ގުޅީ ބިންހިއްކުމުގެ މަޝްރޫޢު ނިމުން: ރައީސް ވިދާޅުވީ މިއީ ތަރައްޤީގެ ގިނަ ކަންތައްތަކެއްގެ ފެށުމަށް އެއްލުނު ޞަފުޙާއެއް ކަމަށް

ކ. ގުޅީ ބިންހިއްކުމުގެ މަޝްރޫޢު ނިމުމަކީ، ރައްޔިތުންގެ ތަރައްޤީގެ ގިނަ ކަންތައްތަކެއްގެ ފެށުމަށް އެއްލުނު ޞަފުޙާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކ...

12 Nov 2025 | 15:28
ކ. ގުޅި ހިއްކި ސަރަހައްދު (ކ) ރައީސް ގުޅީގައި (ވ) -

ކ. ގުޅި ހިއްކި ސަރަހައްދު (ކ) ރައީސް ގުޅީގައި (ވ) -

ކ. ގުޅީ ބިންހިއްކުމުގެ މަޝްރޫޢު ނިމުމަކީ، ރައްޔިތުންގެ

ތަރައްޤީގެ ގިނަ ކަންތައްތަކެއްގެ ފެށުމަށް އެއްލުނު ޞަފުޙާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ

ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ގުޅީ ބިންހިއްކުމާއި

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ

ގޮތުން، އެ ރަށު ހިއްކިބިމު ސަރަޙައްދުގައި މިއަދު ހަވީރު ކުރިއަށްގެންދެވި ޚާއްޞަ

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި

ވާހަކަފުޅުގައި، މިއީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތްކަން ފާހަގަކުރައްވައި،

އެ ހުރިހާ ފަރާތްތަކެއްގެ އަގު ވަޒަންކުރެއްވިއެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް

ބިން ބޭނުންކުރުމަށްޓަކައި ހައްދަވާ ލޭންޑްޔޫސް ޕްލޭން ވެގެންދާނީ އެންމެ ހެޔޮ ގޮތުގައި

ބިމުގެ ބޭނުން ހިފުމަށް ފަހިވެގެންދާނެ ޕްލޭނަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ

ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކ. ގުޅީގެ ރައްޔިތުންނަށް ދެއްވާފައެވެ.

އެގޮތުން، ގޯތިގެދޮރު ބިނާކުރުން ފަދަ ކަންކަމުގެ މަގުފަހިކޮށްދެއްވަމުން ގެންދަވާނެކަމުގައިވެސް

އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ކ. ގުޅި ބަނދަރު ތަރައްޤީކުރުމުގެ

މަޝްރޫޢުގެ އެއްބަސްވުމުގައި، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ

(އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކުރައްވާފައިވާއިރު، މި މަޝްރޫޢުވެސް، ބިންހިއްކުމުގެ މަޝްރޫޢު

ފަދައިން ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވައި، ނިންމަވާނެކަމުގެ ޔަޤީންކަން،

ރައީސުލްޖުމްހޫރިއްޔާ ވަނީ ކ. ގުޅީގެ ރައްޔިތުންނަށް ދެއްވާފައެވެ.

ހަމަ މިއާއެކު، ފަތުރުވެރިކަމަށް ކ. ގުޅިން ދޫކޮށްފައިވާ

ބިމާ ގުޅިގެން އުފެދިފައިވާ މައްސަލައަށް، ރައްޔިތުން އެދޭ ހައްލު ހޯއްދަވައިދެއްވާނެ

ކަމަށާ، އެކަން ކުރައްވާނީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން، ދަޢުލަތަށްވެސް ބުރަނުވާ

ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކ. ގުޅީގެ ތަރައްޤީއަށް ކުރަންހުރި ކަންކަމަކީ ސަރުކާރުން

ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނެ ކަންތައްތަކެއް ކަމަށާ، ހަމަ މިފަދައިން

ރާއްޖޭގެ ކޮންމެ ރަށެއްގައި ކަންކަން ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ

ވަނީ ތަކުރާރުކޮށްދެއްވާފައެވެ.

ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ

ޢަމަލީ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދެވީ އެމް.ޓީ.ސީ.ސީއާ ހަވާލުކުރައްވައިގެންނެވެ.

630 ދުވަހުގެ ތެރޭގައި މަޝްރޫޢުގެ ނިމުން ފާހަގަކުރެވިގެންދިޔައިރު ކ. ގުޅިއަށް

10.15 ހެކްޓަރުގެ ބިން ވަނީ އިތުރުކުރެވިފައެވެ. މި މަޝްރޫޢުގެ ދަށުން ނިންމަވާފައިވާ

މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 940 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި،

362 މީޓަރ ދިގުމިނުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 88 މީޓަރގެ ބޮޑުހިލައިގެ ހުރަސްތޮށި

ޖެހުން ހިމެނެއެވެ.

މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުން މިނިސްޓަރ

އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް

ވަނީ ގުޅި ކައުންސިލަށް ހަނދާނީ ފިލައެއް ދެއްވާފައެވެ.

އެމް.ޓީ.ސީ.ސީއާއެކު މިއަދު ސޮއިކުރެއްވި، ކ. ގުޅީ ބަނދަރު

ތަރައްޤީކުރުމުގެ މަޝްރޫޢުގެ މުއްދަކީ 530 ދުވަހެވެ. މި މަޝްރޫޢުގެ ދަށުން ކުރެވޭނެ

މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ބަނދަރު އަދި ނެރު ފުންކުރުން، ކުރީގެ ބަނދަރު

މަރާމާތުކުރުމާ، ކުދި އުޅަނދުފަހަރު އެޅުމަށް ބޭރުތޮއްޓާ އިންވެގެން ކޮންކްރީޓް ޖެޓީއެއް

އެޅުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް