ޒާރާ ކާރުން ފޭބުމާއެކު ވަށައިގެން ނަޒަރު ހިންގާލިއެވެ. ގަރާޖުގައި އޭރުވެސް އިތުރު ކާރެއް އޮތެވެ. ގޭގައި ގެންގުޅޭ ބިދޭސީ ދެފިރިހެނުން ކާރުގެ ޑިކީގައިހުރި ސާމާނުތައް ބާލަންފެށިއެވެ.
''އާދޭ ދަރިފުޅާ......އިމްރާން އަންނާނީ ހީވާގޮތުން ފަހުދުމެނާއެކު...... ޕިކަޕުގައި ދެންހުރި ސާމާނު ހިފައިގެން، ބައްޕަ އަންނާނެ މިހާރު......'' ސަރީފާ ހިނގައިގަތީ ކުރިމަތީގައިހުރި ލިފްޓާ ދިމާލަށެވެ. ދިހަވަރަކަށް މީހުނަށް އެއްފަހަރާ އެރޭވަރުގެ ބޮޑު ލިފުޓެކެވެ. ލިފުޓުގެ ދޮރު ލެއްޕުމާއެކު ސަރީފާ ފިއްތާލީ ދިހަވަނަ ނަމްބަރަށެވެ. މާގިނައިރުތަކެއްނުވެ ލިފުޓްގެ ދޮރު ހުޅުވުނެވެ.
ކުރިމަތީގައިހުރި ދޮރުގެ ތަޅުގައި ނޫކުލައިން ދިއްލިފައި އިންބައިގައި ސަރީފާގެ އިނގިލި ޖައްސާލުމާއެކު ތަޅު ހުޅުވުނެވެ. ސަރީފާގެ ފަހަތުން ޒާރާ އެޕާޓް މަންޓްގެ އެތެރެއަށް ވަނެވެ. ސިޓިންރޫމް ތެރެއިން ދުވަމުންދަނީ ހިތްގައިމު މީރުވަހުން ޒާރާގެ ރޫހު ތާޒާވެގެން ދިޔައެވެ. މެދުގައި ބޮޑު ސޯފާސެޓެއް ހުއްޓެވެ. ސޯފާސެޓަށް ކުރިމަތިވާގޮތަށް ޓީވީސެޓް ބަހައްޓާފައިވާއިރު ތަޅުމުގައި އަޅާފައިވަނީ މޮޅު ދޫލައެކެވެ.
''އާދޭ ދަރިފުޅާ...... އެންމެމަތީ ބައި މިހެދީ ދަރިފުޅުމެން ދެކުދިންނަށް....... ޓެރަސްއިނީމަ އިމްރާނަށް ރަނގަޅުވާނެތީ އެހެންމިހެދީ..... މަންމަމެން އުޅޭނީ ދެން ޖެހިގެންއިން ބައިގަ......އެގޮތް ދަރިފުޅަށް އެންމެ ރަނގަޅުތަ........'' ސަރީފާ ސޯފާގައި އިށީދެލިއެވެ.
ގެއަކީ ދިހަބުރިއަށް ހަދާފައިވާ އެންމެ ޒަމާނީ ގެއެކެވެ. ގޭގެ ކޮންމެ ފަންގިފިލާއަކީ ތިންކޮޓަރީގެ އެޕާޓްމަންޓެކެވެ. އެންމެ ތިރީ ތިން ފަންގިފިލާ ހާއްސަކުރެވިފައިވަނީ ވިޔަފާރިއަށެވެ. ތަފާތު އެކި ވައްތަރުގެ މުދާ ވިއްކާ ފިހާރަތައް އެތަނުގައި ހުރެއެވެ. ހައްތަހާވެސް އިމްރާން މަންމަގެ ނަމުގައި ރަޖިސްޓަރީކޮށްގެން ހިންގާ ފިހާރައެވެ. ބާކީ ހުރި ފަންގިފިލާތައް ކުއްޔަށް ދީފައިވަނީ އަމިއްލަ މީހުންގެ އޮފީސް ހިންގުމަށެވެ. ރާއްޖޭގެ ނަން މަޝްހޫރު އެތައް ކުންފުންޏެއްގެ، އެތައް އޮފީހެއް އެ ގޭގެ އެކި ފަންގިފިލާ ތަކުގައި ހިނގަމުން ދެއެވެ.
އެންމެ މަތީބުރި އިމްރާން ބޭނުންވި ސަބަބު ޒާރާއަށް އޮޅިފައެއް ނެތެވެ. އިމްރާން ބޭނުންވަނީ އެހެން އެއްވެސް މީހެއްގެ އުނދަގުލާ ނުފޫޒު ނުފޯރާގޮތަކަށް ދިރިއުޅުމުގެ ކަންކަން ބައްޓަންކުރާށެވެ.ޒާރާވެސް ބޭނުންވަނީ އެގޮތެވެ. ލިބެންއުޅޭ އެމީހުންގެ ދަރިފުޅާއެކީ، ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅުމަކީ ދެމީހުންވެސް އުންމީދުކުރާ ގޮތެވެ.
ހިތްހަމަޖެހުމާ އުފާ ފާގަތިކަމުގައި ޒާރާގެ ދިރިއުޅުމުގެ ދުވަސްތައް ފާއިތުވަމުން ދެއެވެ. ދުވަސްތަކުގެ ތެރެއިން ހިތްގައިމު ދުވަހެއްގެ އިރު ފެނުން ތޮޅިލިވަގުތެވެ. އުޑުމަތީގައި ދަތުރުކުރަމުންދާ ހާވިލާތަކަށް އިރުގެ ރަންދޯދި އެޅިފައިވާ މަންޒަރަކީ ކިހާ ހިތްގައިމު މަންޒަރެއް ހެއްޔެވެ. ޖައްވުގައިވާ ފަތިހުގެ ފިނިކަން ކެނޑެމުން ދިޔަނަމަވެސް އަންނަ މަޑުމަޑު ވައިރޯޅީގައި ވަނީ ހިތްގައިމު ފިނިކަމެއް އެކުލެވިފައެވެ. މި ހިތްގައިމު މަންޒަރުގެ ތެރެއަށް ހިތް ދޫކޮށްލައިގެން ޒާރާ އިނީ ޓެރަހުގައި ހަދާފައިހުރި ކުޑަކުޑަ ހަޓްގައެވެ. އެތަނުގައި ހައްދާފައިވާ ތަފާތު މާމެލާމެލިން ފުރިފައިވާ ގަސްތައް ވަޔާ ހެލިލާއިރު ހިތަށް އިހްސާސް ކުރެވެނީ އުފާވެރިކަމެވެ. ޓެރަހުގެ އެއްކޮޅުގައި ހަޓް ހަދާފައިވާއިރު އަނެއްކޮޅުގައި ހުރީ ކޮފީ މޭޒެކެވެ. މޭޒުކައިރީގައި ހަރަތު ގޮނޑި ހުއްޓެވެ. ޒާރާގެ ކަސްރަތު ކުރާ ސާމާނުތައް ހުރީ މެދުގައިވާ ހުސް ޖާގައިގައެވެ. ޓެރަހަކީ ބޮޑު ޓެރަހެއްކަމުން އަދިވެސް ހުހަށްއޮތްތަން ކުޑައެއް ނޫނެވެ.
ފަތިސްނަމާދަށްފަހު ކޮންމެ ދުވަހަކުވެސް ކަސްރަތުކޮށްލަން ޒާރާ އެތަނަށް ނިކުމެއެވެ. ވިހަން ބުނެފައިވާ ދުވަސް ކައިރިވަމުން އައި ވަރަކަށް ކުދިކުދި އުނދަގޫތައް ކުރިމަތިވަމުން ދިޔަނަމަވެސް ހުރިހާކަމެއްވެސް ދަނީ ރަނގަޅަށެވެ. ޤަވާއިދުން ސްކޭން ކުރުމާ ޑޮކްޓަރަށް ދެއްކުމުގެ ކަންތަކުގައި ޒާރާ ފަރުވާކުޑައެއް ނުކުރެއެވެ. ފަރުވާކުޑަކުރެވޭނީވެސް އެފުރުސަތު ލިބިގެންތާއެވެ. އިމްރާނާ ސަރީފާ އެކަންކަމަށް ސަމާލުކަންދޭވަރު ޒާރާއަށްވުރެވެސް ބޮޑުހެން ހީވެއެވެ.
ބެލްޖަހާލިއަޑު ދެފަހަރަކު އިވިއްޖެއެވެ. އެހެންނަމަވެސް މިހާ ހެނދުނާ އަންނާނީވެސް ކާކުހެއްޔޭ ޒާރާގެ ހިތަށް އެރިއެވެ. މަންމަވެސް އަދި ނުނިކުންނާނެއެވެ. ޖޮގިން ނިންމާފައި އިމްރާން އައީ ބާވައެވެ. އިމްރާން އައިނަމަވެސް ބެލް ޖަހަންވީ ކީއްކުރަންހެއްޔެވެ. އޭނާއަށް ދޮރުހުޅުވޭނެ ވިއްޔާއެވެ. ދޮރުގެ ޕީޕް ހޯލްގެ ތެރެއިން ޒާރާ ބޭރުބަލާލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ޔަގީންކޮށްލުމަށްޓަކައި އޭނާ ދޮރު ހުޅުވާލިއެވެ. އެހިނދު ޒާރާއަށް ފަހަތަށް ޖެހިލެވުނެވެ. ބުރުގާ ނާޅާ ހުރުމުގެ އިތުރުން، ހަރުވާޅަކާއެކު ކުރު ޓީޝާޓެއްގައި ހުރި ޒާރާ ލަދުން މޯޅިވެއްޖެއެވެ. އަވަސް އަވަހަށް ދޮރުގެ ނިވަލަށް ޖެހިލިއެވެ. ކުރިމަތީގައި ހުރި ފަހުދެވެ. އޭނާގެ ގާތަށް ހިނިއައީ ޒާރާގެ ހަރަކާތްތައް ހުރިގޮތުންނެވެ.
ފަހުދަކީ ބަލާލަން ރީތި ޒުވާނެކެވެ. އިމްރާނަށްވުރެ ދެތިން އަހަރު އުމުރުން ދޮށިވެފައި ކުލަވެސް އަލި މެއެވެ. ކަސްރަތީ ހަށިގަނޑާއެކު ލިބިފައިވާ ދިގު އިސްކޮޅުގެ ސަބަބުން އެ ސޫރައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކުރުކޮށް ކޮށާފައިވާ އިސްތަށިގަނޑާއެކު 'ފްރެންޗް ބިއާޑް' ފަހުދާ ވަރަށް ގުޅެއެވެ. އަންހެންކުދިން ފިދާވާފަދަ ރީތި އަސަރުގަދަ ދެލޮލެވެ. ހިތާކުޅެލާފަދަ ފިރިހެންވަންތަ މޫނުގެ ރީތިކަން އެތައްގުނައަކަށް އިތުރުކޮށްދެނީ ހީލާއިރު ފާޅުވާ ރީތި ދަތްޕިލައިންނެވެ. އާނއެކެވެ. އެހިނިތުންވުމާ އެރީތިކަމުގެ ޖާދޫގައި އެތައް އެތައް އަންހެންކުދިންނެއް ފަހުދު ވަނީ ޖައްސާފައެވެ. އެހެންނަމަވެސް ފަހުދު އެއިން އެއްވެސް ކުއްޖަކާ ރައްޓެހިވީ ޙަޔާތެއް ފެށުމުގެ ނިޔަތެއް ނެތިއެވެ. ނަތީޖާއަކަށްވީ އެފަދަ ކޮންމެ ކުއްޖެއްގެ ހިތްހަލާކު ވުމެވެ. އެކުދިންގެ ކިބައިން ފަހުދު ބޭނުންވާ ކަންތައްތައް ހާސިލް ވުމުން ކޮންމެކުއްޖަކުވެސް ބާކީކޮއްލައެވެ. ފަހުދުގެ ހިތުން އެކުދިންގެ ނަންވެސް ފޮހެލައެވެ. ފަހުދު ދެކޭގޮތުގައި ފައިސާ އާއި އަންހެންކުދިންނަކީ ދުނިޔެއިން ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ޒުވާން އުމުރަކީ ހިތްހަމަޖައްސަން ލިބިފައިވާ ދުވަސްތަކެއްކަމުގައި އޭނާ ގަބޫލުކުރެއެވެ. ތުއްތުއިރުއްސުރެ ފަހުދު އުޅުނީ އިމްރާނާއެކުގައި ކަމުގައި ވިޔަސް ދެމީހުންގެ މިޒާޖު އުޑާބިމާހާ ތަފާތެވެ. ފަހުދުގެ އުމުރުން އުމުރުން ސޯޅަ އަހަރުގައި އޭނާގެ ބައްޕަ ނިޔާވިއެވެ. ދުވަސްކޮޅެއްފަހުން ދިގުމުއްދަތަކަށް ބަޔަކަށް ގެ ކުއްޔަށް ދީފައި މެލޭޝިއާއަށް ފަހުދުގެ މަންމަ ބަދަލުވިއެވެ. ދެކުދިންނަށް ކިޔަވާދިނުމުގެ ބޭނުމުގައެވެ.
''ފަހަރީ...... ކޮބާ އިމްރާން....... އޭނާ ނިދާފަދޯ އަދިވެސް.......'' ފަހުދު އެއްވެސް ޖެހިލުމެއް ނެތި އެތެރެއަށް ވަނުމުން ޒާރާ ކަންބޮޑުވިއެވެ. އެފަދަގޮތަކަށް ޒާރާ ހުއްޓާ ފަހުދު އެތެރެއަށް ވަދެދާނެކަމަކަށް ޒާރާ ހިޔެއް ނުކުރެއެވެ. ފަހުދުގެ ނަޒަރު، ޒާރާގެ ހަށިގަނޑުން ހިނދުކޮޅަކަށްވެސް ވަކިނުވާކަން އެނގުމުން ޒާރާ ހާސްވާން ފެށިއެވެ. އުނދަގުވާންފެށިއެވެ.
އަވަސްއަވަހާ ކުރިމަތިންހުރި އެމީހުންގެ ނިދާކޮޓަރިއަށް ޒާރާވަނެވެ. އެއްޗިހި ބަދަލުކުރަމުން ދިޔައިރުވެސް އޭނާގެ ހަތަރެސްފައިގައި ތުރުތުރު އަޅައެވެ. މާނބަޑު މީހުން ލާކަހަލަ ދޫހެދުމަކާއެކު އާދައިގެ ބުރުގާއެއް ބޮލަށް ވައްޓާލުމަށްފަހު ޒާރާ ކޮޓަރިން ނިކުތެވެ. ފަހުދެއް ނެތެވެ. އޭނާ ހިނގައްޖެއެވެ. ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނީ ފަހުދު އެތަނުގައިނެތްކަން ޔަގީންވުމުންނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ޒާރާގެ ނޭފަތުގައި ޖެހުނީ ސިނގިރޭޓް ދުމުގެ ނުބައިވަހެވެ. އެވަސް ޖެހުމާއެކު އޯކަށް ދެމެވުނެވެ. ޓެރަހުގައި ހުރެގެން ފަހުދު ސިގިރޭޓް ބޮނީއެވެ. ހުރިހާދުމެއް ވަޔާ އަންނަނީ އެތެރެއަށެވެ.
''އައްދެ...... ފަހަރިއަށް އުދަނގުވޭދޯ....... ސޮރީ....ސޮރީ......'' ޒާރާ އޯކަށް ދެމުނުއަޑު ފަހުދަށް އިވުނެވެ. ހުރިތަނަށް ސިނގިރޭޓްބުރި ވައްޓާލުމަށްފަހު ނިއްވާލިއެވެ. ޑޮކްޓަރަކަށް ވިޔަސް އެއްވެސް މިންވަރަކަށް މީހުނަށް އިހްތިރާމް ކުރަން ނޭނގޭތާނގައި، ސިނގިރޭޓްދުމުން މާނބަޑު އަންހެނުންގެ ބަނޑުގައިވާ ދަރިފުޅަށް އަސަރުކުރާނެކަން ފަހުދަށް ހަމަ ނޭގެނީބާއޭ ޒާރާގެ ހިތަށް އެރިއެވެ. ބޭރުގައުމެއްގައި އެތައް ދުވަހެއް ހޭދަކުރުމުން އައިސްފައިވާ ނޭދެވޭ ބަދަލަކަށް ވެދާނެޔޭ ހީކޮށް ހިތްހަމަޖައްސާލަން ޒާރާބޭނުންވިއެވެ. އެހެން ނޫނަސް ފަހުދާ ދޭތެރޭގައި ޒާރާ ވިސްނަންވީ ކީއްވެހެއްޔެވެ.
''އިމްރާނަށް ގޮވާބަ..... ނުވާނެ އެހާގިނައިރު ނިދަން ބާއްވާކަށް..... އެހެންނޫނަސް މިދުވަސްކޮޅު ފަހަރި ތިހެން އެކަނިކޮށްފަ އެހެން އޮންނަން ހެޔޮނުވާނު....... '' ފަހުދު އެތެރެއަށްވަދެ ސިޓިންރޫމް ސޯފާތެރެއަށް ވެއްޓިގަތެވެ. ޒާރާ ހަމަ އެހުރިގޮތަށް ހުރީއެވެ. އޭނާ ހިތާހިތުން ދުޢާކުރަމުން ދިޔައީ އިމްރާން އަވަހަށް ގެއަށް އާދޭތޯއެވެ.
''މަށަށް ދައްކަބަލަ ކޮޓަރި....... ފަހަރިއަށް ގޮވަން ނުކެރިފަހުއްޓަސް މަ ގޮވާފާނަމޭ....... މިއީ ދޯ........'' ފަހުދު އަވަސް ފިޔަވަޅުތަކެއް އަޅަމުންގޮސް ހިފީ ޒާރާގެ ދެމަފިރިން ނިދާ ކޮޓަރީ ދޮރުގެ އަތްގަނޑުގައެވެ.
''އިމްރާން ނޫޅޭ ގެއަކު....'' ޒާރާ އަށް ބުނެވުނީ އެވަރަށެވެ. ފަހުދު އެކޮޓަރި ހުޅުވާލުމާއެކު އެތެރެއަށް ވަދެއްޖެއެވެ. ޒާރާ އަށް ފަހުދުގެ އެ އަމަލު އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. ދެމަފިރިންގެ ނިދާކޮޓަރިއަށް ފަހުދު ވަންނަންވީ ކީއްވެހެއްޔެވެ. އެއީ އިމްރާނާ ޒާރާގެ ކޮޓަރިއެވެ. އިމްރާން ނެތީސް އެގޮތަށް ފަހުދަށް އެ ކޮޓަރިއަށް ވަދެވިގެން ނުވާނެއެވެ. ހިތާހިތުން ކުދިކިޔަމުން ދިޔަ ކަމުގައިވިޔަސް، ޒާރާގެ އަނގައިން އެންމެ ބަހެއްވެސް ބޭރުކޮށްލާކަށް ނުކެރުނެވެ. ފަހުދަކީ އިމްރާން ވަރަށް ގަދަރުކުރާ އޭނާގެ އުފަން ބޭބެއެއްފަދަ މީހަކަށްވެފައި ފުރަތަމަ ފަހުދު ޒާރާމެންގެ އެޕާޓްމަންޓަށް އައި ދުވަސްކަމަށްވުމުންވެސްމެއެވެ.
''އިމްރާން ކޮންތާކަށް ދިޔައީ...... މިހާ ހެނދުނާ..... އަނެއްކާ ނިދަންވެސް ނާންނަނީތަ ރޭގަ...... ހެހެ އެއީމަޖާ އިނގޭ...... އިމްރާނަކީ އެކަހަލަ މީހެއް ނޫންވިއްޔަދޯ........ އެއަށްވުރެ މާ 'ސޯލިހް' ސޮރެއް އެއީ.......އެއްވެސް ވަރަކަށް 'އިންޖޯއި' ކުރާކަށް އޭނާ ބޭނުމެއް ނުވޭ....... އެހާ ރިޗް އިރުވެސް ވަރަށް ކަޓްކޮށް ދޯ އުޅެނީ....... އަޅެ ފަހަރި ބުނާނީ ކީކޭ މިކަމާ..........ދޮގެއްތަ މިބުނީ........''
އެވަގުތު ދޮރުހުޅުވާލާފައި އެތެރެއަށް ބޯދިއްކޮލީ އިމްރާނެވެ. އިމްރާން ފެނުމުން ޒާރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ފަހުދު ކޮޓަރި ދޮރު ލައްޕާލަމުން އިމްރާނާ ދިމާއަށް ބަލާލިއެވެ.
''އައްދެ..... ފަހުދުވެސް އެބައުޅެންދޯ...... ހާދަ ހެނދުނަކާ......'' އިމްރާން ބޫޓު ފައިން ނައްޓާލުމަށްފަހު ދޮރުން ބޭރުގައި ހުރި ފައިވާން ހަރުގައި ބެހެއްޓިއެވެ. އެއަށްފަހު ސްޓާކީން ވެސް ހަމަ އެހަރުގައި އަޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ފައިގެ އިނގިލިކޮޅު އެކަނި ޖައްސައިގެން ސިޓިންރޫމް ހުރަސްކޮށް ޓެރަސްއަށް އޭނާ ނިކުތީ ފައި ދޮވެލުމަށެވެ. އިމްރާނަކީ ތަރުތީބުކަމާ ސާފުތާހިރުކަމަށް ނިކަން ލޯބިކުރާ މީހެކެވެ. ޖޮގިން ނިންމާފައި އައިސް ފައި ނުދޮވެ ދޫލަމަތީ ހިނގުމަކީ އޭނާ ކުރާކަމެއް ނޫނެވެ. އިމްރާނަށް ހޫނު ކޮފީތައްޓެއް ހިފައިގެން ނިކުތް ޒާރާގެ މޫނަށް ނަޒަރު ހުއްޓުމާއެކު އެ މޫނުން ނުތަނަވަސްކަމެއް އިމްރާނަށް ފާހަގަކުރެވުނެވެ. ކޮފީމޭޒުމަތީގައި، އިމްރާންގެ ކުރިމަތީގައި ޒާރާ ކޮފީތަށި ބެހެއްޓިއެވެ.
''ފަހަރީ .... އިމްރާނަށް އެކަނިތަ..........ކޮބާ މަށަށް......... މިގޭގައި ހުރިއްޔާ އިމްރާނަށް ދޭ އެއްޗެއް މަށަށްވެސް ދޭންވާނެ އިނގޭ....... ކީކޭ ބަޑީ........'' އިމްރާންގެ ކޮނޑުގައި ޖަހާލަމުން، އިމްރާނަށް ކުރިމަތިވާގޮތަށް ހުރި ގޮނޑީގައި ފަހުދު އިށީނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް