ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން)ގެ ބައެއް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި މިއަދު ވާޗުއަލްކޮށް ބައްދަލުކުރައްވައިފި އެވެ.
މިއަދު މިނިސްޓަރު ޝާހިދު ބައްދަލުކުރައްވާފައިވަނީ އިންޑޮނީޝިއާ އަދި މެލޭޝިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ހައިކޮމިޝަނަރުންނާއި، ލާއޯސް، ފިލިޕީންސް، ތައިލެންޑް އަދި ވިއެޓްނާމް އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ އެމްބެސެޑަރުންނާއެވެ.
މި ބައްދަލުވުމުގައި ކޯވިޑް-19ގެ ސަބަބުން ރާއްޖެއާއި އާސިއާންގެ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެންމެ ފަހުގެ މައުލޫމާތު މިނިސްޓަރާއި ސަފީރުން ހިއްސާ ކުރެއްވިއެވެ.
އަދި ރާއްޖެއާއި އާސިއާންގެ ޤައުމުތަކާއެކު އޮންނަ ދޭދޭ ގުޅުން ބަދަހިކުރުމާއި، މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ކޯވިޑް-19 އާއި ގުޅިގެން ޤައުމުތަކުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިސްނެންގެވުމަކަށް، އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ފޮރިން މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް