ކޮވިޑް-19 ގެ ބަލިމަޑު ކަމާއި ގުޅިގެން މިއަހަރު ޖޫންމަހު ބާއްވަން ތާވަލް ކޮށްފައި އޮތް ޔޫއެފާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތް އަންނަ އަހަރުގެ ޖޫން އަށް ވަނީ ފަސްކޮށްފައެވެ. އަންނަ އަހަރުގެ ޖޫން މަހަށް ފަށަވް ތާވަލް ކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު 20 ޓީމަށް ވަނީ ޖާގަ ކަށަވަރުވެފައެވެ. އަދިވެސް މި މުބާރާތުން ހަތަރު ޓީމަކަށް ޖާގަ ލިބެން އޮތް އިރު، ބާކީ ހަތަރު ޖާގަ ލިބޭނީ މިރޭ ކުޅޭ ޕްލޭއޮފް ހަތަރު ފައިނަލުން މޮޅުވާ ހަތަރު ގައުމަށެވެ. މިރޭގެ މެޗުތަކަށް ފަހު ގްރޫޕް ސްޓޭޖުގައި ވާދަކުރާ ހުރިހާ ޓީމެއް ކަށަވަރު ވެގެން ދާނެ އެވެ.
ޔޫރޯ ކޮލިފައިން ޕްލޭއޮފްގެ ފަހު ހަތަރު މެޗު މިރޭ ކުޅޭ އިރު، މިރޭގެ ފުރަތަމަ މެޗު ކުޅޭނީ މިރޭ ރާއްޖޭ ގަޑިން 10 ޖަހާއިރުގައެވެ. މިރޭ 10 ޖަހާއިރު ކުޅޭ ކޮލިފައިން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޖޯޖިއާ އާއި ނޯތު މެސެޑޯނިއާ އެވެ. ދެން ކުޅޭ ތިން މެޗު ވެސް ކުޅޭނީ މިރޭ ދަންވަރު ރާއްޖޭ ގަޑިން 1 ޖަހާއިރުގައެވެ. މިރޭ ދަންވަރު ރާއްޖޭ ގަޑިން 1 ޖަހާއިރު ކުޅޭ މެޗުތަކަށް ބަލާއިރު، ހަންގޭރީ އާއި އައިސްލެންޑް، ނޯދަން އަޔަލެންޑް އާއި ސްލޮވޭކިއާ، އަދި ސާބިއާ އާއި ސްކޮޓްލެންޑް ބައްދަލުކުރާ މެޗު ކުޅޭނެއެވެ.
މިރޭ ޕްލޭއޮފް ފައިނަލް މެޗުގައި ބައްދަލުކުރާ ޓީމުތަކަށް ބަލާއިރު، މިރޭ 10 ޖަހާއިރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާ ޖޯޖިއާ ޕްލޭއޮފް ފައިނަލަށް ދަތުރުކުރީ 1-0 އިން ބެލަރޫސް ބަލިކޮށްގެންނެވެ. މެސެޑޯނިއާ ޕްލޭއޮފް ފައިނަލުން ޖާގަ ހޯދީ 2-1 އިން ކޮސޯވޯ ބަލިކޮށްފަ އެވެ.
ހަންގޭރީން ޕްލޭއޮފް ފައިނަލުން ޖާގަ ހޯދީ 3-1 އިން ބަލްގޭރިއާ ބަލިކޮށްގެންނެވެ. އަދި އައިސްލެންޑުން ޖާގަ ހޯދީ 2-1 އިން ރޫމޭނިއާ ބަލިކޮށްގެންނެވެ.
ނޮދާން އަޔަލެންޑް ޕްލޭއޮފް ފައިނަލުން ޖާގަ ހޯދީ ބޮޒްނިއާއާ ވާދަކޮށް މެޗު 0-0 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 4-3 އިން މޮޅުވެގެންނެވެ.
ސްލޮވާކިއާ ޕްލޭއޮފް ފައިނަލުން ޖާގަ ހޯދީ މެޗު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2 އިން ރިޕަބްލިކް އޮފް އަޔަލެންޑު ބަލިކޮށްގެންނެވެ. ސާބިއާ ޕްލޭއޮފް ފައިނަލުން ޖާގަ ހޯދީ 2-1 އިން ނޯވޭ ބަލިކޮށްގެންނެވެ. ސްކޮޓްލެންޑް ޖާގަ ހޯދީ އިސްރާއީލްއާ ވާދަކޮށް މެޗު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5-3 އިންނެވެ.
އަންނަ އަހަރުގެ ޖޫން 11 ގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތް ޔޫރަޕްގެ ތަފާތު 12 ގައުމެއްގަ އެވެ. އެއީ އަޒަރުބައިޖާން، ބެލްޖިއަމް، ޑެންމާކް، އިންގްލެންޑް، ޖަރުމަނު، ހަންގޭރީ، އިޓަލީ، ނެދަލެންޑްސް، ރިޕަބްލިކް އޮފް އަޔަލެންޑް، ރޫމޭނިއާ، ރަޝިއާ، ސްކޮޓްލެންޑް އަދި ސްޕެއިން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް