ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަށް މިދިޔަ ދެ އަހަރު އިސްކަން ދީގެން މަސައްކަތް ކޮށްފައިވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭ ބިލިއާޑް ހައުސް ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. ބިލިއާޑް ހައުސް ހުޅުވާފައިވަނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި އެވެ.
އެ ހަފްލާގައި ނައިބު ރައީސް ވިދާޅުވީ ހިންގުމުގެ ދާއިރާގައި ޒުވާނުންގެ ދައުރު އިތުރުކުރަން ވިސްނަންޖެހިފައިވާ ކަމަށެވެ. އަދި ސަރުކާރަށް ދެ އަހަރު ވެގެންދާއިރު އަދިވެސް އެންމެ ބޮޑު ސަމާލުކަމެއް ދެވެމުންދަނީ ގާބިލު ޒުވާން ޖީލެއް ބިނާކުރުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ ޒުވާނުންނަކީ މަސައްކަތްތެރި، އެފެއްދުންތެރި އަދި ގައުމަށް ފައިދާހުރި ބަޔަކަށް ވުމަށް ޢަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.
ހުޅުމާލެ ބިލިއާޑު ހައުސް ރަސްމީކޮށް ހުޅުވައިދެއްވުމަށް ފަހު, ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ އެއްވަނަ އަންހެން ބިލިއާޑު ކުޅުންތެރިޔާ ކަމުގައިވާ އައިމިނަތު ފާތީއާއެކު ބިލިއާޑު މެޗެއް ކުޅުއްވާފައެވެ
މި ހަފްލާގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދިރުއާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒުގެ އިތުރުން މޯލްޑިވްސް ޕޫލް ބިލިއާޑު އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް