ކޯވިޑް ކޭސްތައް އިތުރުވާތީ އިޓަލީގައި ފިޔަވަޅުތައް ވަރުގަދަކުރަން ނިންމައިފި

ޔޫރަޕާއި، އިޓަލީވިލާތުގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ އެ ގައުމުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ނިންމައިފި އެވެ. މިކަމާއި ގުޅިގެން އިޓަލީގެ ސިއްހަތާ ބެހޭ...

12 Oct 2020 | 17:18

ޔޫރަޕާއި، އިޓަލީވިލާތުގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ އެ ގައުމުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ނިންމައިފި އެވެ.

މިކަމާއި ގުޅިގެން އިޓަލީގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އެ ގައުމުން މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ނިންމުން ނިންމީ އިތުރު ލޮކްޑައުންއަކަށް ދާން ބޭނުންނުވާތީ ކަމަށް ވަނީ ބުނެފަ އެވެ.

އިޓަލީ ސަރުކާރުން އިތުރަށް ބުނެފައިވަނީ މިހާރުވެސް އަޅާފައިވާ ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑަށް ބަލި ފެތުރިގެން ދިޔަ ސަރަހައްދުތަކުގައި ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި ވީނަމަވެސް، އަވަށްޓެރި ގައުމުތަކުގައި އާއި އިޓަލީވިލާތުގައި ކޭސްތައް އިތުރުވާތީ ފިޔަވަޅުތައް ދުރާލާ ވަރުގަދަ ކުރަން ނިންމީ ކަމަށް ބުނެފައިވެ އެވެ.

އިޓަލީވިލާތުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމާފައިވާއިރު، ހުކުރު ދުވަހު އެ ގައުމުން 5000ށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. މިއީ މި ބަލި އެ ގައުމުގައި އެންމެ ބޮޑަށް ފެތުރިގެންދިޔަ ދުވަސްވަރު ކޭސްތައް ރިޕޯޓްކުރެވުނު އަދަދާ ގާތްކުރާ އަދަދެކެވެ.

އިޓަލީވިލާތަކީ މުޅި ދުނިޔެއިން 17 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ގައުމެވެ. އެގައުމުން މިހާތަނަށް 354،950 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 36،166 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ. އަދި ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ މި ބަލި ބޮޑަށް ފެތުރިގެން ދިޔައީވެސް އިޓަލީވިލާތުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް