ހަމަލާ ދޭން ރޭވީ ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް ނޫން: ފުލުހުން

ފުލުހުން އިއްޔެ ފެށި އޮޕަރޭޝަނެއްގައި ހުއްޓުވާފައިވަނީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް ދޭން ރޭވި ޓެރަރިސްޓު ހަމަލާއެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ. ބައެއް މީޑިއާތަކުގައި ރިޕޯޓުކޮ...

12 Nov 2020 | 09:20

ފުލުހުން އިއްޔެ ފެށި އޮޕަރޭޝަނެއްގައި ހުއްޓުވާފައިވަނީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް ދޭން ރޭވި ޓެރަރިސްޓު ހަމަލާއެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފުލުހުން އިއްޔެ ހުއްޓުވީ ތިމަރަފުށީގައި ދޭން އުޅޭ ޓެރަރިސްޓު ހަމަލާއެކެވެ. އެކަމަކު ފުލުހުން ވަނީ މިއަދު އެކަން ދޮގުކޮށްފައި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް ދޭން އުޅުނު ޓަރަރިސްޓު ހަމަލާއެއް ހުއްޓުވި ކަމަށް ބުނެ ފަތުރާފައިވަނީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. އެ ހަމަލާ ދޭން އުޅުނު ތަނާއި ބެހޭގޮތުން ފުލުހުން އެއްވެސް އެއް އަދި ހާމައެއް ނުކުރެ އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ މި އޮޕަރޭޝަންގައި ރާއްޖޭގެ ތިން ސަރަހައްދަކުން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުންނާއި ގުޅުން ހުރި ތަންތަން ބަލައި ފާސް ކުރަމުންދާ ކަމަށް ބުންޏެވެ.

މި މައްސަލައިގަ މީހުން ހައްޔަރުކޮށްފައިވަނީ މާލެއާއި ތިމަރަފުއްޓާއި ކަނޑުމަތިންނެވެ.

އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް ކަމަށާއި އޮޕަރޭޝަން ކުރިއަށް ދާ މިންވަރަކުން މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ރައްޔިތުން ސަލާމަތާ ގުޅޭ މިފަދަ ހައްސާސް ކަންކަމުގައި ސައްހަ މައުލޫމާތު ނޫނީ ނުފަތުރަން އިލްތިމާސްކުރާ ކަމަށެވެ.

މި މައްސަލައިގަ މިހާތަނަށް ފުލުހުން ހަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 20 އަހަރާއި 21 އަހަރު، 29 އަހަރު، 18 އަހަރު އަދި 34 އަހަރުގެ އިތުރުން 31 އަހަރުގެ ދިވެހި ފިރިހެނުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް