ރައީސް ލޮނިޒިޔާރަތް ފާކު ހުޅުވައިދެއްވުމުން ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ނުދެވޭ: ޝިޔާމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލޮނުޒިޔާރަތް ޕާކު ހުޅުވައި ދެއްވުމުން ސަރުކާރުން ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ދެއްވާ މިންވަރު ހާމަވެއްޖެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއ...

12 Nov 2020 | 07:47

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލޮނުޒިޔާރަތް ޕާކު ހުޅުވައި ދެއްވުމުން ސަރުކާރުން ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ދެއްވާ މިންވަރު ހާމަވެއްޖެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ލޮނުޒިޔާރަތް ޕާކު ތަރައްގީ ކުރުމުގައި މަސައްކަތުގައި ކޮރަޕްޝަނަށް މަގު ފަހިކޮށްދިން ކަމުގެ ތުހުމަތު މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ތަހުގީގު ކޮށްފަ އެވެ. މައްސަަލަ ތަހުގީގު ކުރުމަށް އޭސީސީއިން ވަނީ މާލޭ ސިޓީ ކައުންސިލް ހިންގާ އިމާރާތް ވެސް ބަލާފާސްކޮށްފަ އެވެ.

އެ ޕާކުގައި ގާއިމްކުރާ ފާހާނާ ބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ކޮރަޕްޝަން ހިމެނޭ ގޮތަށް ކަމަށް އޭސީސީއިން މައްސަލަ ބެލުމަށްފަހު ތަައްޔާރުކުރި ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ޕާކްގައި ފާހާނާ ބަރިއެއް ހެދުމުގެ މަސައްކަތް އަމިން ކޮންސްޓްްރަކްޝަނުން ކުރަނީ އެއްވެސް އެއްބަސްވުމަކާ ނުލައި، ރަސްމީކޮށް އެ މަސައްކަތް ހަވާލު ވެސް ނުކުރަނީސް ކަމަށް އެ ކައުންސިލްގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ޝިފާ ވިދާޅުވެފައިވަނީ އެއީ ބަޔަކު އޭނާގެ އަގު ވައްޓާލުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށާއި އެ ތުހުމަތުގައި ހަގީގަތެއް ނެތް ކަމަށެވެ.

އޭސީސީއިން މައްސަލަ ބެލުމަށްފަހު ދައުވާ ކޮށްދިނުމަށް އެދި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފަ އެވެ. ނަމަވެސް ޕީޖީއިން ވަނީ އެ ރިޕޯޓް އަނބުރާ އޭސީސީއަށް ފޮނުވައިފަ އެވެ.

އިއްޔެ ލޮނުޒިޔާރަތް ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު އާއި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީީދުގެ އިތުރުން ގިނަ އަދަދެއްގެ ސަރުކާރު ވަޒީރުން ބައިވެރިވި އެވެ،

ރައީސް ސޯލިހު އެ ރަސްމިއްޔާތުގައި ބައިވެރިވުމުން ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލޮނުޒިޔާރަތް ޕާކުގެ ގިނަ މައްސަލަތަކެއް އޭސީސީގައި އަދި ޕީޖީ ގައި އޮއްވާ ރައީސް ސޯލިހު އެ ރަސްމިއްޔާތުގައި ބައިވެރިވެޑައިގަތުމުން ސަރުކާރުން ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ނުދެއްވާކަން ހާމަވާ ކަަމަށެވެ.

އަދި ވަނީ ޕާކު ހަދަން ނައިފަރުގެ މަގުތަށް ހެދުމަށް އެންމެ 1.5 މިލިއަން ރުފިޔާ ދިނުމާ ގުޅިގެން އެކަމުގެ ކަންބޮނޑުވުން ފައުޅުކޮށްފަ އެވެ. 16.8 ލޮނުޒިޔާރަތް ޕާކު ހެދުމަށް މިލިއަން ރުފިޔަ ވަނީ ހޭދަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް