N/A
ރަސްމާލެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ހަލީލް ކަންބޮޑުވުން ފާޅުކުރެއްވުމުން، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ހައިރާންވެވަޑައިގެންނެވި ކަމަށް ވިދާޅުވެ އެކްސްގައި ރައްދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކުރީގެ ރައީސް ޔާމީނަށް ވުރެ ވެސް ކުރީގެ ހާރިޖީ ވަޒީރު ހަލީލް އެ މަޝްރޫއާ ދެކޮޅު ހެއްދެވުމުން ހައިރާންވެވަޑައިގެންނެވި ކަމަށެވެ. އަދި ކުރިން ހީފުޅުކުރެއްވުނީ ގޯސްކޮށް ކަމަށް ވެސް ފަލާހް ވިދާޅުވެފައިވެއެވެ.
ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ ރާއްޖެ ތަރައްގީ ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާ ކަމަށާއި، އެ ފަދަ މަޝްރޫއުތައް ހާމަކަން ބޮޑު ގޮތެއްގައި ތަންފީޒު ކުރުމަކީ ކޮރަޕްޝަނާ ދުރުހެލިވެ ކާމިޔާބީ ހޯދުމަށް މުހިންމު ކަމެއް ކަމަށެވެ. ރަސްމާލެ ސިފަކުރައްވާފައި ވަނީ އާދަޔާ ހިލާފަށް ބޮޑު މަޝްރޫއެއްގެ ގޮތުގައެވެ.
ހަލީލް ވަނީ ރަސްމާލެ ޕްރޮޖެކްޓާ ގުޅޭ ހަތް ސުވާލެއް ސަރުކާރަށް އަމާޒުކުރައްވައިފައެވެ. އޭގެ ތެރޭގައި ރަސްމާލެ ހިއްކުމަށް މިހާތަނަށް ދައުލަތުން ހޭދަކުރި މިންވަރާއި، ބިމާއި ފަޅުގެ އަގުމަގު ކުރެވިފައިވޭތޯ އާއި، އިންވެސްޓްމަންޓުން އަޕްފްރަންޓް ޕެއިމަންޓެއް ލިބޭތޯ އާއި، ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީ އާއި، ބިމުގެ މިލްކުވެރިކަން ދޫކުރަނީ ދާއިމަށްތޯ އާއި، 5000 ހައުސިން ޔުނިޓް ބިނާކުރަނީ ދައުލަތަށް ލިބޭ ފައިސާ އިންތޯ އާއި، އެ އިންވެސްޓްމަންޓްގެ ސަބަބުން ރައްޔިތުންގެ ހައްގެއް ގެއްލޭތޯ ސާފުކުރެއްވުން ހިމެނެއެވެ.
ހަލީލް ފާހަގަކުރެއްވި ގޮތުގައި، އިންވެސްޓް ކުރާ ފަރާތާއި ސަރުކާރުގެ ބައެއް ވެރީންގެ އަދަދުތަކުގައި ބޮޑެތި ފަރަގުތައް ހުރުމުން، ރައްޔިތުންގެ މެދުގައި ހައްސާސް ކަންބޮޑުވުންތައް އެބަ ހުއްޓެވެ. ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ބަހުސް ހޫނުވަމުން އަންނައިރު، މި ސުވާލުތަކަށް ސަރުކާރުން ޖަވާބުދެއްވާފައެއް އަދި ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް