ކޯވިޑް-19 އަށް ޕީސީއާރު ޓެސްޓު ހެދުމަށް ފުރިހަމަ ނަތީޖާ ނުލިބޭ ޓެސްޓު ކިޓުތަކެއް ބޭނުން ކުރެވިފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކިޓްތަކުން ކުރާ ޓެސްޓުތަކުގެ ނަތީޖާ ރަނގަޅުނޫންކަން ފާހަގަ ކުރެވުމާއި އެކު ކިޓްތަކަށް ދިމާވި މައްސަލަ ދެނެގަތުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް އެނގުނު ގޮތުގައި އެ ކިޓްތަކުގެ ނަތީޖާ ފުރިހަމަ ނުވަނީ ކިޓްތައް ގުދަން ކުރުމުގައި ދިމާޥި މައްސަލައަކުންނެވެ.
އެ މައްސަލަ ދިމާވީ މިހާރު ހުރި ކިޓުތަކުގެ ތެރެއިން އެއް ބެޗްގެ ކިޓުތަކުގައި ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ބެޗްގެ 3000 އަށް ވުރެ ޓެސްޓް ކިޓް ބޭނުންނުކޮށް އެބަހުރި ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ޓެސްޓު ކިޓްތައް ގުދަން ކުރުމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު މި ކިޓްތައް ބޭނުން ކޮށްގެން ކޮށްފައިވާ އެއްވެސް ޓެސްޓެއްގެ ނަތީޖާ މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ އަދަދުގެ ތެރޭގައި ހިމަނާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
އެސްޓީއޯއާ އެކު އެއްބަސްވުމެއްގެ ދަށުން މިގޮތަށް ގެންނަ ކިޓުތަކުގެ ތެރެއިން ހާއްސަކޮށް މައިނަސް ފްރީޒިން ޓެމްޕަރޭޗާގައި ބަހައްޓަން ޖެހޭ ކިޓުތައް އެ ކުންފުނީގެ ކޯލްޑް ސްޓޯރޭޖުގައި ބެހެއްޓުމަށް އެއްބަސްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް ކުރިއަށް އޮތް 20 ދުވަހު ބޭނުންކުރެވޭނެ ގޮތަށް 40،000 ޓެސްޓު ކިޓު އެބަހުރި ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަހުގެ ސަޕްލައި ވެސް ޔަގީންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް