ރުގްޔާ ކުރުމުގެ ނަމުގައި ހަތަރު މައިން ގޭގައި ބަންދުކޮށް ތަޅާ އަނިޔާކޮށް ހެދި މައްސަލައިގަ ހައްޔަރު ކުރި އުމުރުން24 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
އެމީހާ އަކީ ރުގްޔާ ކުރި މީހާ އެވެ. އެމީހާގެ އިތުރުން އެ މައްސަލައިގަ ހައްޔަރު ކުރީ އަންހެން މީހާގެ ފިރިމީހާ ކަމަށްވާ އުމުރުން 39 އަހަރުގެ މީހެކެވެ.
މި މައްސަލައި އެ ދެމީހުން ހައްޔަރު ކުރުމަށް ފަހު މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން39 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ27 ވަނަ ދުވަހު އެވެ. އެދުވަހު ރުގްޔާ ކުރި މީހާގެ މުއްދަތަކަށް ޖަހާފައިވަނީ15 ދުވަހެވެ.
ފުލުހުން މިއަދު ބުނީ އެމީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ރުގްޔާ ކުރި މީހާއަށް ފުލުހުން ތުހުމަތު ކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެވެ. ރުގްޔާ ކުރި މީހާ ޖިންސީ އަނިޔާ ކުރީ އެ އަންހެން މީހާގެ ހަތް އަހަރުގެ ދަރިފުޅަށެވެ.
އެ އަންހެން މީހާގެ ފިރިމީހާއަށް ތުހުމަތު ކުރަނީ ރުގްޔާކުރާ މީހާގެ އަމަލުތަކަށް ހިތްވަރުދީ އޭނާ ވެސް އެ އަނިޔާގައި ބައިވެރިވެފައިވާކަމަށް ބުނެ އެވެ.
އުތުރުގެ ރަށެއްގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން އެ އަންހެން މީހާއި އާއި އޭނާގެ ތިން ދަރިން ގޭތެރޭގައި ބަންދުކޮށް ތިން މަސް ދުވަސްދެން ގެންގުނު ކަމަށްވެ އެވެ. މިވާހަކަތަށް މީޑިއާގައި ކިޔައި ދިނީ އަނިޔާ ލިބުނު އަންހެން މީހާ އާއި އެ އާއިލާ މީހެކެވެ.
އެ އަންހެން މީހާގެ ގައިގައި ޖިންނި އެއް އުޅޭކަމަށް ބުނެ ރުގްޔާ ކުރަން ފެށީ ބޮލުގައި ރިއްސާތީ ކަމަށް އެ އަންހެން މީހާ ބުނެފައިވެ އެވެ. އަދި ރުގްޔާ ކުރަން އޭނާ އާއި ތިން ކުދިން ގޭގައި ބަންދުކޮށް އަނިޔާ ކުރުގެ އިތުރުން އެހެން މީހުންނާއި މުއާމަލާތް ނުކުރެވޭ ގޮތަށް ފޯނު އަތުލި ކަމަށް ބުނެފައިވެ އެވެ.
އެގޮތުން އެ އަންހެން މިހާ އާއި އޭނާގެ އުމުރުން ހަތް އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަމަށާއި އެ ކުޑަކުއްޖާއަށް އައިޖީއެމްއެޗުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ބުނެފައިވެ އެވެ. އޭނާ އެކަމުން ސަލާމަތްވީ އެ ރަށުގައި އުޅޭ އާއިލާ މީހަކަށް ގުޅޭގޮތް ވެގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
އެ އަންހެން މީހާ ބުނީ ފުލުހާއި ޖެންޑާއަށް ހުށަހެޅުމުންވެސް އެކަން ބެލޭގޮތް ނުވީ ފިރިމީހާގެ ވާހަކަތައް އެމީހުން ގަބޫލު ކުރުމުންނެވެ.
މި މައްސަލައިގަ ޖެންޑާ މިނިސްޓްރީން ބުނީ އެ އާއިލާގެ ރައްކާތެރިކަން ފޯރުކޮށްދީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް