އިއްޔެ ކުރީގެ ހެންވޭރު އަޑިޕާކުގައި ހުޅުވި ހިތްގައިމު ލޮނުޒިޔާރަތް ޕާކަށް ވަދެވޭ ގަޑިތަކާއި އެތަނުގައި އަމަލު ކުރަންޖެހޭ ގަވައިދުތައް މާލޭ ސިޓީ ކައުންސިލުން އާންމުކޮށްފި އެވެ.
އެ ޕާކު ހުޅުވުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ފަތިހު 4:30 ން ހެނދުނު 9:30 އަށެވެ. އަދި ހަވީރު 4:30 ން ރޭގަނޑު 9:30 އަށެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ޕާކަށް ވަދެނުކުމެވާ ހުރިހާ އެންމެން އަދި ޕާކު ތެރޭގައި އުޅޭއިރު އުޅެންޖެހޭނީ މާސްކު އަޅައިގެން ކަމަށެވެ. ޕާކުތެރެއަށް ކުނި އެޅުމަށް ހާއްސަ ކުރެވިފައިވާ ތަންތަނަށް ނޫން ތަނަކަށް ކުޅިއެޅުމަކީ މަނާކަމެކެވެ.
ޕާކުތެރެއަށް ކާބޯތަކެތި ވެއްދުމަކީ މަނާކަމެކެވެ. ޕާކުތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ޕާކަށް ތޫނު ހަތިޔާރު ފަދަ އެއްޗެހި ވެއްދުމަކީ މަނާ ކަމެކެވެ.
ޕާކަށް ވަނުމުގެ ކުރިން އަތް ދަބަސް ބަލައި ފާސް ކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. މީގެ އިތުރުން ޕާކުގައި ހުންނަ މާމެލާއިމެއްޔާއި ގަސް ގަހާއި ގެއްސަށް ގެއްލުން ދީފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެވެ.
މި ޕާކުގައި ފެންގަނޑަކާއި، އެފެންގަނޑު މަތިން ހުރަސްކުރެވޭގޮތަށް އަޅާފައިވާ ބްރިޖަކާއި، އުސްފަސްގަނޑެއްވެސް ހިމެނެއެވެ. އަދި ރާޅާ އަޅާ ޒުވާނުންނަށް ބޭނުންވާ ގަރޓް ޕޯސްޓް ބޮޑުކޮށް، އަލުން ވަނީ މަރާމާތުކޮށްފައެވެ. ޕާކުގައި ހައްދާފައިވާ ގަސްތަކާއި މާމެލާމެލީގެ ސައިންޓިފިކް ނަންތަކާއި ދިވެހި ނަންވެސް އާއްމުންނަށް ފެންނާނެހެން ހަރުކޮށްފައި ވެއެވެ. އަދި ޕާކުގެ އެކި ސަރަހައްދުތަކަށް ތަފާތު ނަންތައް ދީފައިވެ އެވެ.
ލޮނުޒިޔާރަތް ޕާކުގައި މީހުންނަށް އިށިނދެވޭގޮތަށް 300 އަށްވުރެ ގިނަ ތަފާޓު ޑިޒައިންތަކަށް ހަދާފައިވާ ގޮނޑި ހުރެ އެވެ. އަދި ކުޑަކުދިން ބައިސްކަލް ދުއްވާނެ ސަރަހައްދަކާއި ކަސްރަތަށް މީހުން ހިނގާނެ ލޭނަކާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ފަސޭހައިން ވަދެ ނުކުމެވޭގޮތަށް ހަދާފައިވެ އެވެ.
2.5 ހެކްޓަރުގެ ސަރަހައްދެއްގައި ހިތްފަސޭހަ ބަގީޗާއެއްގެގޮތުގައި ލޮނު ޒިޔާރަތް ޕާކު ތަރައްގީކުރުމަށް ޖުމްލަ 16.8 މިލިއަން ރުފިޔާ ދަޢުލަތުން ހަރަދުކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް