ބޮލީވުޑްގެ ބަތަލް ޓައިގާ ޝްރޮފް އާއި ލޯބިވެރިޔާ ކަމަށް ބުނާ ދިޝާ ޕަޓާނީ ފުރައިގެން ދިޔަ ތަނެއް ނޭނގިގެން އުޅެނިކޮށް ރާއްޖެއަށް ޗެކްއިން ވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދެމީހުން މުމްބާއީ އެއާޕޯޓުގައި ފުރަން ގޮސް ތިއްބަ ބައެއް ނޫސްވެރިންނާއި ޕަޕަރާޒީންނަށް ފެނިފައިވެ އެވެ. އެކަމަކު ފޮޓޯގަނޑެއް ފިޔަވައި ފުރައިގެން ދިޔަ ތަނުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.
އެހެންވެ އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ވަނީ ދެ ލޯބިވެރިން އެކުގައި ސިއްރު ޗުއްޓީއަކަށް ދިޔަކަމަށް ބުނެފައި އެވެ. އެކަމަކު އިއްޔެ ޓައިގާ ވަނީ ޓީއެމްއޭގެ އެއާޓެކްސީއެއްގެ ކައިރީގައި މަޑުކޮށްލައިގެން ހުރި ފޮޓޯއެއް އޭނާގެ ރަސްމީ އިންސްޓަގްރާޕް ޕޭޖުގައި އާންމުކޮށްފައި އެވެ.
ހަމައެކަނި ފަޓުލޫނެއް ލައިގެން ޓީޝާޓު ބާލައި އަތުން ހިފައިގެން ހުރެ ނަގާފައިވާ އެ ފޮޓޯ ހިއްސާ ކުރުމަށް ފަހު ބުނެފައިވަނީ ދުވަސްކޮޅަކަށް އޭނާގެ ހެދުމަކީ އެއީ ކަމަށެވެ. އެ ފޮޓޯއަށް އޭނާގެ ދައްތަ ކްރިޝްނާ ޝްރޮފް ކޮށްފައިވާ ކޮމެންޓުުގައި ފާހަގަކޮށްފައިވާ ތާރީހަކީ ރަނގަޅު ތާރީހަކަށް ވާ ނަމަ ޓައިގާ އާއި ދިޝާ ޗުއްޓީއަށް ފަހު މާދަމާ އެނބުރި އިންޑިއާއަށް ދާނެ އެވެ.
https://www.instagram.com/p/CHelAxjnYN5/
ޓައިގާ ޗުއްޓީ ހޭދަ ކުރަމުންދަނީ ރ. އަތޮޅުގައި ހިންގާ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓްގައި އެވެ. އެ ރިސޯޓުގައ ނަގާފައިވާ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.
އެކަމަކު އެއްވެސް ފޮޓޯއަކުން ދިޝާއެއް ނުފެނެ އެވެ. އޭނާ އާއި އެކު ދިޝާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަމަށް ގަބޫލް ކުރެވިފައިވަނީ އެއާޕޯޓަށް ދެމީހުން އެއްކޮށް ފުރަން ގޮސްތިއްބަ ފެނިފައިވާތީ އެވެ.
ޓައިގާ އާއި ދިޝާ މީގެ ކުރިންވެސް ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އައިސްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް