ޙައްޖު ކިއުގައި ތިން އަހަރުވީ 70 އަހަރުން މަތީ މީހުން އަންނަ އަހަރު ހައްޖަށް ފޮނުވަނީ

ޙައްޖަށް ދިއުމަށް ފައިސާ ދެއްކިފަހުން ތިން އަހަރު ވެފައިވާ، ޢުމުރުން 70 އަހަރުން މަތީ އެންމެންނަށް ހިޖުރީ އަހަރުން 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް ފުރުޞަތު ދިނުމަށް ހައްޖު ކޯޕަރޭޝަނުން ނިންމައި...

12 Oct 2026 | 08:56
ރާއްޖެއިން މީގެ ކުރިން ހައްޖަށް ދިޔަ ބަޔަކު -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ރާއްޖެއިން މީގެ ކުރިން ހައްޖަށް ދިޔަ ބަޔަކު -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ޙައްޖަށް ދިއުމަށް ފައިސާ ދެއްކިފަހުން ތިން އަހަރު ވެފައިވާ، ޢުމުރުން 70 އަހަރުން މަތީ އެންމެންނަށް ހިޖުރީ އަހަރުން 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް ފުރުޞަތު ދިނުމަށް ހައްޖު ކޯޕަރޭޝަނުން ނިންމައިފި އެވެ.

މި ނިންމުމާއި އެކު އަންނަ 2027 ވަނަ އަހަރު އެ ފަރާތްތަކަށް ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ރާއްޖެއަށް ކޮންމެ އަހަރަކު ލިބޭ ޙައްޖު ކޯޓާއާ އަޅައިބަލާއިރު ކިއުގައި ދޮށީ ޢުމުރުގެ ގިނަ ބަޔަކުތިބެ އެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ އެ ފަރާތްތަކަށް ދިގު އިންތިޒާރެއް ކުރަން ޖެހި ފަރުޟު ޙައްޖު އަދާނުކުރެވިދާނެ ކަމުގެ ކަންބޮޑުވުން އޮތުމުން މި ބަދަލު ގެންނަން ނިންމީ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދޭގޮތުގައި މި އުޞޫލު ތަންފީޒުކުރާނީ ޢުމުރާއި ކިއުއިން ޖާގަ ލިބުނު ތާރީޚަށް ބެލުމަށް ފަހު އެވެ. އަދި ޖާގަ ދިނުމުގައި ވަކި މީހަކަށް ތަފާތު ނުކޮށް ހަމަ ހަމަކަމާއި އެކު ފުރުސަތު ދޭނެ ކަމަށް ހާމަ ކުރެ އެވެ.

މި އުޞޫލުގެ ދަށުން ތިން އަހަރު ހަމަވެފައިވާ ކަމަށް ބަލާނީ 31 ޑިސެމްބަރު 2023 ގެ ނިޔަލަށް ޙައްޖަށް ފައިސާ ދައްކާފައިވާ ފަރާތްތަކެވެ. އަދި 70 އަހަރުން މަތީ ޢުމުރުފުރާ ކަނޑައަޅާނީ 31 ޑިސެމްބަރު 2026 ގެ ނިޔަލަށް 70 އަހަރު ފުރިފައިވާ ފަރާތްތަކެވެ.

އެ ކޯޕަރޭޝަނުން ބުނީ މި ޝަރުތު ހަމަވާ 324 މީހުން އެބަތިބި ކަމަށާއި އެ އެންމެންނަށް އަންނަ އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. އޭގެ ތެރެއިން 75 އަހަރުން މަތީގެ 86 މީހުން ހިމެނެއެވެ.

ފުރުޞަތު ލިބޭ ކޮންމެ ފަރާތަކީ ވެސް ކުރިން ޙައްޖު އަދާކޮށްފައި ނުވާ، ހަމައެކަނި ފަރުޟު ޙައްޖު އަދާކުރުމަށް ދާ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން، 65 އަހަރާއި 69 އަހަރާ ދެމެދުގެ ފަރާތްތަކުގެ ތެރެއިން 1448 ވަނަ އަހަރު ޙައްޖުވެވޭނެ ކަމަށް ކުރިން އަންދާޒާކޮށްފައިވާ ފަރާތްތަކަށް ލަސްވުމެއް ނާންނާނެގޮތް ހެދުމަށްޓަކައި، 65 އަހަރުން މައްޗަށް ކިއުގައި އިސްކަން ދޭ ގޮތަށް ވެސް ހަމަޖައްސާފައިވެއެވެ. ހަމައެހެންމެ، އެ ޢުމުރުފުރާގެ ފަރާތްތައް އެކުގައި ޙައްޖަށް ދާން ފައިސާ ދައްކާފައިވާ ޢާއިލީ މެންބަރެއް ކިއުގައި ހިމެނޭ ނަމަ، އެ މެންބަރަށް ވެސް އެކުގައި ދެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެ އެވެ.

މި ބަދަލާ އެކު ކިއުގައި ތިބި 65 އަހަރުން ދަށުގެ ބައެއް ފަރާތްތަކަށް ގާތްގަނޑަކަށް އެއް އަހަރެއްހާ ދުވަހުގެ ލަސްވުމެއް ކުރިމަތިވި ނަމަވެސް، ދިގު މުއްދަތެއް ވަންދެން އިންތިޒާރުގައި ތިބި ދޮށީ ޢުމުރުގެ އެތައް ރައްޔިތުންނަކަށް މިއީ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ކުރިއަށް އޮތް ތަނުގައި ޙައްޖު ކިއުގެ ނިސްބަތް ޒުވާން ޢުމުރުފުރާތަކަށް ބަދަލުވެ، ހުރިހާ ޢުމުރުފުރާއެއްގެ ރައްޔިތުންނަށް ވެސް ޙައްޖުވުމުގެ ފުރުޞަތު އަވަސްވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް