ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކަށް އިއްވި 15 އަހަރުގެ ޖަލު ހުކުމަކަށް ހައި ކޯޓުން ތާއިދުކޮށްފި އެވެ.
މީގެ ތިން އަހަރު ކުރިން ބ. އަތޮޅުު ރަށެއްގައި 15 އަހަރުގެ ކުއްޖަކަށް އާއިލީ ގޮތުން ގުޅުން އޮތް މީހަކު ވަނީ ޖިންސީ ގޯނާ ކޮށްފަ އެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމުން ދައުވާކުރަން އެރަށު މެޖިސްޓްރޭޓް ކޯޓަށް ޕޮރެސެކިއުޓާ ޖެނެރަލް (ޕީޖީ)އިން ފޮނުވުން އޭނާގެ މައްޗަށް ދައުވާ ސާބިތުވެ 15 އަހަރަށް ޖަލަށް ލާން ހުކުމް ކުރި އެވެ.
މެޖިސްޓްރޭޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި އޭނާ 15 އަހަރަށް ޖަލަށްލާން ހުކުމް ކުރާ ކަމަށެވެ. އެ ހުކުމް ކުރީ ވަނަ 2017 އަހަރު އޮކްޓޫބަރު މަހު އެވެ.
މެޖިސްޓްރޭޓް ކޯޓުގެ އެ ހުކުމް އޭނާ ހައި ކޯޓުގައި އިސްތުއުނާފު ކުރުމުން، އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން ކުރި ހުކުމުގައި ވަނީ، ކުއްޖަކަށް ގޯނާ ކުރި އެ މީހާ ކުރުމުން ދަށު ކޯޓުގެ ބަންދު މުއްދަތު މަޖިލީހުގައި އޭނާ ކުށަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި ކުށައް އިންކާރު ކުރިިޔަސް އެއީ އިިތުބާރު ދެވޭބެ ގަރީނާއެއް ކަމަށެވެ. އަދި ކުށައް އެއްބަސްވީ މަޖުބޫރުން ކަމަށް ބުންޏަސް، މަޖުބޫރުވި ގޮތެއް ބުނެ ނުދެވޭ ކަމަށާއި އަދި އޭނާގެ ބަޔާނާއި އަނިޔާލިބުނު ކުއްޖާ ކިޔައިދޭ ކިޔައިދިނުން ގުޅުވާލެވޭ ކަމަށް ހުކުމުގައިވެ އެވެ
ހުކުމުގައި އިތުރަށް ވަނީ ހާދިސާ ހިނގި ކަމަށް ބުނާ ތަނުން ފެނުނު ފޮރެންސިކް ހެކިތަކާއި ދައުވާލިބޭ މީހާއާ ދިމާވާ ކަމަށް ތަހުލީލުތަކުން ދައްކާ ކަމަށާއި އަދިި ކުއްޖާ ބުނާ ބުނުމާއި ހެކިން ދީފައިވަ ހެކިބަހާއި ފޮރެންސިކް ހެކިތައް ދިމާވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އަދި އެ ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައި ހުރި ކަމަށް ޑޮކްޓަރުންގެ ރިޕޯޓްތަކުން ފެންނަން އެބައޮތް ކަމަށާއި އެ ރިޕޯޓްގައި ބުނާ ވާހަކަތަކާ ވެސް ކުއްޖާގެ ބަޔާނާއި ދިމާވާ ކަމަށެވެ.
އަދި އެ މީހާގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެންވެ، ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ކްރިމިނަލް ކޯޓުން ވެސް މިދިޔަ އަންގާރަ ދުވަހު ވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ އާއިލީ މީހަކު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.
ހައި ކޯޓުގައި ކުރިއަށް ދިޔަ އެ އިސްތިއުނާފުގެ މައްސަލަ ބެއްލެވީ، ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް