ވިލިނގިލީ އެއާޕޯޓުގެ ކޮންޓްރެކްޓަރު ބަދަލުކޮށް އަންނަ މަހު އަމަލީ މަސައްކަތް ފަށަނީ

ގއ. ވިލިނގިލީގައި ބައިނަލްއަޤުވާމީ އެއާޕޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓަރު ބަދަލުކޮށް، ނޮވެމްބަރު މަސް ނިމުމުގެ ކުރިން ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސިވިލް އޭވި...

12 Oct 2026 | 08:52
ޓޫރިޒަމް މިނިސްޓަރު އަމީން -- ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް މިނިސްޓަރު އަމީން -- ފޮޓޯ: ރައީސް އޮފީސް

ގއ. ވިލިނގިލީގައި ބައިނަލްއަޤުވާމީ އެއާޕޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓަރު ބަދަލުކޮށް، ނޮވެމްބަރު މަސް ނިމުމުގެ ކުރިން ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން ރޭ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ "އަހާ" ފޯރަމުގެ ރޭގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އައު ކޮންޓްރެކްޓަރަކާ އެކު ސޮއިކުރުމުގެ މަރުޙަލާގައި މިހާރު އޮތް ކަމަށެވެ. އެހެން ނަމަވެސް އައު ކޮންޓްރެކްޓަރަކީ ކޮން ފަރާތެއް ކަމެއް އަމީން ހާމަކުރައްވާފައެއް ނުވެއެވެ.

ކުރީގެ ކޮންޓްރެކްޓް ބާޠިލުކުރެއްވި ސަބަބެއް ވެސް ވިދާޅުވެފައެއް ނުވެއެވެ.

މި މަޝްރޫޢު އެންމެ ފުރަތަމަ ހަވާލުކޮށްފައި އޮތީ 2024 ވަނަ އަހަރުގެ ފެބްރުއަރީ 22 ގައި ބެލްޖިއަމްގެ އެން ވީ ބޭސިކްސް އެސްއޭ ކިޔާ ކުންފުންޏަކާއެވެ. އެއީ ދުބާއީގެ ބުރުޖު ހަލީފާ ބިނާކުރުމުގައި ބައިވެރިވި ކުންފުނިތަކުގެ ތެރެއިން ކުންފުންޏެކެވެ.

ރިޔާސީ އިންތިޚާބަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވިލިނގިއްޔަށް ވަޑައިގެން، އެ މަޝްރޫޢުގެ ޑިޒައިން ދައްކާލައްވައި އެ ކޮންޓްރެކްޓަރާ އެކު އެމްއޯޔޫގައި ސޮއިކުރެއްވިއެވެ.

ވިލިނގިއްޔަކީ ގއ. އަތޮޅުގެ ވެރިކަންކުރާ ރަށް ކަމަށް ވާއިރު، މި އެއާޕޯޓަކީ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް