ފްލައިންގ ސްކޫލްގެ ދަރިވަރުންނަށް އެހީތެރިވެދެވޭނެ ގޮތްތަކެއް ސަރުކާރުން އަންނަނީ ބަލަމުން: ނައިބު ރައީސް

ފްލައިން ސްކޫލްގެ ދަރިވަރުންނަށް އެހީތެރިވެދެވޭނެ ގޮތްތަކެއް ސަރުކާރުން ބަލަމުން އަންނަކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީ އަދި ފުވައްމުލަކ...

12 Dec 2020 | 17:35

ފްލައިން ސްކޫލްގެ ދަރިވަރުންނަށް އެހީތެރިވެދެވޭނެ ގޮތްތަކެއް ސަރުކާރުން ބަލަމުން އަންނަކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫގައި ޤާއިމުކޮށްފައިވާ ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި އެ ކުދިންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު އޮޅުންފިލުއްވައި، ވާހަކަ ދައްކަވަމުން ނެވެ.

މިއަދު ހަވީރު ބޭއްވެވި ބައްދަލު ކުރެއްވުމުގައި އައްޑޫ ފްލައިންގ ސްކޫލްގެ ދަރިވަރުން ވަނީ އެ ކުދިންނަށް ދިމާވާ ދަތިތަކުގެ މަޢުލޫމާތު ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރައްވާފައެވެ.

އެ ގޮތުން، އެ ކުދިން ވަނީ ސްކޫލްގެ ފީ އެމެރިކާ ޑޮލަރުން ދައްކަން ޖެހުމުން ދިމާވާ ދަތިތަކާއި، ފްލައިންގ ސްކޫލުން އެ ކުދިންނާ މެދު ޢަމަލުކުރަމުންދާ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ އެ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި، އެ މަނިކުފާނު ވަނީ ސަރުކާރުގެ ފަރާތުން ފްލައިން ސްކޫލްގެ ދަރިވަރުންނަށް އެހީތެރިވެދެވޭނެ ގޮތްތަކެއް ބައްލަވައިދެއްވުމަށް ފިނޭންސް މިނިސްޓަރުގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.

މީގެ ތެރޭގައި އެ ދަރިވަރުންނަށް އެމެރިކާ ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން ފީ ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމަކީ ކޮބައިކަން ބެއްލެވުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ފިނޭންސް މިނިސްޓަރ އަޙްމަދު އަމީރު ވަނީ، މި ކަމުގައި އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި، މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފްލައިންގ ސްކޫލްގެ ދަރިވަރުން ވަނީ އެ މީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވުމާ ގުޅިގެން، އެ މަނިކުފާނާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެ ދަރިވަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރާއި، މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ޑޮކްޓަރ ޢަބްދުލްމަލިކް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް