ފިޝަރީގެ އެންޑް އެގްރިކަލްޗާ މިނިސްޓްރީއިން ހދ. ހަނިމާދޫގައި ހިންގާ އެގްރިކަލްޗާ ރިސާޗު ސެންޓަރު އިންޑިއާގެ އެހީގައި ތަރައްގީކުރަން އެމްއޯޔޫ އެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. އެމްއޯޔޫގައި ވާގޮތުން އެގްރިކަލްޗާ ރިސާޗް ސެންޓަރު ތަރައްގީ ކުރާނީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުންނެވެ. އެ މަސައްކަތަށް 1،711،434.60 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
އެގްރިކަލްޗާ ރިސާޗް ސެންޓަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން އެ ސެންޓަރުގައި ސޮއިލް އެނާލިލިސް އަދި ޕްލާންޓް ޓިޝޫ ޓެސްޓިން ލެބޮރަޓަރީއެއް ތަރައްގީ ކުރާނެ އެވެ. އެ ލެބޮރަޓަރީ ދަނޑުވެރިންނާއި ދިރާސާ އާއި އަދި ތައުލީމީ ކަންކަމަށް ބޭނުންކުރާ ގޮތަށް މިހާރު ވެސް ވަނީ ހަމަޖެހިފަ އެވެ.
އިންޑިއާގެ އެހީގައި އެ ސެންޓަރު ސޮއިކުރުމުގެ މަޝްވަރާތަށް ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް