އެހީތައް ރާއްޖެއަށް ލިބިއްޖެނަމަ، 2030 ގެ ނިޔަލަށް ރާއްޖެއަކީ ކާރބަން ނެޓްޒީރޯ ޤައުމަކަށް ހެދޭނެ: ރައީސް

ރާއްޖޭގެ މަގުސަދަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމުގައި ރާއްޖެ ނަމޫނާއަކަށްވުން ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު...

12 Dec 2020 | 17:10

ރާއްޖޭގެ މަގުސަދަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމުގައި ރާއްޖެ ނަމޫނާއަކަށްވުން ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ "ކްލައިމެޓް އެމްބިޝަން ސަމިޓް" ގައި، މޫސުމަށްއަންނަ ބަދަލުތަކުން ރައްކާތެރިވުމުގެ ގޮތުން ދިވެހިރާއްޖޭގެ ފަރާތުން އަޅާނެ ފިޔަވަޅުތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސް ސާލިޙް ވަނީ ޖައްވަށް ދޫކުރެވޭ ވިހަގޭސް ނުވަތަ ގްރީން ހައުސް ގޭސް ބޭރުކުރުމުގައި، ދުނިޔޭގެ ނިސްބަތުން ދިވެހިރާއްޖެއަކީ އެންމެ ހިއްސާކުޑަ އެއް ޤައުމުކަމުގައި ވިޔަސް، ދިވެހިރާއްޖެއަކީ މޫސުމަށްއަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ނޭދެވޭ އަސަރުކުރާ ޤައުމުކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ މި ހިއްސާ ކުޑަނަމަވެސް، އަޅުގަނޑުމެން މިކަމުގައި ފަސް ނުޖެހޭނެ ކަމަށާއި، ކުދި ޖަޒީރާ ޤައުމެއްގެ ގޮތުން ދައްކަމުން އަންނަ ނަމޫނާ އެންމެ ކުރީސަފުގައި އަބަދުވެސް ދައްކަމުންދާނެކަމަށް ވެސް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖެއަށް ލިބެމުންދާ އެހީތައް މިގޮތުގައި ލިބެމުންދާނަމަ، ދިވެހިރާއްޖެއިން ކުރިން ކަނޑައަޅާފައިވާ ޖައްވަށް ދޫކުރެވޭ ވިހަގޭސް މަދުކުރުމުގެ ލަނޑުދަނޑި ނުވަތަ ނޭޝަނަލް އެމިޝަން ރިޑަކްޝަން ޓާގެޓްގެ މިންވަރު، 2030 ގެ ނިޔަލަށް %26 އިންސައްތައަށް  އިތުރު ކުރާނެ ކަމަށެވެ.

މިފަދަ ބަދަލުތައް ގެނައުމަށް އިޖްތިމާޢީ ގޮތުންނާއި އިޤްތިސާދީ ގޮތުންނާއި ތިމާވެށީގެގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ދެއްވާނެކަމަށް ވައުދުވި އެހީ ލަހެއްނެތި ފޯރުކޮށްދިނުމަށްވެސް އެ ޤައުމުތަކަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން މިފަދަ އެހީތައް ރާއްޖެއަށް ލިބިއްޖެނަމަ، 2030 ގެ ނިޔަލަށް ރާއްޖެއަކީ ކާބަން ނެޓްޒީރޯ ޤައުމަކަށް ހެދުމުގެ އަމާޒުވެސް އެބައޮތްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އެން.ޑީ.ސީ ތައްޔާރުކުރުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީ އިން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި މަޝްވަރާކޮށްފައެވެ. އަދި ނޭޝަނަލް އެމިޝަން ރިޑަކްޝަން ޓާގެޓް ކަނޑައެޅުމުގައި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާގައި ހިނގަމުންދާ އަދި ކުރިމަގުގައި ހިންގަން ރޭވިފައިވާ މަޝްރޫއުތަކުގެ މައުލޫމާތުވެސް ހިމަނައި އަދި ރާއްޖެއަށް ގެނެވިދާނެ ފަދަ ޓެކްނޮލޮޖީތަކާއި ބެހޭގޮތުން ހެދިފައިވާ ދިރާސާތައްވެސް ވަނީ މުރާޖަޢާކުރެވިފައެވެ.

ދިވެހިރާއްޖޭގެ މި އެމިޝަން ރިޑަކްޝަން ޓާގެޓް ކަނޑައެޅިފައިވަނީ މިފަދަ އެސަސްމެންޓްތައް ހެދުމަށް އެހެން ޤައުމުތަކުގައިވެސް ބޭނުން ކުރާ އެމިޝަން ރިޑަކްޝަން އެސަސްމަންޓް މޮޑެލްއެއް ކަމަށްވާ ލީޕް (ލޯ އެމިޝަން އެނަލިސިސް ޕްލެޓްފޯމް) މެދުވެރިކޮށް ކުރެވުނު ދިރާސާތަކުގެ އަލީގައެވެ.

ކްލައިމެޓް އެމްބިޝަން ސަމިޓަކީ 2015 ގައި އެއްބަސްވެވުނު ޕެރިސް އެގްރީމެންޓަށް 5 އަހަރުވުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ބައްދަލުވުމެކެވެ.

މިސަމިޓުގެ މައިގަނޑު މަޤުސަދަކީ ކްލައިމެޓް އެމްބިޝަން އިތުރުކުރުމާއި އެކު ޕެރިސްއެގްރީމެންޓް ތަންފީޒު ކުރުމުގެ ގޮތުން އެކި ޤައުމުތަކުން ކުރާނެ ކަންތައްތަކާއި މެދު މަޝްވަރާކުރުމުވެ.

މި ސަމިޓުގައި ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ޕެރިސް އެގްރީމަންޓްގެ ދަށުން ކޮންމެ ޤައުމަކުންވެސް، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ކުރުމަށް ގަސްދުކުރާ ކަންތައްތައް ހިމެނޭ ގޮތުގެ މަގު ޗާޓެއް ނުވަތަ ނޭޝަނަލީ ޑިޓާރމައިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ) ވަނީ 2015 ގައި ހުށަހަޅާފައެވެ.

އެން.ޑީ.ސީ.ގެ މައިގަނޑު ބޭނުމަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އެދެވޭ ޙައްލެއް ހޯދުމަށްޓަކައި ހުރިހާ ޤައުމުތަކުންވެސް ގުޅިގެން މަސައްކަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރަގަޅު އަސަރުތަކުން ދުނިޔެ ސަލާމަތްކުރުމަށްޓަކައި ދުނިޔޭގެ ފިނިހޫނުމިން 2 ޑިގްރީސެލްސިއަސް އަށް ވުރެދަށުގައި ބަހައްޓައި އަދި 1.5 ޑިގްރީއަށް ގެންދެވޭތޯ ގަދައަޅައި މަސައްކަތްކުރުމެވެ. ޕެރިސް އެގްރީމަންޓްގައި އެއްބަސްވެވިފައިވަނީ ކޮންމެ 5 އަހަރުން އެން.ޑީ.ސީތައް މުރާޖަޢާކޮށް ހުށަހަޅަމުން ގެންދިއުމަށެވެ.

އެގޮތުން މިއަހަރުގެ ނިޔަލަށް ވަރަށްގިނަ ޤައުމުތަކުން އެން.ޑީ.ސީތައް ހުށަހަޅާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް