" އެބޮޑު ބޭވަފާތެރިޔާ ކައިވެނި ކުރީ އަހަރެންގެ އާކިން އާ... ރޫބީ ކައިވެނި ކުރީ އަހަރެންގެ އާކިންއާ.. އެއަންހެނާ އަހަރެން އަތުން އަހަރެންގެ އާކިން ފޭރިގަތީ.." ރޮމުން ރޮމުން ސައިފްގެ މޭގައި ލައްވެލަމުން ނަޖުވާ ބުންޏެވެ. ލިބުނު ޝޮކްގައި ސައިފަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އޭރުވެސް ސައިފްގެ މޭގައި ލައްވެގެން ހުރެ ނަޖުވާ ރޮމުން ދިޔައެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި ސައިފް ހުއްޓެވެ. ނަޖުވާގެ ކޮންމެ ޖުމްލައެއް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ނަޖުވާ ސައިފް އާ ދުރުވެލިއެވެ. ކަރުނަތައް ފޮހެލަމުން ސޮރީއޭ ބުނެލިއެވެ. ޖެހި ބުދެއް ހެން ސައިފް ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. ނަޖުވާ ސައިފްއާ މެދު ޙަމްދަރުދީވިއެވެ. ޙުދު އޭނާގެ ހިތަށް ކުރި ފުންއަސަރު ބަޔާންކުރަން ދައްޗެވެ. ސައިފްވެސް ރޫބީދެކެ ލޯބިވާ ވަރު އެއީ ނަޖުވާއަށް ސިއްރުވެފައި އޮތްކަމެއް ނޫނެވެ. ސައިފްގެ ހިތަށް މިވަގުތު ކުރަމުން ދާނެ އަސަރު އޭނާއަށް އިހުސާސް ކުރެވެއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ސައިފްއަށް ވަގުތު ދިނުމަށްފަހު ނަޖުވާ ގޮސް އެނދުމަތީގައި އިށީނދެލިއެވެ. އެނދުގެ ތިރީގައި ވެއްޓިފައި އޮތް ޕެކެޓް ނަގައިގެން ބޯންފެށިއެވެ. ބަނޑުހައިވެފައިވާ ވަރު އިހުސާސް ކުރެވެން ފެށީ އަދިކިރިޔާއެވެ. މިވީހާ ދުވަހު ހިތުގައި ފޮރުވައިގެން ހުރި ޝަކުވާތައް ބޭރުކޮށްލެވުމުން ހިސާބެއްގެ ހަމަޖެހުމެއް ހިތަށް ލިބިއްޖެއެވެ.
********************
ހަވީރު ވެލުމުން ރޫބީ ގޯތި ތެރެއަށް ނިކުމެލިއެވެ. އެކިވައްތަރުގެ މާމަލުގެ މީރު ވަހުން މުޅި ހިސާބުވަނީ އެއްވަސް ވެފައެވެ. ޖެހިލާ މަޑުވައިރޯޅި ހަށިގަނޑުގައި ބީހިލުމުން ލިބެމުން ދިޔައީ ތަފާތު ހިތްހަމަޖެހުމެކެވެ. ރޫބީގެ ތުންފަތްމަތިން ފެންނަމުން ދިޔައީ ހިނިތުންވުމެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރީނާ ގުޅާފައި މުއީން ރަނގަޅު ވަމުން އަންނަ ވާހަކަ ބުނުމުން ރޫބީ އިންތިހާއަށް އުފާވިއެވެ. އެތައް ފަހަރަކު ހެއްދެވި ފަރާތަށް ޙަމްދުކުރެވުނެވެ. އުއްމީދަކީ މުއީން ފުރިހަމަ ސިއްހަތެއްގައި ހުރެ އެނބުރި އައުމެވެ.
މާގަސްތަކުގެ ތެރެއަށް ވަދެ ފަހަރަކު މަލެއްގެ ވަސްބަލަމުން ރޫބީ ދިޔައެވެ. ބައެއް މާތަކުން ދުވާ ހިތްފުރިގެން އަރާވަރުގެ މީރުވަހުން ހިތަށް ގެނުވަނީ ތަފާތު ހިތްހަމަޖެހުމެކެވެ. އެފަދަ މާތަކުން ވަސްބަލާލާފައި ރޫބީގެ ތުންފަތަށް ވެރިވަނީ ހިނިތުންވުމެކެވެ. މާތައް ބަލަމުން ގޮސް ކުއްލިއަކަށް ލޮލުގައި އަޅައިގަތް މަލެއްގެ ސަބަބުން ރޫބީގެ ތުންފަތްމަތީގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. މަޑުމަޑުން ހިނގާލާފައި ގޮސް އެމާ އިން ގަހުން ބިނދެލިއެވެ. ބޮޑު ދެ ލޮލަށް ފުސްކަމެއް ވެރިވީ ލޮލަށް ޖަމާވެގެން ދިޔައީ ކަރުނައެވެ. އަތުގައި އިން ރަތްކުލައިގެ ސައިމަލުން ވަސްބަލައިލި ހިނދު ހިތަށް ކުރުވި ފުންއަސަރުން ދެތުންފަތް ތުރުތުރު އަޅައިލިއެވެ. އެހިނދު ލޮލުގައި ޖަމައުވެފައިވާ ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބަން ފެށިއެވެ. ތިރީތުންފަތުގައި ދަތްއަޅާ ބާރުކޮށްލީ އާހެއް ބޭރުކޮށްލެވިދާނެތީއެވެ. ލޯމަރައިލަމުން އެމާ ގެނެސް މޭގައި ޖައްސައިލެވުނު ހިނދު ސިކުނޑީގައި ދައުރުވާން ފެށީ މާޒީގެ ފޮނި ހިޔާލުތަކެވެ. ގިނަ ދުވަސް ދުވަހު ސައިފް އޭނާއާ ބައްދަލުކުރަން އަންނާނީ އޭގެ މަލެއް ހިފައިގެންނެވެ. ގެނެސް ވަރަށް ލޯބިން އެމާ ރޫބީގެ ކަންފަތާ ދިމާލުން އިސްތަށީގަނޑު ތެރެއަށް ލައްވައިލަ ދޭނެއެވެ. އެއަށްފަހު އޭނާގެ ފޯނުގައި ރޫބީގެ ފޮޓޮއެއް ރައްކާ ކުރާނެއެވެ. ރޫބީއަށް ސިހުން ގެނުވީ ކައިރިން މީހެއްގެ ހިލަމެއްވީހެން ހީވުމުންނެވެ. ތެޅިގަނެފައި ދެލޯ ފޮހެލަމުން ރޫބީ އެނބުރި ބަލައިލިއެވެ. މާގަސްތައް ބެލުމަށް ހަވާލުވެގެން ހުންނަ މީހާ ފެނުމުން ރޫބީ ހީނލިއެވެ. މާހިފައިގެން އެނބުރި ގޭތެރެއަށް ވަންނަން ދިޔަ ހިނދު ގޭޓު ކައިރީގައި މީހަކު ހުރިހެން ހީވެ ރޫބީ ބަލައިލިއެވެ. ހީކުރިގޮތާ ހިލާފަށް އެއްވެސް މީހަކު ފެންނަން ނެތުމުން ރޫބީ ހައިރާންވިއެވެ. ހީވި ގޮތެއް ކަމަށް ނިންމަމުން އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. މިފަހަރުވެސް މީހެއްގެ ނަޒަރު އަމާޒުވެފައިވާ ކަހަލަ އިހުސާސެއް ރޫބީއަށް ކުރެވުނެވެ. ދެކޮޅު ހޯދައިބަލައިލެވުނެވެ. މާގަސްތަކަށް ފެންދޭން ހުރި މީހާ ފިޔަވައި އެއްވެސް މީހެއްގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. އަނެއްކާވެސް ކުރިއަށް ހިނގައިގަތް ވަގުތު ޓެރޭސްގައި އޭނާ އާ ދިމާލަށް ބަލަހައްޓައިގެން ހުރި އާކިން ފެނުނެވެ. ރޫބީ ބަލައިލުމާއެކު އާކިން ލޯއަޅައިލުމަށްފަހު އެނބުރި ދާން ހިނގައިގަތެވެ. ދެކޮނޑު އަރުވައިލުމަށްފަހު ރޫބީ ގޮސް ގޭތެރެއަށް ވަނެވެ.
***************
ޑިއުޓީ ނިންމާފައި ގެއަށް ދާން އަމްރާ ނިކުތެވެ. ޑްރައިވަރަށް ގުޅުމަށްފަހު ކާރު ގެއަށް ގެންދާށޭ ބުންޏެވެ. އެއަށްފަހު މަގު އޮތް ގޮތަށް ހިނގައިގަތެވެ. ބޭނުމަކަށްވީ ފިހާރަތަކަށް ވަދެ ވިޔަފާރިކޮށްލުމެވެ. ހިނގާލުމުން މީހާއަށް ލިބެނީ ތަފާތު ހިތްހަމަޖެހުމެއްކަން އަމްރާއަށް އިހުސާސްވީ ރޫބީގެ ސަބަބުންނެވެ. ހަވީރުގެ ވަގުތުކަމުން މަގުތަކުގައި ހަރަކާތްތެރި ވަމުން ދިޔަ މީހުން ގިނައެވެ. މީހެއް ގައިގައި ލައިގެނެފައި ނޫނީ ނުޖެހި ކަހަލަ ގޮތަކަށް ނުހިނގެއެވެ. މަގު ހުރަސް ކުރަން އުޅުނު ހިނދު ލައިޓްގައި ޖެހިފައި މަޑުކުރަން ޖެހުނެވެ. އަތުގައި އޮތް ގަޑިއަށް ބަލާލާފައި މަގުމައްޗަށް ނަޒަރު ހުއްޓައިލި ވަގުތު ކުރިމަތީގައި އައިސް ސައިކަލެއް މަޑުކޮށްލިއެވެ. އެސައިކަލުގައި އިން ޒުވާނާ ފެނުމުން އަމްރާގެ މޫނުމަތި މިލައިގެން ދިޔައެވެ. ސައިކަލުގައި އިން ޒިވަންއަށް ވެސް ވީ ހަމަ އެފަދަ ގޮތެކެވެ. ޒިވަންގެ މޫނުން ނަޒަރު ވަކިކޮށްލަމުން އަމްރާ ބަލައިލީ ޒިވަންގެ ފަހަތުގައި އޭނާ ގައިގައި ބައްދާލައިގެން އިން ކުޑަ ފިރިހެން ކުއްޖާއަށެވެ. އެހިނދު މަޑު ރިހުމެއް އަމްރާގެ ހިތުގައި އުފެދުނެވެ. އެކުއްޖާއަކީ ޒިވަންގެ ޒިރޮކްސް ކޮޕީއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަނެއްކާވެސް އަމްރާގެ ނަޒަރު ހުއްޓުނީ ޒިވަންއަށެވެ. އެވަގުތު ޒިވަންގެ ނަޒަރުވެސް ހުއްޓިފައިވަނީ އަމްރާއަށެވެ. ލޮލުގެ ޒަރީއާއިން އެދެމީހުން އެތައް ވާހަކައެއް ދައްކަމުން ދިޔަ ފަދައެވެ. ޒިވަންއަށް ސިހުން ގެނުވީ ފަހަތުން އިވުނު ބަރުގޮނުތަކުގެ އަޑުންނެވެ. ބޭނުންނުވި ނަމަވެސް ޒިވަންއަށް މަޖުބޫރުވީ ސައިކަލު ކުރިއަށް ދުއްވައިލުމަށެވެ. ޒިވަންގެ ސައިކަލުގޮސް މަގު އޮބައިލަންދެން އަމްރާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެކުޑަ ހިނދުކޮޅުގައިވެސް މާޒީގެ އެތައް ސަފްހާއެއް އޭނާގެ ކުރިމަތީގައި ނިޔުޅުވެމުން ދިޔައެވެ. ހިތަށް ކޮށްފައިވާ ފުންއަސަރުން އަދިވެސް އެހިތުގައިވަނީ ޒިވަން ނޫން އެހެންމީހެއް ނޫންކަން އިހުސާސްވިއެވެ. ޒިވަން ކައިރިއަށް އެނބުރި ދާން ބޭނުންވިޔަސް މިހާރު ވަގުތު ފާއިތުވެއްޖެކަން އެނގިއްޖެއެވެ. ޒިވަންގެ ފަހަތުގައި އިން ކުޑަ ފިރިހެންކުއްޖާ އެއީ އެކަމުގެ ފުރިހަމަ ހެއްކެކެވެ. ހިންދިރުވާލާފައި އަމްރާ ކުރިއަށް ހިނގައިގަތެވެ. މަގުހުރަސް ކުރުމަށްފަހު އެންމެ ކައިރިން ހުރި ފިހާރައަށް ވަނެވެ.
*********************
ސައިފް ކޮޓަރީގެ ދޮރު ހުޅުވައިލިއިރު އެނދުގައި ލެގިލައިގެން ދެފައި ކައިރިކޮށްލައިގެން ނަޖުވާ އިނެވެ. ސައިފް ފެނުމާއެކު ނަޖުވާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.
" ސައިފް ކިހިނެއްވެގެންތަ ތިއުޅެނީ؟ ބުނެފީމެއްނު އަހަރެން ދިޔަ ދޭށޭ... " އިންތަނުން ފުންމައިގެން ތެދުވަމުން ނަޖުވާ ބުންޏެވެ. ވަކި ޖަވާބެއް ނުދީ ސައިފް އޭނާގެ އަތުގައި ހުރި ކޮތަޅު ސޯފާއާއި އެނދާއި ދެމެދު ހުރި މޭޒުމަތީގައި ބެހެއްޓިއެވެ.
" އަހަރެން މިކޮޓަރީގައި ބަންދުކޮށްފައި ހުންނަތާ ދެދުވަސްވީ.. ކިހާދެރަކަމެއްތަ.. ނުވީތާކަށް އަހަރެންގެ ފޯނުވެސް ފޮރުވައިގެން ތިއުޅެނީ... " އަނެއްކާވެސް ނަޖުވާ ހަޅޭއްލަވައިގަތެވެ. މިފަހަރުވެސް ނަޖުވާއަށް ޖަވާބު ދިނުމަކީ މުހިންމުކަމެއް ކަމުގައި ސައިފް ނުދެކުނެވެ. ކޮތަޅު ތެރެއިން ނެގި ދެޕާރުސަލް ތަށި ހުޅުވާލާފައި ބެހެއްޓިއެވެ. އެއަށްފަހު ދެތައްޓަށް ދެސަމްސާ ލިއެވެ.
" ބަނޑުހައިވެފައި ހުންނާނީ.. އާދޭ ކާން..." މަޑުމައިތިރި ރާގެއްގައި ސައިފް ބުންޏެވެ. އެކަންވީ ނަޖުވާ އިތުރަށް ރުޅި ގަދަކުރުވި ކަމަކަށެވެ.
" އަހަރެން ނޫޅެން ކާކަށް... ސައިފަކާ ނުޖެހޭނެ އަހަރެންނަށް ކާން ދޭކަށް.. ތިއަށްވުރެ ބޮޑަށް އަހަރެން މިވަގުތު ބޭނުންވަނީ....." އެހިސާބަށް ބުނުމަށްފަހު ނަޖުވާ ހުއްޓުނެވެ.
" ހަކުރުކޮޅެއް ދޯ..." ޖުމްލަ ފުރިހަމަކޮށްދިނީ ސައިފެވެ. ނަޖުވާ ވަކިއެއްޗެއް ނުބުނެ ދަތްކުނޑިވިކައިލިއެވެ.
" ކުރިންވެސް ބުނިހެން ތީ އަހަރެންގެ ރޫބީގެ އެޑޮޕްޓިވް ސިސް އަދި ބެސްޓީ.. ފަހަރެއްގައިވެސް ހީނުކުރާތި މީ އަހަރެން ނަޖުވާއަށް ކޮށްދޭ ކަމެކޭ.. އަހަރެން މިކަން މިކޮށްދެނީ ހަމައެކަނި ރޫބީއަށްޓަކައި.. ނަޖުވާގެ އުޅުން ރޫބީއަށް އެނގޭ ދުވަހަކު އޭނަ ހިތާމަކުރާނެ ވަރު އަހަރެންނަށް އެނގޭ.. " ސައިފް މަޑުމައިތިރިކަމާއެކު ބުންޏެވެ.
" އަޅެ ފަހެ ސައިފަށް ކިހިނެއްވެފަތަ ތިހިރީ.. މިހާރު އެއީ މީހެއްގެ އަނތްބެއްކަން އެނގިހުރެވެސް މަގޭ ރޫބީއޭ ތިގޮވަނީ.. ލިބުނު ޝޮކުގެ ސަބަބުން ސިކުނޑި ގޮވީ ތޯއްޗެއް.. ބޭވަފާތެރިއެއްކަން އެނގި ހުރެވެސް ރޫބީ ރޫބީ ވެގެން ތިއުޅެނީ..." ނަޖުވާ ކައިރިއަށް އައި ރުޅި ވީ އިތުރެވެ.
" މިހިރީ ކާއެއްޗެހި.. ކަންޏާ ކައި.. ނުކަންޏާ ހުރޭ.. އެކަމަކު ނަޖޫއަށް މިކޮޓަރިން ނިކުންނާކަށް ލާހިކެއް ނޫން.. ފޯނުވެސް ލިބޭނީ އަހަރެން ބުނާގޮތް ހަދައިގެން މަޑުން ހުރިއްޔާ.. " ސައިފް ކައިރިއަށް ރުޅި އަންނަ ގޮތްވިއެވެ.
" މަރުވިޔަސް ނުކާނަން..." ރުޅި އައިސްގެން ތުރުތުރުއަޅާ ހާލު ނަޖުވާ ބުންޏެވެ. އެއަށްފަހު ފާހާނާއަށްވެދެ ބަންލާފައި ދޮރުލެއްޕިއެވެ. ފުންނޭވައެއް ދޫކޮށްލަމުން ސައިފް ސޯފާއަށް ހަށިގަނޑު ދޫކޮށްލިއެވެ. ޖީބުގައި އޮތް އޭނާގެ ފޯނު ނެގިއެވެ. ގެލެރީއަށް ވަނުމަށްފަހު ފޮޓޯތައް ބަލަން ފެށިއެވެ. އެކިދުވަސް ދުވަހުގެ މަތިން ރޫބީއާ އެއްކޮށް ނެގިފައި ހުރި ފޮޓޯތަކެވެ. ހާއްސަ ގޮތެއްގައި ސައިފް ބަލަމުން ދިޔައީ ރޫބީ އެކަނިހުރި ފޮޓޯތަކަށެވެ. އޭގެ ތެރެއިންވެސް އިސްތަށިގަނޑުގައި ރަތްކުލައިގެ ސައިމަލެއް ހަރުކޮށްފައިވާ ފޮޓޯތަކަށެވެ.
ނަޖުވާ އޭނާ ކައިރީގައި ރޫބީގެ ކައިވެނީގެ ވާހަކަ ބުނި ހިނދު އޭނާއަށް އިންތިހާއަށް އަސަރު ކުރިއެވެ. ހިނދުކޮޅަކަށް ރޫބީގެ ބޭވަފާތެރިކަން ހިތަށް އަރާފައި ރޫބީއަށް ނަފްރަތުވެސް ކުރެވުނެވެ. ނަމަވެސް އޭނާއާ ރޫބީ ހޭދަކޮށްފައިވާ ވަގުތުތަކާއި ރޫބީ ދައްކާފައިވާ ވާހަކަތައް ހަނދާންވުމުން ރޫބީ އޭނާއަށް ބޭވަފާތެރިނުވާނެ ކަމުގައި ހިތްބުނަން ފެށިއެވެ. އަދި ސައިފްވެސް ރޫބީ ދެކެ ހަޤީޤީ ލޯބިވާ ކަމުގައިވާނަމަ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ރޫބީއަށް އިތުބާރު ކުރަންޖެހޭނެ ކަމުގައި އިހުސާސްވިއެވެ. ރޫބީ ނަޖުވާދެކެ ލޯބިވާ ވަރު ސައިފްއަށް ރަނގަޅަށް އެނގެއެވެ. ނަޖުވާއަށް އެފަދަ ދެރައެއް ރޫބީ ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތެވެ. އެހެންކަމުން ރޫބީ އާކިން އާ ކައިވެނި ކުރުމުގެ ފަހަތުގައި ކޮންމެވެސް ބޮޑު ހަޤީގަތެއް ވާނެކަންވެސް އެނގުނެވެ. ސައިފް މިއަދު އެގޭ ދޮށައް ދިޔައީ ރޫބީ އާ ބައްދަލުކޮށް އެސަބަބު އޮޅުންފިލުވުމަށްޓަކައެވެ. ނަމަވެސް ގޭޓާ އަރާ ހަމަވިތަނުން ހުއްޓެން ސައިފްއަށް މަޖުބޫރުވިއެވެ. ހިނިތުންވެފައި ހުރި ރޫބީ ފެނުމުން ސައިފްގެ ހައްޓަށް ލިބުނީ ތަފާތު ހަމަޖެހުމެކެވެ. ރޫބީ ހިނިތުންވެފައި ހުރިތަން ފެނުމުން ރޫބީ އުޅެނީ ވަރަށް އުފަލުގައި ކަމަށް ހީކުރެވި އެނބުރިދާން އުޅުނެވެ. ނަމަވެސް ހަމަ އެހިނދެ ފެނުނު މަންޒަރުން ދެފައިގައި ކަސްތަޅު އެޅުވުނު ކަހަލައެވެ. ރޫބީ މަލެއް ބިނދެލުމަށްފަހު އެމަލަށް ބަލައިލި ހިނދު މޫނުމައްޗަށް ވެރިވެފައިވާ އަސަރު ސައިފަށް ރަނގަޅަށް ފެނުނެވެ. އެއީ ކޮންކަހަލަ މަލެއްކަން އެނގުނު ހިނދު ސައިފްއަށް ހީލެވުނެވެ. ރޫބީގެ ދެލޮލުން ފޭބި ކަރުނައާ އެކު އެމާ މޭގައި ޖައްސައިލިގޮތުންވެސް އަދިވެސް ރޫބީ ލޯބިވަނީ އޭނާދެކެ ކަން ސައިފްއަށް ޔަގީންވިއެވެ. އަދި ރޫބީ އާކިން އާ ކައިވެނި ކުރީ މަޖުބޫރުވެގެންކަންވެސް ޔަގީންކުރެވުނެވެ. ރޫބީ ކައިރިއަށް ދާން ފިޔަވަޅެއް އަޅައިލުމާއެކު އެތަނަށް މީހެއް އައިސް ހުއްޓުމުން ސައިފް މަޑުޖެހުނެވެ. ހަމަ އެވަގުތު ޓެރަސް މަތީގައި ރޫބީ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރި އާކިން ފެނި އެއްވެސް މީހަކަށް ނުފެންނާނެހެން ނިވައިވެލިއެވެ.
ނުނިމޭ. ވާހަކައިގެ އާ ބައެއް، އިންޝާﷲ 14 ޑިސެމްބަރ ވާ އަންގާރަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް