަންޓް ބޭނުންވާއިރު މިވަގުތު ގާޒާގައި ފޯރުކޮށްދެމުން އަންނަނީ އޭގެ ދެބައިކުޅަ އެއްބަ އެވެ. އެއީ ގާޒާގެ ޕަވަރ ޕްލާންޓްގައި އުފައްދާ 30 މެގަވޯޓާއި މިސްރުން ފޯރުކޮށްދޭ 30 މެގަވޯޓާއި އިޒްރޭލުން ފޯރުކޮށްދޭ 120 މެގަވޯޓެވެ.

ގާޒާގެ ކަރަންޓް އުފައްދާ ޕަވަރ ހައުސް ވަނީ 2006 ވަނަ އަހަރު އިޒްރޭލުން ދިން ހަމަލާތަކުގައި ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އިޒްރޭލާއި މިސްރުން އިމްޕޯޓް ކުރަމުން އަންނަ ކަރަންޓުގެ ބިލްތަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭއިރު ގާޒާގައި ކަރަންޓް މައްސަލައަށް ވަގުތީ ހައްލެއް ލިބުމަށްވެސް 500 މިލިއަން ޑޮލަރު ހޭދަވާނޭކަމުގައި ގާޒާގެ ޕަވަރ ހައުސް އިން ހާމަކުރެ އެވެ. މި ހާލަތުގައި މިސްރާއި އިޒްރޭލަށް ދަރަނިވެފައިވާ މިންވަރު ބޮޑު ކަމުން އިޒްރޭލާއި މިސްރުން އިތުރަށް ކަރަންޓް ފޯރުކޮށްދިނުން ހުއްޓާލަފާނެ ކަމުގެ ބިރުވެސް ހީވެފައިވާކަމުގައި ޕަވަރ ހައުސް އިން ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް