ވާހަކަ: އެދެވޭތީ އަދު ބުނަމޭ – ސޯޅަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... " އޯހް އެންޑް.... ހީނުކުރާތި އާކިން އަނިޔާ ކުރަންދެން އަހަރެން މަޑުމަޑުން ހުންނާނޭ.. މީގެ ފަހުން އަހަރެންނަށް އަނިޔާއެއް ކޮށްފިއްޔާ ނޫނީ އަހަރެން ގައިގައި ޖަހައިފިއްޔާ އަހަރެން...

07 Dec 2021 | 10:01

ކުރީގެ އަދަދާއި ގުޅޭ...

" އޯހް އެންޑް.... ހީނުކުރާތި އާކިން އަނިޔާ ކުރަންދެން އަހަރެން މަޑުމަޑުން ހުންނާނޭ.. މީގެ ފަހުން އަހަރެންނަށް އަނިޔާއެއް ކޮށްފިއްޔާ ނޫނީ އަހަރެން ގައިގައި ޖަހައިފިއްޔާ އަހަރެންވެސް މަޑަކުން ނުހުންނާނަން.. އަންހެނެއްކަމަކު އަހަރެންގެ އަތުގައިވެސް އަދި ފައިގައިވެސް ބާރު އެބަހުރި.. އަހަރެން ޖަހައިފިއްޔާ ވަކި ތަދު މަޑެއްވެސް ނުވާނެ.. ދެވަނަ ފަހަރަށް އަހަރެންނަށް އަނިޔާއެއް ދީފިއްޔާ އާކިންގެ މައިންބަފައިންނަށްވެސް އަންގާނަން.. ޕޮލިހުން ކައިރިއަށްވެސް ދާނަން.. ކަމާބެހޭ ހުރިހާ ފަރާތްތަކަށް އަންގާނަން.. " ރޫބީގެ މޫނުމަތިން އާކިންއަށް ފެނުނީ ވަރުގަދަ އިންޒާރެކެވެ. ރޫބީ އެނދަށް އަރާ ރަޖާއަޅައިގެން އޮށޯތީ އާކިން އެހުރި ގޮތަށް ހުއްޓައެވެ. ރުޅިއައިސްގެން ގޮސް މުށްކެވި ދަތްތަކަށް ބާރުވިނަމަވެސް އާކިންއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ކޮޓަރިން ނިކުމެގެން ގޮސް ލައިބްރަރީއަށް ވަނެވެ. ފޮތެއް ކިޔާކަހަލަ މޫޑުގައި ނެތަސް އެތަނުން ގޮނޑިއެއް ދަމާލައި އިށީނެވެ. ހިނދަކަށް ވުރެ ހިނދެއް އާކިންގެ ހިތުގައި ރޫބީއަށް އޮތް ނަފްރަތުގެ ހުޅުގަނޑު ބޮޑުވަމުން ދިޔައެވެ.

މޭޒުގައި ދެއަތް ވިދެލަމުން އާކިން ލޯ މަރައިލިއެވެ. އެވަގުތު އޭނާގެ ލޯމައްޗަށް ސިފަވެގެން ދިޔައީ ނަޖުވާއެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ ނަޖުވާއާ އެކީގައި ހޭދަކުރެވިފައިވާ އެކި އެކި ވަގުތުތަކެވެ. ނަޖުވާ އޭނާއަށް ބަލާލާ ގޮތާއި ހިނިތުންވެލާ ގޮތެވެ. އާކިން އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ހޯދައިދެނީ މިފަދަ ގޮތަކަށެވެ. ހަމަހިމޭން އެތަނުގައި އޭނާ ހޭދަކުރަނީ ނަޖުވާ ކައިރީގައި ނެތްނަމަވެސް އޭނާއާ އެކީގައެވެ. ޖީބުގައި އޮތް ފޯނު ނެގުމަށްފަހު އާކިން ބަލައިލިއެވެ. ޑަޔަލް ޕެޑްގައި ނަޖުވާގެ ނަމްބަރު ޖަހައިލިއެވެ. ނަމަވެސް ގުޅާނެ ހިތްވަރެއް ނުލިބުނެވެ. ނަމްބަރު ޑިލީޓްކޮށްލުމަށްފަހު ވައިބަރ ހުޅުވައިލިއެވެ. ނަޖުވާގެ ބަޔަށް ވަނުމަށްފަހު މެސެޖެއް ލިޔެލިއެވެ. މައާފަށް އެދިފައެވެ. ހަނދާންވާ ވާހަކައާއި އަދިވެސް ވަރަށް ލޯބިވާ ކަމުގައި ބުނެފައެވެ. މެސެޖް ފޮނުވައިލިއެވެ. ނަމަވެސް މެސެޖް ރަތްވެގެން ދިޔުމާއެކު ނުފޮނުވުނު ކަމުގައި އެރިއެވެ. މިގޮތަށް ރަތްކުލަ އަރާފައިވާ އެތައް މެސެޖެއް ހުއްޓެވެ. މެސެޖް ނުދަނީ ކޮން ސަބަބަކާ ހުރެ ކަމެއް އާކިންއަށް ނޭނގެއެވެ. ވައިބަރ ނޫން ގޮތަކަށް ފޮނުވާ މެސެޖްވެސް ނުދަނީއެވެ. މޮޅިވެރިކަމާއެކު މެސެޖްތަކަށް ބަލަން އިނުމަށްފަހު ވައިބަރ ފޮޓޯއަށް ލާފައިވާ ނަޖުވާގެ ފޮޓޯއަށް އާކިން ބަލައިލިއެވެ. ދިގުފަން އިސްތަށިގަނޑު ކަނާތްފަރާތުން ވަނީ ކުރިމައްޗަށް ގެނެސްފައެވެ. ހިނިތުންވެފައި އިން ގޮތް ނުލާހިކު ޗާލެވެ. ނަޖުވާގެ އެދެލޮލުން ފެންނަމުން ދިޔައީ އާދަޔާ ހިލާފު ވިދުވަރެކެވެ. ފާރުބުރިއެއްގެ މަތީގައި ނަޖުވާ އިން ފޮޓޯ ނެގީ އާކިންއެވެ. އެދުވަސް ހަނދާންވުމުން އާކިންގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ފޯނުގެ ސްކްރީނުގައި ތުންފަތް ޖައްސައިލި ހިނދު ލޯމަރައިލެވުނެވެ. މޭޒުގައި ބޯއަޅައިގެން އޮވެ އާކިންއަށް ނިދުނީވެސް ނަޖުވާގެ ފޮޓޯތަކަށް ބަލަން އޮއްވައެވެ.

***********************

ސޯފާގައި އިން ސައިފްގެ ނަޒަރު ހުއްޓިފައިވަނީ އެނދުމަތީގައި އޮތް އަންހެންކުއްޖާއަށެވެ. ނިދިފައި އޮތްގޮތުން އެއޮތީ އަރާމު ނިންޖެއްގައި ނޫންކަން އެނގެއެވެ. ކުރިން އިސްކޮޅާއި ރޫފަ އެއްވަރުގެ އެއަންހެންކުއްޖާގެ ހަށިގަނޑުވަނީ މުޅިން އަނަރޫފަވެފައެވެ. ދޮންބައްޓެއް ފަދަ މޫނުގެ ކުލަ މިހާރު ވަނީ ފަނޑުވެފައެވެ. ދެލޯކައިރި ވަޅުވަދެ މޫނުވަނީ ހުދުކަފަކޮޅަކަށް ވެފައެވެ. ސައިފް އެއިންނަނީ އޭނާ ހޭލާނެ އިރެއްގެ އިންތިޒާރުގައެވެ. އޭނާގެ ހިތުގައި ބޮނޑިވެފައިވާ ސުވާލުތަކަށް ޖަވާބު ލިބޭނީ އޭރުންނެވެ.

" ވަޓް ދަ ހެލް ހެޕަންޑް ނަޖޫ.. ވައި އާރ ޔޫ އިން ދިން ސްޓޭޓް.. ކޮބާ އަހަރެންގެ ރޫބީ.. " ސައިފްއަށް ހިތާ ހިތުން ކިޔައިލެވުނެވެ. ޓްރެއިނިންގް ގައި އުޅުނު ދުވަސްތަކުގައި ރޫބީއަށް ގުޅޭގޮތް ނުވެގެން ސައިފްގެ ހިތްނުތަނަވަސް ވާން ފެށިއެވެ. އެންމެ ބޮޑު ނުތަނަވަސް ކަމެއް ލިބުނީ ނަޖުވާގެ ނަމްބަރަށްވެސް ނުގުޅޭތީއެވެ. އެންމެ ފަހުން ޓްރެއިންނިންގް އެއްވެސް ކަމެއް ކުރިއަށް ނުގެންދެވި އެނބުރި އަންނަން ސައިފްއަށް މަޖުބޫރުވިއެވެ. ސައިފަށް ނަޖުވާ ފެނުނީ ރަށަށްދާން ބޯޓު ކައިރިއަށް ގޮސް ހުއްޓައެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ނަޖުވާ ހުރި ހާލަތު ފެނިފައެވެ. މަސްތުގެ ހާލަތުގައި ހުރި ނަޖުވާ ފެނުމުން ސައިފަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. ކައިރިއަށް ގޮސް ވީގޮތް އޮޅުންފިލުވަން ސައިފް އެތައް މަސައްކަތެއް ކުރިއެވެ. ނަމަވެސް ނަޖުވާގެ ފަރާތުން އެދެވޭ ކަހަލަ ޖަވާބެއް ނުލިބުނެވެ. ހަމަނުޖެހޭ ވާހަކަތަކެއް ދައްކަމުން ގޮސް އެންމެ ފަހުން ނަޖުވާ އޭނާގެ އަތްމައްޗަށް ދެމުނީއެވެ. އޭރުއްސުރެން ފެށިގެންވެސް ނަޖުވާއަށް ހަމަހޭވެރިކަމެއް ނުލިބެއެވެ. މަސްތުގައި ހާލަތުގައި ހުރިކަން އެނގޭތީ ހޮސްޕިޓަލަށް ގެންދަން ސައިފް ފަސްޖެހުނެވެ. އޭނާގެ ހިތަށް އެތައް ސުވާލުތަކެއް އަރައި ފައިބަމުން ދިޔައެވެ. އޭނާ ފުރައިގެން ދިޔަތާ އެހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެވީ ކިހިނެއް ހެއްޔެވެ؟ އެންމެ ބޮޑު ހިތްދަތިކަމެއް ލިބެނީ އޭނާގެ ރޫބީ ވީތަނެއް ނޭނގޭތީއެވެ. ރަށުގައި އުޅޭ އޭނާގެ ދައްތައެއް ރޫބީ އުޅޭ ގެއަށްވެސް ފޮނުވިއެވެ. ނަމަވެސް ލިބުނު ޖަވާބުން ސައިފް އިތުރަށް މާޔޫސް ކުރުވިއެވެ. އެގޭގައި އެކަކުވެސް ނޫޅޭ ވާހަކަ ބުނުމުން ހައިރާންވެ އަންތަރީސްވިއެވެ.

***************************

ރޫބީ ހޭލިއިރު އާކިން ނެތުމުން ރޭގައި ނިދަން ނާންނަނީކަން ރޫބީއަށް އެނގުނެވެ. ނަމާދުކޮށްގެން ތިރިއަށް ފޭބިއިރު ލައިބްރަރީގެ ލައިޓް ދިއްލާފައި ހުރިތަން ފެނުމުން ކުޑަކޮށް ދޮރު ހުޅުވާލާފައި ބަލައިލިއެވެ. މޭޒުގައި ބޯއަޅައިގެން ނިދާފައި އޮތް އާކިން ފެނުމުން ރޫބީ ދެރަވިއެވެ. ފަތިސް ނަމާދު ނުކުރާކަން އެނގުމުން ގޮވަން ބޭނުންވިއެވެ. ނަމަވެސް ގޮވާކަށް ނުކެރުނެވެ. އިތުރު މީހަކު ލައްވާވެސް ގޮވަން ނުކެރުނީ އާކިން އެތާނގައި ނިދި ސަބަބަކާ ބެހޭގޮތުން ސުވާލުކޮށްފާނެތީއެވެ. އެނބުރި ދާން ހިތަށް އަރާފައިވެސް ރޫބީ ހުއްޓުނެވެ. ކޮންމެ ގޮތެއްވިޔަސް އާކިން އަކީ އޭނާގެ ފިރިމީހާއެވެ. އޭނާއަށް އެނގިހުރެ އާކިން ނަމާދެއް އަޅާކަށް ބޭނުމެއް ނުވިއެވެ. އެނބުރި ދޮރުހުޅުވާލާފައި މަޑުމަޑުން އެތެރެއަށް ވަނެވެ. އާކިންއަށް ދެތިން ފަހަރަކު ގޮވައިލުމުންވެސް ހަބަރެއް ނުވިއެވެ. ކޮނޑުގައި ޖަހައިލަން އުޅެފައިވެސް ފަސްޖެހެވުނެވެ. ރަނގަޅު ހިޔާލެއް އައުމާއެކު ރޫބީ ފޮތް ހަރުގަނޑު ކައިރިއަށް ޖެހިލިއެވެ. ބައިވަރު ފޮތްތަކެއް އަތަށް ނެގުމަށްފަހު ތިރިއަށް ވައްޓައިލިއެވެ. ބާރު އަޑުފަށްގަނޑާއެކު އާކިން އަށް ސިހިފައި ހޭލެވުނެވެ. އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ފޮތް ހަރުގަނޑު ކައިރީގައި ހުރި ރޫބީއެވެ.

" ކިހާދެރަކަމެއްތަ މީދެން.. އަހަރެން އަންނަހާ ތަނަކަށް ކަލޭ އަންނަން ޖެހޭތަ؟" އިންތަނުން ތެދުވަމުން އާކިން ހަޅޭއްލަވައިގަތެވެ. ރޫބީ އަވަސްއަވަހަށް ފޮތްތައް ނަގަން އުޅުނެވެ.

" ސޮރީ.. ފަތިހުގެ މިހިތްގައިމު ވަގުތު ޓެރޭސްއަށް ފޮތެއް ކިޔާލަން ދާން ބޭނުންވީ.." ފަތިސް ވެއްޖެކަން އާކިންއަށް އަންގައި ދިނުމުގެ ގޮތުން ރޫބީ ބުންޏެވެ. އާކިން ފޯނުން ގަޑިބަލައިލިއެވެ. ފަސްގަޑި ބައިވާން ގާތްވެފައި ހުރުމުން ރޫބީއާ ދެބަސްވާން ނުހަދާ މިސްކިތަށް ދިއުމަށް ހިނގައިގަތެވެ. އާކިން ނިކުތް މަންޒަރު ބަލަން ހުރުމަށްފަހު ރޫބީ ހިނިތުންވިއެވެ. އާކިން ނަމާދެއް އެޅުމުން ސަލާމަތް ކޮށްދެވުނީތީ އެކަމާ އުފާކުރިއެވެ.

*********************

ފަތިސް ނަމާދުކޮށްގެން ސައިފް އަނެއްކާވެސް އައިސް އިށީނީ ނަޖުވާ ކައިރީގައެވެ. ދެފަހަރަކު ނަޖުވާއަށް ގޮވައިލުމުން މަޑުމަޑުން އެސްފިޔަތައް ތަޅުވާލާފައި ނަޖުވާ ދެލޯ ހުޅުވައިލިއެވެ. ކުރިމަތީގައި އިން ސައިފް ފެނުމުން ނަޖުވާގެ ނިތަށް ރޫގިނަވެގެން ދިޔައެވެ. އޮވެވުނީ ކޮންތާކުކަން ނޭނގުމުން ފުންމައިގެން ތެދުވެ އިށީނދެވުނެވެ.

" ކާކު އަހަރެން މިތަނަށް ގެނައީ.. ކާކު އަހަރެން މިރަށައް ގެނައީ..." ދެވަނަ ޖުމްލައާ އެކު ނަޖުވާ ހަޅޭއްލަވައިގަތެވެ.

" ރިލެކްސް ނަޖޫ.. މީރަށެއް ނޫން މާލެ.. މީ އަހަރެން ކުއްޔަށް ހިފާފައި ހުރި ކޮޓަރިއެއް.. ނަޖޫ މިތަނަށް ގެނައީ އަހަރެން.." ސައިފް އޮޅުންފިލުވައިދިނެވެ.

" އަހަރެން އެއްވެސް މީހެއްގެ އެހީއެއް ބޭނުމެއްނޫން..." އެނދުން ފައިބަން މަސައްކުރަމުން ނަޖުވާ ބުންޏެވެ. އެހިނދު ބޮލަށް އެނބުރުން އެރުމާއެކު އަރި އަޅައިލިއެވެ. ހުޝިޔާރުވެ ހުރެ ސައިފް ނަޖުވާގެ ހަށިގަނޑުގައި ހިފެހެއްޓިއެވެ. އެއަށްފަހު މަޑުމަޑުން ނަޖުވާ އެނދުގައި ބޭންދިއެވެ. ފުރިޖުގައި ހުރި ކިރު ޕެކެޓްތަކުން ޕެކެޓެއް ނަގައިގެން ގެނެސް ނަޖުވާއަށް ދިއްކޮށްލިއެވެ. ނަމަވެސް އޭގައި ހިފާކަށް ނަޖުވާ ނޫޅުނެވެ. އިރުކޮޅަކަށް އެދެމެދަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. އެހިމޭންކަން ފޫއަޅުވައިލީ ނަޖުވާގެ ގިސްލުމުގެ އަޑުންނެވެ. ގިސްލުމުގެ އަޑު ބާރުވެ ރުއިމަކަށް ބަދަލުވެގެން ދިޔައިރުވެސް ސައިފަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ނަޖުވާ ރޯނެ ވަރަކަށް ރޯން ދޫކޮށްލަމުން އޭނާގެ ސުވާލުތައް އިހަށް މަޑުޖައްސައިލިއެވެ. ހިތްފުރޭވަރަށް ރޯލެވުމުން ނަޖުވާ ދެލޯ ކައިރި ފޮހެލިއެވެ. ސައިފް ޓިޝޫއެއް ދިއްކޮށްލުމުން އޭގައި ހިފުމަށްފަހު ލޮލާއި ނޭފަތް ކައިރި ސާފުކޮށްލިއެވެ.

" ސައިފް ކީއްވެ އަހަރެން މިތަނަށް ގެނައީ" ނޭފަތް އެތެރެއަށް ދަމަމުން ނަޖުވާ އަހައިލިއެވެ.

" ތީ އަހަރެންގެ ރޫބީގެ ބެސްޓީ.. ނަޖޫ އެހާ...." ސައިފްއަށް ފުރިހަމައެއް ނުކުރެވުނެވެ.

" އަހަރެން ދަންނަ ރޫބީއެއް ނޫޅޭނެ..." ހަރުކަށި ކަމާއެކު ނަޖުވާ ބުންޏެވެ. ސައިފަށް ލިބުނީ ހައިރާންކަމެކެވެ. ނަޖުވާ އެފަދަ އެއްޗެއް ބުނީ ކީއްވެގެން ބާއޭ ހިތަށް އެރިއެވެ.

" ކިހިނެއްވެގެންތަ މިއުޅެނީ ނަޖޫ.. ނަޖޫ ތިހާލަތުގައި އަހަރެންނަށް ފެނުނީ ބަނދަރުކައިރިން.. ރޫބީ ވީ ކޮންތާކު ކަމެއްވެސް ނޭނގޭ.. ރީނާއްތަ އާ މުއީންބެވެސް ވީތަނެއް ނޭނގޭ.." ސައިފް ކަންބޮޑުވެފައި އިނދެ ބުންޏެވެ.

" ތީ މިހާރު އަހަރެންނާ އެއްވެސް ގުޅުމެއް ހުރި ބައެއް ނޫން.. އެމީހުން ދިރިތިއްބަސް މަރުވިޔަސް އަހަރެންނަށް ހެޔޮ.." ނަޖުވާގެ ދުލުން ބޭރުވި ބަސް ސައިފަށް ޤަބޫލެއް ނުކުރެވުނެވެ.

" ސްޓޮޕް އިޓް ނަޖޫ.. އެއީ ނަޖޫގެ އާއިލާއެއް ނޫންތަ.. ރޫބީ އެއީ ނަޖޫގެ ކޮއްކޮއެއްފަދަ އެންމެ ގާތް އެކުވެރިޔާއެއް ނޫންތަ؟ ޕްލީޒް ބުނެބަލަ އަހަރެންގެ ރޫބީ ކޮބާ؟" ސައިފްގެ އަޑު ބާރުވެގެން ދިޔައެވެ.

" ކިހާދެރަކަމެއްތަ؟ އަހަރެން އެބައުޅެންތަ ސައިފްގެ ރޫބީ ފޮރުވައިގެން.." އިންތަނުން ތެދުވަމުން ނަޖުވާ ބުންޏެވެ. އިރުކޮޅަކުން މަލާމާތްކުރާ ގޮތަކަށް ހީނލައިފިއެވެ. ސައިފްއަށް ކިޔާނެ ބަހެއް ނޭނގިފައި ހުރެވުނީއެވެ.

" އަހަރެންގެ ރޫބީއޭ...." އެހެންބުނުމަށްފަހު އަނެއްކާވެސް ނަޖުވާ ހޭންފެށިއެވެ. ސައިފްގެ ކެތްތެރިކަން ކޮޅުންލިއެވެ. ނަޖުވާ ކައިރިއަށް ޖެހިލުމަށްފަހު އޭނާގެ ކޮނޑުގެ ދެފަރާތުގައި ހިފައި ތަޅުވައިގަތެވެ.

" މޮޔަވީތަ؟ ހެޔޮނުވާނެ ނަޖޫ ބުނެބަލަ ރޫބީ ކޮބާތަ؟" އާދޭހުގެ ރާގެއްގައި ސައިފް ބުންޏެވެ.

" އެއީ ސައިފްގެ ރޫބީއެއް ނޫން.. އެއީ ބޮޑު ބޭވަފާތެރިއެއް.. އަޑުއިވިއްޖެތަ.. އެއީ ބޮޑު ބޭވަފާތެރިއެއް.. އެންމެ ގާތް އެކުވެރިޔާއަށް ބޭވަފާތެރިވީ.. ސައިފަށްވެސް ބޭވަފާތެރިވީ.. " ސައިފްގެ އަތް ފޮޅުވައިލަމުން ނަޖުވާ އަޑުގެ ކޮޅަށް ބުންޏެވެ.

" ނަޖޫ ކީކޭތަ ތިކިޔަނީ.." އަޑުކުރެހިގެން ދިޔަ ހިނދު ސައިފް އަހައިލިއެވެ.

" އަޑުއަހާނެހާ ހިތްވަރު އެބަހުރިތަ؟ އެހެންވީއިރު އަހާ... ރޫބީއަކީ މިހާރު އެހެން މީހެއްގެ ހައްގެއް.. އެއީ މިހާރު ސައިފްގެ ރޫބީއެއް ނޫން.. އެއީ މިހާރު އެހެންމީހެއްގެ ރޫބީ.. އެއީ މިހާރު މީހެއްގެ އަނތްބެއް.." ނަޖުވާ ބުންޏެވެ. ސައިފް ލައި ލައި ހުރި ނޭވާވެސް ތާށިވި ކަހަލައެވެ. ހީވީ ކަންފަތްމަތީގައި އެތިފަހަރަކުން ޖެހުނު ހެންނެވެ. މީހާ ހުރިތަނަށް ގަނޑުވިކަހަލައެވެ.

" ހިތަށް ވަރަށް އަސަރުކޮށްފި ދޯ.. އަހަރެންނަށްވެސް ވި ހަމަ ތިހެން.. އެނގޭތަ ރޫބީ ކައިވެނި ކުރީ ކާކާ ކަން.. " ސައިފްގެ ކޮނޑުގެ ދެފަރާތުގައި ހިފަހައްޓައިލަމުން ނަޖުވާ ބުންޏެވެ. ސައިފަށް ނަޖުވާއަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް ނުކުރެވުނެވެ.

" އެބޮޑު ބޭވަފާތެރިޔާ ކައިވެނި ކުރީ އަހަރެންގެ އާކިން އާ... ރޫބީ ކައިވެނި ކުރީ އަހަރެންގެ އާކިންއާ.. އެއަންހެނާ އަހަރެން އަތުން އަހަރެންގެ އާކިން ފޭރިގަތީ.." ރޮމުން ރޮމުން ސައިފްގެ މޭގައި ލައްވެލަމުން ނަޖުވާ ބުންޏެވެ. ލިބުނު ޝޮކްގައި ސައިފަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އޭރުވެސް ސައިފްގެ މޭގައި ލައްވެގެން ހުރެ ނަޖުވާ ރޮމުން ދިޔައެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، ނުވައެއް ޑިސެމްބަރު ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް